ތިބާގެ ރިޒުޤް ހުރީ އުޑުގަ! ނުލިބިގެން ތިއައުޅެނީ އުޑުގަހުރި އެއްޗެއް ބިމުގަ ހުރި މީހެއްގެ އަތުން ހޯދަން މަސައްކަތްކުރެވޭތީ!: ޝައިޚް މުޙައްމަދު ބާޖައުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ތިބާގެ ރިޒުޤް ހުރީ އުޑުގަ! ނުލިބިގެން ތިއައުޅެނީ އުޑުގަހުރި އެއްޗެއް ބިމުގަ ހުރި މީހެއްގެ އަތުން ހޯދަން މަސައްކަތްކުރެވޭތީ!: ޝައިޚް މުޙައްމަދު ބާޖައުރު

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ މިވެނި އެވެނި މީހަކު ކުރަން ބުނާ ކަމެއް ނުކޮށްފިނަމަ ރިޒުޤް ބަންދުވާނެކަމަށެވެ. ތިމާއަށް ކާންބޯން ނުލިބޭނެ ކަމަށެވެ. މިއީ ކޮންފަދަ ނުބައިކަންބޮޑު ވިސްނުމެއް ހެއްޔެވެ؟ 

މިޘާލަކަށް ވަޒީފާ ދިން މީހާ ކަނޑައެޅިގެން ފާފައަކަށް އަރައިގަންނަން އެދުނަސް އެކަންވެސް އެބަކުރެއެވެ. ވަޒިފާ ދިން މީހާ ރުއްސަން މަސައްކަތްކުރަން ހަދައިގެން ނަމާދުގެ ޖަމާޢަތް އެބަގެއްލެއެވެ. އަދި ގޭގައި ހުރެވެސް މާދަމާއަށް ކޮންމެހެން ނިންމަން ޖެހޭ މަސައްކަތް ނިންމަން އުޅެންހަދައިގެން ހުކުރަށް ނުދެވި އެބަދެއެވެ. ދަތިޙާލުގައި ހުރި އަންހެނަކަށް އެހީތެރިވެ ކާއެތިކޮޅު ދިއްކޮށްލައިދޭ މީހާ ރުއްސަން އޭނާ ބުނުމުން އެބަ ޒިނޭ ކުރެއެވެ. 

މީސްތަކުންނޭވެ! ތިއަބައިމީހުންގެ ރިޒުޤްވަނީ މިދުނިޔެއަކު ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އުޑުގައެވެ. ވީއިރު އެރިޒުޤްވަނީ މިވެނިމީހެއްގެ އަތުގައި ކަމަށް ޤަބޫލުކުރުމަކީ ކޮންފަދަ ނުބައިކަން ބޮޑު ވިސްނުމެއް ހެއްޔެވެ؟ އުޑުގައިވާ އެއްޗެއް އެއްވެސް މީހެއްގެ އަތުގައި ހުންނާނީ ކިހިނަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ﷲ ތަޢާލާ އަންގަވާފައިވަނީ ރިޒުޤް ހޯދަން ޙަލާލް ގޮތުގައި މަސައްކަތް ކުރުމުން ރިޒުޤް ދެއްވަވާނެ ކަމަށެވެ. ޙަލާލް ގޮތުގައި މަސައްކަތްކުރުމަކީ ހަމައެކަނި ޙަލާލް މަސައްކަތެއް ކުރުމެއް ނޫނެވެ. ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުން މަސައްކަތް ނުކުރާނަމަ މަސައްކަތް އެކުރެވެނީ ޙަލާލް ގޮތަކު ނޫނެވެ. ފުރަތަމަ ކަމަކަށް އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުން ކަމުގައިވާތީއެވެ. ވީމާ އިސްފަސް ނުކުރާށެވެ! ތަރުތީބު އޮޅުވައިނުލާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުން އިސްކޮށްގެން މަސައްކަތްކުރީމާ ﷲ ތަޢާލާ ރިޒުޤް ދެއްވަވާނެތެވެ. އިތުރުވެސް ކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

 

 

މިއަދު އޮންލައިން