މީސްތަކުންނޭވެ! ނަމާދުގައި ހިމެނޭ ރޫޙާނީ ބައަކީ ހިތުން އަދާކުރަންޖެހޭ ބައެވެ. އެބައި ފުރިހަމަ ނުކުރެވޭ ނަމާދު، ނަމާދަކަށް ނުވާނެއެވެ. މިސާލަކަށް ބުނާ ނަމަ ކިޔޭއެއްޗެއް ހިތްމައްޗަށް ގެންނަން ޖެހޭނެއެވެ. މާނަ ނުއެނގުނަސް ތިމާއަށް ހުއްޓި މިހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަން އަބަދުވެސް ހަނދާންކޮށް ބިރުވެތިވާން މަސައްކަތްކުރަންވާނެއެވެ.
މިއަދު ފަރުވާ ކުޑަކުރި ނަމަވެސް ޤިޔާމަތް ދުވަހު އެންމެ ހިތާމަކުރަން ޖެހޭ އެއް ބައަކީ ނަމާދުގައި ﷲ ތަޢާލާ ހަނދުމަނުކޮށް ނަމާދުކުރާ މީހުންނެވެ. އެހެނީ އެމީހުން ނަމާދުކުރިއެވެ. އެކަމށް ވަގުތުވެސް ހޭދަކުރިއެވެ. ނަމަވެސް ނަމާދުގައި ﷲ ތަޢާލާ ހަނދުމަނުކުރުމުން އެފަދަ މީހުންގެ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ ކުރަން ޖެހޭނެ ހިތާމައެއްގެ ބޮޑުކަމުންނެވެ. ކުރި ހުރިހާ މަސައްކަތްތަކެއް ބޭކާރުވެދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ!
ވަރަށް ގިނަ ބައަކު ނަމާދުކުރެއެވެ. ޛިކުރު ކުރެއެވެ. އެނޫންވެސް ހެޔޮ ޢަމަލުތައް ކުރެއެވެ. ސުވާލަކީ އެކަންކަން ކުރަނީ އެންމެ މުހިންމު ހާޞިލުކުރެވޭނެ ގޮތަށް ހެއްޔެވެ؟
"ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ." (އަލްޢަންކަބޫތު: 45)
"އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތައް" ކަމުގައި ވަހީ ކުރައްވަވާފައި އެވަނީ ކީރިތި ޤުރްއާން ކިޔެވުމަށާއި ނަމާދު ޤާއިމުކުރުމަށް ﷲ ތައާލާ އަމުރުފުޅު ކުރައްވަވާފައިވާ އާޔަތުގައެވެ. ވީމާ ﷲ ތަޢާލާ ހަނދުމަކުރުމުގެ މުހިންމުކަން އެނގިގެންދެއެވެ.
ފަށަމުން ނަމާދުގެ ވާހަކަ ބުނަންޖެހުނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެހެނީ ނަމާދުކުރާ ވަރަށް ގިނަބައަކު ދަނީ މިކަމަށް ވަރަށް ބޮޑަށް އިހްމާލުވަމުން ކަމުގައިވާތީއެވެ. ނަމާދަށް ފެށީންސުރެ ނަމާދުކޮށް ނިންމައިލާއިރުވެސް ﷲ ތައާލާގެ މަތިން ހަނދުމަވެސް ކޮށްނުލެވޭ އެތައް ބައަކު އެބަ ނަމާދުކުރެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން