އިޞްލާޙްކުރަންޖެހޭ ކަންކަން ފާހަގަކުރާތީ ފޫހިވެ ބައިވެރިޔާ ބަދަލުކުރަން ބޭނުންވާ މީހަކަށް އެއީ ދުވަހަކުވެސް ކޮށްނިމޭނެ ކަމެއް ނޫން! އަބަދުވެސް ޖެހޭނީ އައުބައިވެރިއަކު ހޯދަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އިޞްލާޙްކުރަންޖެހޭ ކަންކަން ފާހަގަކުރާތީ ފޫހިވެ ބައިވެރިޔާ ބަދަލުކުރަން ބޭނުންވާ މީހަކަށް އެއީ ދުވަހަކުވެސް ކޮށްނިމޭނެ ކަމެއް ނޫން! އަބަދުވެސް ޖެހޭނީ އައުބައިވެރިއަކު ހޯދަން!

ދެމަފިރިންގެ މެދުގައި މައްސަލަޖެހުމާއި ނުތަނަވަސްކަން އުފެދުމުން އެކަން އެގޮތަށް މެދުވެރިވި ސަބަބާއިމެދު ވިސްނައިލަނީ ވަރަށް މަދުމީހެކެވެ. ޤަބޫލުކުރެވެނީ އަނެކާ ތިމާގެމަތިން ފޫހިވަނީ ކަމަށެވެ. ދެން ކަންތައްތައް ވެގެންދާ ގޮތަކީ އެއްވެސް ޝަކުވާއެއް ނުކުރާ، ތިމާގެ ހުރިހާ ކަމަކަށް ތަޢްރީފްކުރާ މީހަކާއި ބައްދަލުވުމުން އެއީ މާރަނގަޅު، ތިމާދެކެ މާލޯބިވާ މީހެއް ކަމަށް ޤަބޫލުކުރެވި އެމީހަކާއި ގުޅެވެނީއެވެ. 

ނަމަވެސް މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ފުރަތަމަ ކަމަކަށް ވިސްނާލަންޖެހޭނެ ކަމަކީ އަލަށް ބައްދަލުވި މީހާއަށް ތިބާގެ ކިބައިގައި ހުރި އުނިސިފަތައް ނުއެނގޭނެކަމެވެ. އެންމެ ކުޑަމިނުން ތިބާވެސް އެކަންކަމުގެ ވާހަކަ ކިޔައެއް ނުދޭނެއެވެ. 

ތަންކޮޅެއް ދުރަށް ވިސްނައިލާށެވެ! ބައިވެރިޔާއާއި ގުޅިގެން ފުރަތަމަ އުޅެންފެށި ދުވަސްވަރު ތިއަ ދެމީހުންގެ މެދުގައިވެސް ކަންތައްތައް ވެފައި އޮންނާނީ ހަމަ އެފަދަ ގޮތަކަށެވެ. އެކަކު އަނެކަކަށް މާގިނަ ޗަކުވާތަކެއް ނުކުރާނެއެވެ. އެއީ އަނެކާގެ ކަންކަން ހުންނަ ގޮތާއި ސިފަތަކާއި އުނި ކަންކަން ނުއެނގޭތީއެވެ. މައްސަލަތައް ކުރިމަތިވާން ފަށާނީ އެކުގައި ދުވަސްތަކެއް ވަންދެން ދިރިއުޅެ އަނެކާގެ ޢަމަލުތައް ހުންނަ ގޮތް އެނގުމުންނެވެ. 

ބައިވެރިޔާ ޝަކުވާކުރާތީ ފޫހިވެ އަލަށް ތިއަ ހޯދި މީހާއަށްވެސް ތިބާގެ ހުރި އުނިކަންކަމާއި އިޞްލާޙްކުރަންޖެހޭ ކަންކަން އެނގުމުން އެނގުމުން ހަމަ ޝަކުވާކުރާނެއެވެ. ފަހަރެއްގައި މާސީރިއަސްކޮށް މައްސލަތައް ނަގައި މާގިނައިން ޝަކުވާކުރާ މީހަކަށްވެސް ވެދާނެއެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ބައިވެރިޔާ ކަންބޮޑުވެ ޝަކުވާ ކުރުމަކީ މައްސަލައެއް ނޫނެވެ. ހަމައެކަނި ބަލައިލަންވީ ޝަކުވާކުރަނީ ޙަޤީޤީ ސަބަބެއް އޮވެގެންތޯއެވެ. ޙަޤީޤީ ސަބަބެއް އޮތްނަމަ ޝަކުވާ އެކުރަނީ ބައިވެރިޔާ ތިބާދެކެ ލޯބިވާތީއެވެ. ޢުމުރަށް ތިބާއާއިއެކުގައި އުލެން ބޭނުންވާތީއެވެ. އެކުގައި އުޅެވޭނީ އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށްގެންކަމަށްވާތީއެވެ. 

މިކިޔައިދިން މިންވަރުންވެސް އެނގިގެންދަނީ އިޞްލާޙްކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އިޞްލާޙްކުރަން ބުނާތީ ބައިވެރިޔާދެކެ ފޫހިވެ ބައިވެރިޔާ ބަދަލުކުރަން ވެއްޖެނަމަ އެމީހަކަށް ޖެހޭނީ އަބަދުވެސް ބައިވެރިޔާ ބަދަލުކުރަން ކަމެވެ. އެއީ ކޮށްނިމޭނެކަމެއް ނޫންކަމެވެ. ވީމާ އޮތް އެންމެ ރަނގަޅު ޙައްލަކީ ދެމީހުންވެސް އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށް އެކުގައި ދިރިއުޅެން މަސައްކަތްކުރުން ކަމެވެ. 

އަލަފް / މިއަދުނޫސް

މިއަދު އޮންލައިން