މިހާރަކަށް އައިސް ބައެއް މީހުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ސަބަބަކީ އެމީހުންނަށް ކާފިރުންގެ ސިފަތައް ވަކިކުރަން ނުއެނގުމެވެ. ސަބަބަކަށްވަނީ ބައެއް ކާފިރުންގެ ކިބައިންވެސް ބައެއް ރަނގަޅު ސިފަތައްވެސް ފެންނަކަމެވެ.
ވީމާ ކީރިތި ޤުރްއާނުގައިވާ މިއާޔަތް ކިޔައިލާށެވެ!
" އެއުރެންނީ، އާޚިރަތަށްވުރެ ބޮޑަށް ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރާ މީހުންނެވެ. އަދި ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އެ މަގު ގުދުވުމަށް އެދޭ މީހުންނެވެ. އެއުރެންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައެވެ." (އިބްރާހީމް: 3)
އިސްލާމް ދީނުގެ މަގުން މީސްތަކުން ދުރުހެލިވެދާނެ އެއްވެސް ކަމެއް ކުރާ މީހާއަކީ ކާފިރު ކަމުގެ ސިފަތައް އެމީހެއްގެ ކިބައިގައި ހުރި މީހެއްކަން މިއާޔަތުން އެނގިގެންދެއެވެ. އަދި އެމީހުންނަކީ އާޚިރަތަށް ބިރު ނުގަންނަ މީހުން ކަމާއި އާޚިރަތަށްވުރެ ބޮޑަށް ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރާ މީހުން ކަންވެސް އެނގިގެންދެއެވެ.
އެމީހުން ވަނީ ބޮޑުވެގެންވާ މަގުފުރެދުމެއްގައެވެ. އިބްރާހީމް ސޫރަތުގެ 2 ވަނަ ޢާޔަތްވެސް ކިޔައިލާށެވެ! "---- އަދި ކާފިރުންނަށް ގަދަފަދަވެގެންވާ ޢަޛާބަކުން ހަލާކު ހުށްޓެވެ."
ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެމީހަކާއި އެކުގައި އުޅޭ ބައަކީ ކޮން ބައެއްކަން ބެލުމަށެވެ. އެމީހުންގެ ތެރޭގައި ކާފިރުންގެ ސިފަތައް ހުރިނަމަ އެފަދަ މީހަކާއި ވައިވެސް ނުއެޅޭށެވެ! އެހެނީ އެފަދަ މީހުން ވެގެންދާނީ ތިބާ ދަމައި ނަރަކައަށް ގެންދާނެ ބާކަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން