ކޮންމެ ބޭނުމަކު ކޮންމެ ތަނަކަށް ދަތުރުކުރި ނަމަވެސް މަރުވާނެކަމާ މަރުވުމަށްފަހު އަލުން ދިރުއްވަވާނެކަމާ ޖަވާބުދާރީވާންޖެހޭނެކަން ހަނދާނުގައި ބަހައްޓަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކޮންމެ ބޭނުމަކު ކޮންމެ ތަނަކަށް ދަތުރުކުރި ނަމަވެސް މަރުވާނެކަމާ މަރުވުމަށްފަހު އަލުން ދިރުއްވަވާނެކަމާ ޖަވާބުދާރީވާންޖެހޭނެކަން ހަނދާނުގައި ބަހައްޓަންޖެހޭނެ!

"އެކަލާނގެއީ، ތިއަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިއަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒުޤުން ކާށެވެ! އަދި އަލުން ދިރުއްވަވައި ފޮނުއްވުންވަނީ، އެކަލާނގެ ޙަޟްރަތަށެވެ." (މުލްކް: 15)

މީސްތަކުން ބިންމަތީގައި ލައްވަވާފައި މިވަނީ އެއްތަނުން އަނެއްތަނަށް ދަތުރުކޮށް އުޅުމަށެވެ. އެއް ޤައުމުން އަނެއް ޤައުމަށްވެސް މެއެވެ. ހަމައެކަނި ކުރަންޖެހޭނެ ކަމަކީ އަބަދުވެސް، ދަތުރުމަތީގައިވެސް ތިމާ އަލުން ދިރުއްވަވާނެކަމާއި ހިސާބު ބައްލަވާނެ ކަމާއި ތިމާ ކުރި ކަންކަމަށް ޙައްޤު ޖަޒާ ތިމާއަށް ދެއްވަވާނެކަން ޤަބޫލުކޮށްގެން ދުނިޔޭގައި އުޅުމެވެ. ކޮންމެ ތަނެއްގައި އުޅުނު ނަމަވެސްމެއެވެ.

ބައެއް މުސްލިމުންނަށް މިއަދު ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ކާފިރުން އުޅޭތަނެއްގައި އުޅެން ފުރުޞަތު ލިބިއްޖެ ނަމަ މިއާޔަތުގެ ފަހު ބައި ހަނދާން ނެތުމެވެ. "އަދި އަލުން ދިރުއްވަވައި ފޮނުއްވުންވަނީ، އެކަލާނގެ ޙަޟްރަތަށް" ކަމަށް އޮތް ބައެވެ.

ދުނިޔޭގައި އުޅުމުގެ ފަސޭހަކަން މިދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އިތުރުވަމުންނެވެ. އެއީ މީސްތަކުންނަށްޓަކައި މިބިންގަނޑަކީ ފަސޭހަތނެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވާތީއެވެ. ކެއިން ބުއިމުގެ ކަންކަން ވެސް މިދަނީ ފަސޭހަވަމުންނެވެ. ކައްކާކަށްވެސް ނުޖެހެއެވެ. ކަރަންޓް އުނދުނަކުން ހޫނުކޮށްލުމުން އެހެރީ ބޭނުން އެއްޗެއް ކެވޭށެވެ! ދަތުރުކުރުމުގެ ފަސޭހަކަމަށް ބަލައިފިނަމަ އަތްވާއި ވާރޭގައި ދަތުރުކުރާކަށް ނުޖެހެއެވެ. އަމިއްލަ ގޭގެ ސިޓިންގރޫމަސްވުރެ ފަސޭހައިގައި އިނދެ އަރާމުގައި ދަތުރުކުރަންވީއެވެ. މިކަންކަމުން މިއާޔަތުގެ ފުރިހަމަކަން ބަޔާންވެގެންދެއެވެ.

މިހުރިހާ ފަސޭހަތަކެއް ލިބުމުންވެސް ދެރަ ކަމަކީ ކުރިން ބަޔާންކުރި ފަދައިން އާޔަތުގެ ފަހު ބައިމަތިން ހަނދާން ނައްތައިލެވޭކަމެވެ. އެހެން ނުހަދާށެވެ! ދެއްވެވި ނިޢްމަތްތަކުގެ ބޭނުން ހިފަމުންދާއިރު، އެކަންކަމުގެ ލުއިފަސޭހަކަން ލިބިގަންނަމުންދާއިރު އެބައިވެސް ހަނދާނުގައި ބަހައްޓާށެވެ! ޝުކުރުވެރިވުމަކީ އެއީއެވެ! އަދި އަލުން ދިރުއްވަވާނޭ ދުވަހު ސަލާމަތްކަން ލިބުން އޮތީވެސް އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން