ޒަވާޖީހަޔާތުގެ ބައިވެރިޔާއަށް ކަމަށްވީނަމަވެސް ރުޅި މަތަކޮށް ހިފަހައްޓައި މާފުނުކުރާ މީހާގެ ކިބައިގަ އިޙްޞާންތެރިކަމެއް ނެތްކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޒަވާޖީހަޔާތުގެ ބައިވެރިޔާއަށް ކަމަށްވީނަމަވެސް ރުޅި މަތަކޮށް ހިފަހައްޓައި މާފުނުކުރާ މީހާގެ ކިބައިގަ އިޙްޞާންތެރިކަމެއް ނެތްކަން ޤުރްއާނުން-

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި އަނބިމީހާ ފިރިމީހާއަށް ނުވަތަ އަނބިމީހާ ފިރިމީހާއަށް ކަމަށްވީނަމަވެސް ރުޅި މަތަކޮށް ހިފަހައްޓައި މާފުނުކުރާ މީހާގެ ކިބައިގަ އިޙްޞާންތެރިކަމެއް ނެތްކަން ޤުރްއާނުން އެނގެން އެބައޮތެވެ. އިޙްޞާންތެރިންގެ ސިފަތަކުގެ ތެރޭގައި ރުޅި މައިތިރިކުރުމާއި މާފްކުރުން ހިމެނޭތީއެވެ.

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާން ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލް ޢީމްރާން: 134)

ފުރަތަމަ ކަމަކީ ތިބާ ﷲ ތައާލާގެ މަގުގައި ޞަދަޤާތްކުރަންވީ ތިމާގެ ތަނަވަސްކަން އިތުރުވެ މިލިއަނަރަކަށް ވެވުމަކުން ނޫނެވެ. ދަތިޙާލުގައި އުލެމުންވެސް ޞަދަޤާތްކުރާށެވެ! ތިމާއަށްވުރެ ދަތިޙާލުގައި އެތައް ބައިވަރު ބައަކު އުޅޭނެއެވެ.

ދެވަނަ ކަމަކަށް ރުޅި މަތަކޮށް ހިފަހައްޓާ މީހަކަށްވާން އެބަ ޖެހެއެވެ. އިޙްޞާންތެރިންނަކީ އެއްވެސް ޙާލަތެއްގައި އެހެން މީހަކަށް އަނިޔާވެރިވާނެ ބައެއް ނޫނެވެ. އެހެން މީހުންގެ މައްޗަށް ގަދަވެގަނެ ބާރާއި ނުފޫޒު ހިންގާނެ މީހުންނެއްވެސް ނޫނެވެ.

ތިންވަނަ ކަމަކަށް މީސްތަކުންނަށް މާފުކުރާ މީހަކަށްވާން އެބަ ޖެހެއެވެ. އއެހެނީ އިޙްޞާންތެރިންނަކީ އެއްވެސް މީހެއްގެ މައްޗަށް ރުޅިވެރިކަން ބާއްވައި ހަސަދަވެރިވާނެ ބައެއް ނޫނެވެ.

މިކަންކަން ފުރިހަމަކުރުމުން ﷲ ތަޢާލާ ދެއްވަވާ މަތިވެރި ނިޢްމަތް ވެސް މިއޮތީ އެނގޭށެވެ!

"އިޙްސާން ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދަނީ އެވެ. ދެން މަދުވާނީ ކޮން ނިޢްމަތެއް ހެއްޔެވެ؟

އިޙްޞާންތެރިކަމަކީ އީމާންކަމުގެ އެއް ރުކުނެވެ. އަދި އެކަމެއްގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެންދާނެ ކަމެކެވެ. ވީއިރު ކޮންމެކަމެއްގައިވެސް ތިބާއަކީ އިޙްޞާންތެރިއެއްކަން ޔަޤީންކުރަން ޖެހޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން