"އެއްވެސް މީހަކާއިމެދު ނިކަމެތިކޮށް ނުދެކޭށެވެ! އެމީހަކު ދެކެ ﷲ ލޯބިވެވޮޑިގަންނަވާ މިންވަރު އެކަކަށްވެސް ނުއެނގޭނެއެވެ!": ޙަދީޘް
"ﷲ ބައްލަވައިވޮޑިގެންވަނީ މީހާގެ ހަށިގަނޑަށާއި މޫނަކަށް ނޫނެވެ. އޭނާގެ ހިތަށެވެ." ޙަދީޘް
ތިމާއަށް ވުރެ ދެރަ ކަމަށް ތިމާއަށް ވިސްނޭ މީހަކު ފެނުނު ކަމުގައިވީ ނަމަވެސް އެއީ ދެރަ ، ނިކަމެތި މީހަކު ކަމުގައި ދެކެގެން ނުވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މީހާގެ މަތިވެރިކަން އޮތީ އެމީހެއްގެ ތަނަވަސްކަމުގެ މައްޗަކަށް ނޫނެވެ. ހުރިމަޤާމާއި ލިބިފައިވާ ނުފޫޒަކަށްވެސް ނޫނެވެ.
އަދި ކީއްހެއްޔެވެ؟ ބޭރުފުށުން ފެންނަ ސިފަތަކަކަށްވެސް ނޫނެވެ. އެހެންކަމުން އެއްވެސް މީހެއްގެ ބޭރުފުށުން ފެންނަ ސިފައަކީ އެއްވެސް މުހިންމު އެއްޗަކަށް ނުވެއެވެ.
ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ. އެއްވެސް މީހަކާއިމެދު ދެރަ، ނިކަމެތިކޮށް ނުދެކުމަށެވެ. އެކަމުގެ ސަބަބުކަމަށް އޮތީ އެމީހާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު އެކަކަށްވެސް ނުއެނގޭނެ ކަމެވެ.
ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ހިތަށެވެ. ހިތުގައިވާ އެއްޗެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ މީހާގެ ތަޤްވާވެރިކަމަށެވެ. އެއްވެސް މީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރު ވެސް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
ޖުލައިބީބް ރަޟިޔަﷲ ޢަންހްއަކީ ސިފަހުތުރުކަމުން މީސްތަކުން ބަލައި ނުގަނެ ބާކީކޮށްލެވުނު ބޭކަލެކެވެ. ކައިވެނިކުރާނެ އަންހެނަކުވެސް ލިބިވަޑައިނުގެންނެވި ބޭކަލެކެވެ. އެހެނަސް ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ ދަރަޖައިގައި ލޯބިވެވޮޑިގަތުން ލިބިވަޑައިގެންނެވިއެވެ. ކައިވެނިކުރައްވަވާނެ އަންހެނަކުވެސް ހޯއްދަވައި ދެއްވެވީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.
މިދެއްކި ހުރިހާ ވާހަކަތަކެއްގެ ދަލީލަކަށް ހަމައެކަނި މިކަންތައް ނުފުދެނީހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން