ބައިވެރިޔާ ބޭވަފާތެރިވާތަން ލޮލަށް ފެނުނަސް އަތްއިސްކުރެވިއްޖެނަމަ ލިބޭ ދެރަ މާބޮޑުވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ބައިވެރިޔާ ބޭވަފާތެރިވާތަން ލޮލަށް ފެނުނަސް އަތްއިސްކުރެވިއްޖެނަމަ ލިބޭ ދެރަ މާބޮޑުވެދާނެ!

ވަރަށް މަދުމީހަކަށް ނޫނީ ބައިވެރިޔާ ބޭވަފާތެރިވާތަން ލޮލަށް ފެނުމުން އަތްފައިން ގޯސް ނުހެދި ކެތްކުރަން ވަރަށް އުނދަގޫވާނެއެވެ. ޚާއްޞަކޮށް އެފަދަ ކަމެއް ހިނގާކަން ކުރިން ނުއެނގި އޮތްނަމައެވެ. ކުއްލިއަކަށް ފެނިއްޖެނަމައެވެ. 

އެފަދަ ވަޤުތުގައި ކިތްނަމެ ބޮޑަށް ދެރަވިނަމަވެސް، ހިތްފަޅައިގެންދާވަރަށް އަސަރުކުރި ނަމަވެސް އަތް އިސްނުކުރާށެވެ! އެކަމުން ލިބޭނެ ދެރަ މާބޮޑުވެދާނެއެވެ. ތިރީގައިވާ ވާހަކައަކީ އެކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާ 2 ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ! 

އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން މެދުވެރިވި ސަބަބަކީ އެންމެ ގާތް އެކުވެރިޔާއެވެ. ތަފާތު ކަންކަން ފެންނަމުން އައިސް ހުރިހާ ކަމެއް ލޮލަށް ފެނުމުން އަނބިމީހާއަކަށް ކެތެއް ނުކުރެވުނެވެ. 

އައިރުޅީގައި ބޮލުގައި ޖެހުނެވެ. ވެއްޓިޖެހުނު ގޮތުން ބޮލަށް ލިބުނު އަނިޔާއެއްގައި އޭނާ ހޭނާރައި ދިއައީ ކޯމާއަކަށެވެ. ނަތީޖާއަކަށްވީ އަނބިމީހާ ކުށްވެރިވެ 10 އަހަރަށް ޖަލަށްލުމެވެ. ކޯމާއިން ހޭއެރުމުން ދެމީހުން ކައިވެނިކޮށް އުފަލުގައި ދިރިއުޅެންފެށީއެވެ. އަނބިމީހާއަށް ހުންނަން ޖެހުނީ ޖަލުގައެވެ. 

މިއީ އަޅުގަނޑު ބެލި ފިލްމެއްގައި ކަންތައްވީ ގޮތެވެ. އެއީ ފިލމެއް ނަމަވެސް މިބާވަތުގެ ކަންކަމަކީ ދިރިއުޅުމުގައި ދިމާވާ ކަންކަމެވެ. 

އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށްވެސް ހަމަ މިފަދަ ކަމެއް ކުރިމަތިވިއެވެ. އައިރުޅީގައި ބަދިގެތެރޭގައިހުރެފައި އަތުގައި އޮތް ކުޑަވަޅިއެއް އެއްލުނީއެވެ. ފިރިމިހާގެ ލޯބިވެރިޔާގެ އަތުގައި އެއިންޖެހި އިންޗިއެއްހައި ތަން ކެނޑުނެވެ. މާފުންކޮށެއްވެސް ނޫނެވެ. ވަރަށް ތިލަކޮށެވެ. ނަމަވެސް ވަރަށް ގިނަ ލޭތައް ފޭބިއެވެ. ޙަޤީޤަތުގައި އަޅުގަނޑުގެ އެކުވެރިޔާއަކީ އެހާ ރުޅިގަދަ އަންހެނެއްވެސް ނޫނެވެ. ނަމަވެސް އެފަދަ ކަމެއް ލޮލަށް ފެނުމުން ރުޅިމަތަނުކުރެވުނީއެވެ. ކޮންޓްރޯލުން ނެއްޓުނީއެވެ. 

ފޭބިލޭތައް ފެނުމުން ފިރިމީހާގެ ޢާއިލާއަށް އެކަންވީ ވަރަށް ބޮޑުކަމަކަށެވެ. އޭނާއަކީ ގޭގައި ގެންގުޅެން ހެޔޮވާވަރުގެ އަންހެނެއް ނޫންކަމަށް ނިންމައި ގެއިން ނެރެލީއެވެ. ފިރިމީހާވީ ބޭވަފާތެރިކަމުގައި މިންއަޅާކަށްވެސް ބޭނުމެއް ނުވިއެވެ. އެހިސާބުން އޭނާ ވަރިކޮށް ލޯބިވެރިޔާ އާއި ކައިވެނިކުރީއެވެ.

 

އެންމެންގެ ކުރިމަތީގައިވެސް ގޯސްވީ އަނބިމީހާއެވެ. އެއީ ވަޅިއަކުން ހަމަލާދެވުނީތީއެވެ. އެހިސާބުން ފިރިމީހާ އާއި އެ އަންހެންމީހާ ކުރި ކުށަކީ އެއްވެސް ކަމަކަށް ނުވިއެވެ. އެކަމުގެ ވާހަކަވެސް އެއްވެސް މީހަކު ނުދައްކައެވެ.

 

މިފެނުނު ނަތީޖާއަކީ އަތުން ކުޑަތަންކޮޅެއް ކެނޑުނު ނަމަވެސް އޭނާ ކުރަން ބޭނުންވި ކަންތައް އޭނާއަށް ޙާޞިލުކުރެވުމެވެ. އޭނާ ބޭނުންވި ލޯބިވެރިޔާ އޭނާއަށް ލިބުމެވެ.

 

ބައިވެރިޔާ ބޭވަފާތެރިވުމުން ހިތަށް ވަރަށް އަސަރުކުރާނެއެވެ. އެކަމުގައި އިމެއް ނެތެވެ. ނަމަވެސް އަޅުގަނޑު ބުނަން ބޭނުންވަނީ ފިރިމީހާ ނުވަތަ އަނބިމީހާ ބޭވަފާތެރިވީނަމަވެސް އަތް އިސްނުކުރާށެވެ. އެކަމުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ދެމީހުން ވާހަކަދައްކައިގެން ޙައްލުނުކުރެވޭނެ ނަމަ ރީތިގޮތުގައި ދެމީހުން ދުރުވާށެވެ.

 

ޢިލްމުވެރިން އެވިދާޅުވަނީ ރަނގަޅަށެވެ. ރުޅިއަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ. ބޮލުގައި ޖަހަންވެސް ވަޅިހޫރާލަންވެސް ޝައިޠޯނާ ބުނާނެއެވެ. އެއީ އެކަންކުރުމުން ލިބޭނެ ބޮޑުދެރަ ދިނުމަށްޓަކައެވެ. ކައިވެނި ރޫޅޭއިރަށް ޝައިޠޯނާއަށް އިތުރު ކްލައިންތަކު ލިބުނީއެވެ. ދެން މަސައްކަތްކުރާނީ އެމީހަކު ލައްވައި ހުރިހާ ޙަރާމްކަމެއް ކުރުވުމަށެވެ.

 

އެމީހަކަށް ހެޔޮ ރަޙްމަތް ލެއްވެވުން އޮތީ މާތް ﷲ ތަޤްވާވެރިވީވަރަކުން ނަމަވެސް ޝައިޠޯނާ އެކަމަށް ހުރަސްއަޅާނެއެވެ. މާޔޫސްކުރުވައި އަޅުކަންކުރުން މަތިން ފޫހިކުރުވާނެއެވެ. ވީމާ މިކަމަށް ސަމާލުކަންދޭށެވެ. ބައިވެރިޔާ ކުރާ ނުބައިކަމެއްގެ ސަބަބުން ކިތަންމެ ބޮޑަށް މާޔޫސްވާންޖެހުނަސް އަދި ކައިވެނި ރޫޅުނަސް މާޔޫސްނުވެ ﷲ އަށް ދުޢާކުރާށެވެ. އަޅުކަންކުރުމާއި ޛިކުރުކުރުން ގިނަކުރާށެވެ.

 

އަޅުގަނޑަކީ ދީނީދަރުސް ލިޔާ އަންހެނަކަށްވުމުން ގިނަ ކިޔުންތެރިން މިއަދުނޫހަށް ފޮނުވާ ވާހަކަތަކާއި އަޅުގަނޑުގެ ލިޔުން ތަފާތުވެދާނެއެވެ. ނަމަވެސް ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.

 

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން