ކިތަންމެ ކުޑަ ނަމަވެސް އަދި ބޮޑުނަމަވެސް އެއްވެސް ބާވަތެއްގެ ފާފައެއް ކުރަން ހިތްވަރުދީ ވާގިވެރިވާނަމަ އެއީ ހަމަ ޝައިޠޯނެކެވެ. އިންސާނެއްގެ ސިފައިގައި ހުރިނަމަވެސް އެއީ ޝައިޠޯނުންގެ ތެރެއިންވާ މީހެކެވެ. އިންށާނުންގެ ތެރޭގައިވެސް ޝައިޠޯނުންވާނެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.
ޢާންމު މައުލޫމާތަށްޓަކައި ކަމެއް ހިއްޞާކޮށްލާނަމެވެ.
ﷲ ތަޢާލާ އާދަމްގެފާނަށް މަނާ ކުރެއްވެވި ގަހުން ފަރިއްކުޅުއްވެވުމުން ދެކަނބަލުންގެ ޢައުރަ ޚަޝްފްވެގެން ދިއުމުން ނިވާ ކުރައްވަން ގަސްތަކުން ފަތް ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވެވުމުން ފަތް ދިނުމަށް ގަސްތައް ދެކޮޅު ހެދިއެވެ.
(ﷲ ތަޢާލާގެ އިޛުނަފުޅަށް) ފަތް ދިން ކަމަށް ބުނެވެނީ ވައްތީނި ގަހެވެ.
ވީމާ ﷲ ތަޢާލާ ނަހީކުރެއްވެވި ކަމެއް ކުރެވުމުގެ ހުރި ބިރުވެރިކަން ދެކިބަލާށެވެ!
ގަސްތަކާއި އެހެންވެސް މަޚްލޫޤުންނަކީ ހަމަހުރިއެއްޗެއްކަމަށް ނުވިސްނާށެވެ! އެތަކެތި ﷲ ތަޢާލާއަށް ތަޞްބީހް ކިޔައެވެ! އަދިކީއްހެއްޔެވެ؟ ﷲ ތަޢާލާއަށް ކިޔަމަންތެރިކަންވެސް އަދާކުރެއެވެ!
ބިރެއްނެތި ފާފަތައް ކުރަމުންގެންދާއިރު ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު ތިމާއަށް ޙިމާޔަތްތެރިކަން ދޭނީ ކާކުހެއްޔެވެ؟ ތިބާ ލައްވައި ފާފަތައް ކުރުވާ މީހުންނާއި ފާފަތައް ކުރަން ހިތްވަރުދޭ މީހުން އެދުވަހު ތިބޭނީ ކަސްތޮޅު އެޅިގެންނެވެ. އެއްވެސް ބާރެއް ނެތް ނިކަމެތިންގެ ގޮތުގައެވެ. އެދުވަހުގެ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.
ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި އަހުރެމެން އެކަން ޤަބޫލުކޮށް އެބަ އިޢްތިރާފް ވަމުއެވެ.
مَالِكِ يَوْمِ الدِّينِ އެބަކިޔަމުއެވެ. މާނައީ "ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ."
- މަޢުލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން