ބައެއް ދަރުސްތަކުގައި މިކަން އެބަ ފާހަގަކުރަމެވެ. ގޭތެރޭގެ މަޞްލަޙަތު ހަމަޖައްސައިދީ އުފާވެރިކަމާއި ހިނިތުންވުން ގެނެސްދެނީވެސް އަދި މުޅި ގޭތެރެ ހަލާކުކުރަން އަޅާ އެންމެ ބާރުގަދަ ބޮމަކީވެސް ހަމަ އެކައްޗެކެވެ. ވީމާ އެއިގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފާނަމަ އެއީ މުޅިގޭގައި އަލިފާން ރޯކުރުން ފަދަކަމެކެވެ. އެއިގެ ބޭނުން ހެޔޮ ގޮތުގައި ހިފާނަމަ މުޅިގެއަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނެއެވެ.
ސުވާލަކީ އެއީ ކޮންއެއްޗެއް ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތްގޮތުގައި އެއީ އިންސާނާގެ ދުލެވެ. ދުލަކީ އެއިގެ އަމިއްލަ ޒާތަށް ބަލައިފިނަމަ އެއްވެސް ބާރެއް ހުރި އެއްޗެއް ނޫނެވެ. އެންމެ ކުޑަމިނުން ކަށިކޮޅެއްވެސް ނުވެއެވެ. ދޫ އުފެދިފައިވަނީ 8 މަސްލްސްގެ މައްޗަށެވެ.
ނަމަވެސް ދުލުގެ ޙަޤީޤީ ބާރު އެނގޭ ހެއްޔެވެ؟ މީސްތަކުންގެ ކުރިމަތީގައި ތިބާގެ އަގުއުފުލި، މީސްތަކުންގެ ލޯބި ލިބިގެންދަނީވެސް ދުލުގެ ސަބަބުންނެވެ. މީސްތަކުންގެ ރުޅިވެރިކަމާއި ނަފްރަތު ލިބިގެންދަނީ ވެސް ހަމަ ދުލުގެ ސަބަބުންނެވެ. ދުލުން ބުނެވޭ ބަސްތަކުގެ ސަބަބުންނެވެ.
ހަމަ އެއާއިއެކު ދުލަކީ ސުވަރުގެ ވަނުމަށް ބޭނުންކުރެވިދާނެ އެންމެ ވަރުގަދަ ބާރެވެ! ކީރިތި ޤުރްއާން ކިޔެވުމާއި ޛިކުރްތައް ކިޔަން އޮތް ވަސީލަތެވެ. ކުރާ ކޮންމެ އަޅުކަމެއް ކުރަން ބޭނުންވާ އެންމެ މުހިންމު ބާރެވެ!
ހަމައެފަދައިން އެންމެ ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހޭނީވެސް އެމީހާގެ ދުލުގެ ސަބަބުންކަން ރަސޫލް (ﷺ( ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
"މީސްތަކުންކުރެ އެންމެ ފުރިހަމަ މީހަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެންވާ މީހާއެވެ." ޙަދީޘް
"ﷲ ތައާލާއަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ދުލުން ބުނަން ޖެހޭނީ ރަނގަޅު ހެޔޮ ބަސްތަކެވެ. ނޫންނަމަ ހަނު ހުންނާށެވެ!." ޙަދިޘް
އެންމެ އުފާވެރިކަން ލިބެނީ ދުލާއި ޖިންސީ ގުނަވަނަށް ރައްކައުތެރިވެ އެންމެ ގަރަންޓީ ދީފި މީހަކަށް ސުވަރުގެ ގަރަންޓީކޮށްދެއްވަވާނެ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުންނެވެ. ވީމާ މިއީ ހަމަ ކޮންމެ ކޮންމެ މީހަކުވެސް ވިސްނައި ޢަމަލުކުރަން ޖެހޭނެ ޙަދީޘްފުޅެކެވެ.
Sahl bin Sa'd (May Allah be pleased with him) reported:
The Messenger of Allah (ﷺ) said, "Whosoever gives me a guarantee to safeguard what is between his jaws and what is between his legs, I shall guarantee him Jannah."
[Al-Bukhari].
--އިސްލާމީ ތިލަފަތުގެ ދަރުސަކުން