މިހާރަކަށް އައިސް ދެމީހުން ކައިވެނިކުރަނީ އަނެކާގެ ސިފަތައް އެނގިތިބެގެންނެވެ. އިޞްލާޙްކުރަންޖެހޭ ކަންކަން ފާހަގަވެސް ކުރެއެވެ. ކައިވެންޏަށްފަހު ބަދަލުތަކެއް ގެނެސް ހުރިހާ ކަމެއްވެސް އިޞްލާޙްކުރާނެ ކަމަށްވެސް ބުނެއެވެ. ނަމަވެސް ކައިވެނިކުރެވި ބާރުލިބުމުން ކުރިން ދެއްކި ވާހަކަތައް މަތިން ހަނދާން ނައްތައިލައެވެ.
މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ކޮންމެ އަންބަކަށްވެސް ކުރަން އެންމެ އުނދަގޫ އެއްކަމަކަށްވަނީ ކައިވެނީގެ ކުރިން ދެމީހުންގެ މެދުގައި މަޝްވަޜާކުރެވުނު ގޮތަށް ކަންކަން ކުރިއަށް ނުގެންދާނަމަ އެކަން ބަލައިގަތުމެވެ.
ސަބަބަކީ، އަނިބީހާގެ އުއްމީދުތަކާއި އެއް ހަމައެއްގައި ކަންކަންކުރާނެކަމަށް އަނބިމީހާ އުއްމީދުކުރެއެވެ. އެކަމަކު، ފިރިމީހާއަށް އެގޮތަށް ނޫޅެވުމުން، އަނިބިމީހާ ނާއުއްމީދުވަނީއެވެ. ދެން އެހިސާބުން އަނބިމީހާ މަސައްކަތް މި ކުރަނީ އޭނާގެ ފިރިމީހާއަށް ބަދަލުތަކެއް ގެންނާށެވެ. އެ އަނބިމީހާ ކައިވެނި ކުރިއިރު އުއްމީދު ކުރިފަދަމީހަކަށް ފިރިމީހާ ހެދުމުގެ ބޭނުމުގައެވެ.
ހަމައެކަނި އަނބިމީހާއެއް ނޫނެވެ. ފިރިމީހާވެސް ހަމަ މިފަދައިން އެދޭނެއެވެ. ވީމާ ކައިވެނީގެ ކުރިން ދެމީހުންގެ މެދުގައި އެއްބަސްވެވިފައިވާ ގޮތަށް ކަންކަން ތަންފީޒުކުރަން ދެމީހުންވެސް މަސައްކަތްކުރަންވާނެއެވެ.
ފިރިންނަށް އަމާޒުކޮށް ވާހަކަ މިފެށީ ކުރިން ބުނިފަދައިން ކައިވެނިކުރެވުމުން ތިމާއަކީ ކިންގ ކަމަށް ވިސްނި ހުރިހާކަމެއް ތިމާއަށް އެންމެ ފައިދާހުރި، ނުވަތަ ތިމާ ކުރަން ބޭނުންވާ ގޮތަށް ކުރަން މަސައްކަތްކުރެވޭ ފިރިން ގިނަވީމައެވެ. ދެންމެ މިބުނި ފަދައިން ޙައްލަކީ ދެމީހުންވެސް އަނެކާ ބޭނުންވާ ފަދަ ބަދަލުތައް ގެނެސް ދެމީހުންވެސް ބައިވެރިޔާ ބޭނުންވާ ގޮތަކަށް އުޅެން މަސައްކަތްކުރުމެވެ.
ދެން އޮތީ އެންމެ މުހިންމު ވާހަކައެވެ. ހެޔޮލަފާ އަނބިން އެދޭ ގޮތަށް، ވަކިން ޚާއްޞަކޮށް ކައިވެނީގެ ކުރިން އެއްބަސްވެފައިވާ ގޮތަށް ކަންކަން ބަދަލުކުރީމާ އެކަމުގެ ފައިދާ ބޮޑަށް ކުރާނީ ފިރިމީހާއަށެވެ. ސަބަބަކީ އެކަމުގެ ސަބަބުން އަނބިމީހާގެ ހިތުގައި ފިރިމީހާއަށް ލޯތްބާއި ޤަދަރު އިންތިހާއަށް އިތުރުވެގެންދާނެތީއެވެ.