ކައިވެނީގައި ދުވަސްކޮޅެއްވުމުން ނުވަތަ ގިނަ ފަހަރަށް ދަރިއަކު ލިބުމުން ގިނަފަހަރު މިއޮންނަނީ މައްސަލަތައް ކުރިމަތިވާން ފަށައިފައެވެ. ގިނަ ބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ އެކަމެވެ. ދެން އެންމެ ބޮޑު ޝަކުވާއަކަށްވެފައި މިއޮންނަނީ އަނބިމީހާ އާއި އަޅައިނުލުމެވެ.
އެހެންކަމުން ތިބާގެ ހިތުގައި ނުޖައްސާ، ތިބާގެ ބޭނުންތައް ފުއްދައިދޭ، ޚާއްޞަކޮށް ބަލިވުމުން އެޙީތެރިވާ ބައިވެރިއަކު ލިބިފައި ހުރިނަމަ ދިމާވާ ކުދިކުދި ކަންކަމާއި ގުޅިގެން ޝަކުވާ ނުކުރާށެވެ! ވަރަށް ރަނގަޅު ފުރުޞަތެއް ހޯދައިގެން ނޫނީ އެފަދަ ވާހަކައެއްވެސް ނުދައްކާށެވެ! މިއީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ބުނި ބަހެއް ނޫނެވެ. އެންމެންނަށް ބުނި ބަހެކެވެ. ފިރިމީހާވެސް އަދި އަނބިމީހާވެސް މިކަމަށް ސަމާލުކަންދޭންޖެހޭނެއެވެ.
ދުނިޔޭގައި ރަނގަޅު މީހުން މަދުވެއްޖެއެވެ. އިންސާނިއްޔަތުކަން ހުރި މީހުން މަދުވެއްޖެއެވެ. ވީމާ އަނހެނުންގެ ތެރޭގައިވެސް އަދި ފިރިހެނުންގެ ތެރޭގައިވެސް ރަނގަޅު އަދި އިންސާނިއްޔަތުކަންހުރި މީހުން މަދުވާނެ ނޫންހެއްޔެވެ؟
ރަނގަޅު، އިންސާނިއްޔަތުކަން ހުރި މީހުންގެ އަގު މިވަނީ ޖަވާހިރަށްވުރެވެސް އުފުލިފައިކަމަށް އަބަދުވެސް ބުނަމެވެ. ސަބަބަކީ ފައިސާ ހުރިނަމަ ކޮންމެ ވަޤުތަކުވެސް ޖަވާހިރެއް ގަނެލެވިދާނެއެވެ. ނަމަވެސް ރަނގަޅު އިންސާނިއްޔަތުކަން ހުންނަ މީހަކު ގަންނަން ދާނެ ފިހާރައެއް ނެތެވެ. އޮތީ އެފަދަ މީހަކު ލިބޭތޯ މަސައްކަތްކުރުމެވެ. އެފަދަ މީހަކު ދެއްވެވުން އެދިގެން ދުޢާކުރުމެވެ.
ވީމާ ރަނގަޅު، އިންސާނިއްޔަތުކަން ހުރި ބައިވެރިއަކު ލިބިއްޖެނަމަ އެކުގައި ދިރިއުޅެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. އެކަމަށްޓަކައި އެންމެ ބޮޑަށް ކުރަން އޮތްކަމަކީ ދެމަފިރިންވެސް ތަޤްވާވެރިވެ، ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާން މަސައްކަތްކުރުމެވެ. އެއިރުން ހުރިހާ އުފާތަކެއްވެސް މިންވަރުކުރައްވަވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން