ލޯބިވެރިޔާ މާނަ މިކުރަނީ ކައިވެނިކުރުމުގެ ކުރިއަށެވެ. ކައިވެންޏަށްފަހު ވާނީ ބައިވެރިޔާއަށް ކަމަށްވާތީއެވެ. ކައިވެނިކުރުމަށްފަހު އެކަކު އަނެކަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވިޔަސް ވާނީ ލޯބިވެރިންނަކަށް ނޫނެވެ. ވަރަށް ބޮޑަށް ލޯބިވާ ދެ ބައިވެރިންނަށެވެ.
ދެން މިދައްކާ ވާހަކަ ރަނގަޅަށް އަދުއަހާށެވެ.
ހުޅަނގަށް ބަލައިފިނަމަ ޢިއްފަތްތެރިކަމަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އެއްވެސް މުހިންމު ކަމެއް ނެތް އެއްޗެކެވެ. ކައިވެނި ކުރުމަކީވެސް ބޭނުން ކަމެއް ނޫނެވެ. ދުވާލަކު މީހަކާއިއެކު އުޅުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް މުސްލިމުންނަށް އެކަން އޮތީ އެގޮތަކަށް ނޫނެވެ. ފުރަތަމަ ބަލައިލަންވީ ދީނީ ގޮތުން ކަން އޮތް ގޮތަށެވެ.
ހުޅަނގުގެ އުޞޫލުތަކަށް ލެނބެމުން ގޮސް އެންމެ ބޮޑު ނޭދެވޭ އަސަރެއް މުސްލިމުންނަށް މިހާރު ފޯރާފައިވަނީ ލޯބީގެ ދަންތުރައިގައެވެ. އެހެންކަމުން މިއީ މިއަދުގެ ޒުވާނުން، ޚާއްޞަކޮށް އަންހެން ކުދިން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. ރައްކައުތެރިކަން ހޯދަން ޖެހިފައިވާ ކަމެކެވެ.
މީހަކު އޭނާގެ ދޫ ރައްކައުތެރިކޮށް އަދި ފާހިޝް އަމަލުކުރުމުން ދުރުހެލިވެ ހުރެއްޖެ ނަމަ އެމީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެ ކަމުގެ ޔަޤީންކަން ރަސޫލް (ﷺ) ވަނީ ދެއްވަވައިފައެވެ. ހަމަ އެއާއިއެކު ފާހިޝް އަމަލު ކުރުމުން ދުރުވެ ހުރި މީހާއަކީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ މީހުން ކުރެއެކެވެ.
ފާހިޝް އަމަލުކުރާ މީހުންނަށް އަލިފާނުން ޢަޒާބު ދެއްވަވާނީ ހަމައެކަނި ޤިޔާމަތް ދުވަހަކު ނޫނެވެ. ނަރަކައަށް ވައްދަވާ ހިސާބަކުން ވެސް ނޫނެވެ. މަރުވުމުން ޤިޔާމަތާއި ހަމައަށްވެސް ދާނީ އަލިފާނުގައި ފިހެވެމުންނެވެ. އަދި ޤިޔާމަތް ދުވަހު އެމީހުން ނަރަކައި ތިބޭނީ ޖިންސީ ގުނަވާއިއެކު ޗޭނުވެސް ޖެހި އެޗޭނުގައި އެލިގެންނެވެ. މިއީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ.
ދެން ބަލައިލަންވީ މިދުނިޔެއަށެވެ. ލޯބީގެ އަވާގައި ޖެހިގެން ހަށިގަނޑު ދީފި ނަމަ ކުޅަނދުރު ބޭނުންވާ ވަރަށް މަލުން ފޮނިބުއިމަށްފަހު މައު ދޫކޮށްލާފައި ދާ ފަދައިން ލޯބިވެރިޔާ ބޭނުންވާ ވަރަށް އުފާ ޙާޞިލުކުރުމަށްފަހު ދޫކޮށްލައި ދުރަށްދާކަން އެއީ އަބަދުވެސް ފެންނަމުންދާ ޙަޤީޤަތެކެވެ. އެއިރު މީސްތަކުންގެ ކުރިމަތީގައި އޮންނަނީ އަގުވެއްޓިފައެވެ. ބާކީވެފައެވެ. އެކަންކަމުގެ ސަބަބުން ލިބޭ ނިކަމެތިކަން ފޫބެއްދުމަކީ ކުޅަދާނަ ކަމަކަށް އޮންނަނީ ނުވެފައެވެ.
ވީމާ މިކަންކަމަށް ވިސްނައި ހޭލުންތެރިވާށެވެ! ވަފާތެރިން މިހާރު ކޮބައި ހެއްޔެވެ؟ ތެދުވެރިން ނެތެއް ނޫން ހެއްޔެވެ؟ ވަފާތެރިކަމާއި ތެދުވެރިކަން އޮތް ނަމަ އެފަދަ މީހަކު އެންމެ ފުރަތަމަ ބިރުވެތިވާނީ ﷲ ތަޢާލާއަށް ނޫން ހެއްޔެވެ؟ އެފަދަ މީހަކު ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރާނެ ހެއްޔެވެ؟ ވީމާ އެފދަ ކަމަކަށް އެދޭ ހިސާބުން އަވަހަށް އެމީހަކާއި ވަކިވެ ދުރަށް ދާށެވެ!
އިސްލާމް ދީނުގައި ލޯބިވެރިން ގެންގުޅެން ހުއްދަނުކުރަނީ ބަޔާން މިކުރި ސަބަބުތަކަށްޓަކައެވެ. އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ގެއްލިގެން ހިނގައިދާނެތީ އެކަމުން މީސްތަކުން ސަލާމަތްކުރުމަށެވެ. އިސްލާމް ދީނުގައި އޮތީ ކައިވެނިކުރުމެވެ.
އެހެންކަމާއިއެކުވެސް މީހަކު ދެކެ ލޯބިވާނަމަ ލޯބިވެރިޔާއަށް ދޭންވާނީ ހިތެވެ! މާނައަކީ ހިތުގެ މަޤާމެވެ! ހަށިގަނޑާއި ވައިވެސް އެޅުނަދީގެން ނުވާނެއެވެ! ބަހައްޓަން ޖެހޭނީ ދެ އަތް ގުޅުވާފައި ދިއްކޮށްލި ނަމަވެސް ނުފޯރާ ހިސާބުގައެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން