ތިބާ ތިހުރީ މިވެނި އެވެނި ފާފަތަކެއް ކޮށްފައިކަން ހަނދާންކޮށްދީފިނަމަ ބުނާށެވެ! "އާނއެކެވެ! އިން ޝާ ﷲ އެހުރިހާ ފާފަތަކެއް ﷲ ތަޢާލާ މިހާރުވަނީ ހެޔޮ ޢަމަލަށް ބަދަލުކޮށް ދެއްވަވައިފައެވެ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ތިބާ ތިހުރީ މިވެނި އެވެނި ފާފަތަކެއް ކޮށްފައިކަން ހަނދާންކޮށްދީފިނަމަ ބުނާށެވެ! "އާނއެކެވެ! އިން ޝާ ﷲ އެހުރިހާ ފާފަތަކެއް ﷲ ތަޢާލާ މިހާރުވަނީ ހެޔޮ ޢަމަލަށް ބަދަލުކޮށް ދެއްވަވައިފައެވެ!"

މީސްތަކުންނޭވެ! ލާނޭވާ ގުނައި ޢަދަދު ކުރުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ދުނިޔޭގައި ހުރެ އެމީހަކަށް ލެވޭނީ ކިތައް ނޭވާކަން އެނގޭނެ ހަމައެކަކު ވެސް ނުހުންނާނެއެވެ. އެއިގެ މާނައަކީ ދުނިޔޭގައި ހުރެވޭނީ ކިހައި ދުވަހެއްވަންދެންކަން ހަމައެކަކަށްވެސް ނުއެނގޭނެކަމެވެ.

ވީމާ އަވަހަށް ތައުބާވާށެވެ! ވީހާގިނަ ހެޔޮ އަމަލުތައް ކުރަން ފަށާށެވެ! އިސްލާމް ދީނަށް ނަޞްރު ދޭން ފަށާށެވެ. އެއިރުން އިސްލާމް ދީނުގެ ޢަދާވާތްތެރިން އެކި ގޮތްގޮތަށް ވަރަށް ގިނަ ފުރައްސާރަތައްވެސް ކުރާނެތެވެ. ތިބާއަކީ މިވެނި ފާފައެއް ކުރި މީހަކު ކަމުގައިވެސް ބުނާނެއެވެ!

އެފަދަ މީހުންނާއިމެދު ކަންބޮޑުނުވާށެވެ! އެހެނީ އެހެން އެބުނާ މީހުންނަކީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނެވެ. އިސްލާމް ދީނަށް ނަޞްރު ދިނުމަށް މީހުން މަސައްކަތްކުރާތަން ދެކެން އެމީހުންނަށް ކެތެއް ނުކުރެވޭނެއެވެ.

އެފަދަ މީހުންނަށް ބުނާށެވެ! "އިން ޝާ ﷲ އަހުރެންނަށް ކުރެވިފައިވީ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ މިހާރުވަނީ ހެޔޮ ޢަމަލަށް ބަދަލުކޮށް ދެއްވަވައިފައެވެ!" އެހެނީ މީހާ ތައުބާވެ ހެޔޮޢަމަލުތައް ކުރަމުން ގޮސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން އެކަން އެގޮތަށް މެދުވެރިކުރައްވަވާނެކަން މިއޮތީ ކީރިތި ޤުރްއާނުން އެނގޭށެވެ!

"ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލުކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އަލް ފުރްޤާން: 70)

އެމީހުންނަށް ރައްދުވެސްދޭށެވެ! އެފަދަ މީހުން ގާތު އަހައިލާށެވެ! "ސައިފުލްއިސްލާމް" ޚާލިދު ބުނި ވަލީދު އިސްލާމްވެވަޑައިގަތުމުގެ ކުރިން ކިތައް މުސްލިމުން ޝަހީދުކުރެއްވެވި ހެއްޔެވެ؟ މިއުންމަތުގެ ޚަލީފާއިންގެ ސިޔަރަތު ކިޔައިލިންތޯ ވެސް ސުވާލުކުރާށެވެ!

މީހަކަށް ކުރިން އުޅެވުނު ގޮތް ދޫކޮށްލައި ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުމުން ފުރައްސާރަކުރާ އެއްވެސް މީހަކާއި އެކުވެރިކަން ނުބާއްވާށެވެ! އަދި ކުރިން ކުރެވުނު ކަންކަން ބަހަނާއަކަށް ދައްކައި ހަދާނަމަ އެފަދަ މީހުންނާއި ވާހަކަވެސް ނުދައްކާށެވެ! އެހެނީ އެފަދަ މީހުންގެ ސަބަބުން ނަފްސާނީ ހުރަސްތައް ކުރިމަތިވެދާނެކަމަށްޓަކައެވެ. ކުރިން ކުރެވުނު ނުބައި އަމަލުތައް ކުރަން އަލުން ފެށިދާނެ ކަމަށްޓަކައެވެ. އެފަދަ ބަސްތައް ބުނާ ކޮންމެ މީހަކީ އެންމެ ބޮޑެތި ދުޝްމިނުންނެވެ. އެމީހުންނަކީ ތިބާ ނަރަކައަށް ވައްދުވަން މަސައްކަތްކުރާ ޝައިޠޯނުންނެވެ. ވީމާ އެފަދަ ޝައިޠޯނުންނާއި ގުޅުންތައް ކަނޑައިލައިގެން ނޫނީ ޞިރާޠުގެ މަގުގެ އައްސޭރިވެސް ނުފެނިދާނެ ކަމަށް ބިރުވެތިވާށެވެ!

އިސްލާމް ދީން އުފެދިގެން އައި ގޮތަށް ބަލާށެވެ! ރަސޫލް (ﷺ) ފިޔަވައި ހުރިހާ ޞަޙާބީންނަކީވެސް ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތައް ކުރެއްވެވި ބޭކަލުންނެވެ. ޝިރުކުރެއްވެވި ބޭކަލުންނެވެ. ނަމަވެސް އިސްލާމްވެވަޑައިގަތުމަށްފަހު އެބޭކަލުން ވަނީ އިސްލާމް ދީނަށް ޚިދުމަތް ކުރެއްވެވުމުގައި ނަމޫނާ ދައްކަވައިފައެވެ. ޖާނާއި މުދަލާއި ޢާއިލާއިން ޤުރްބާންވެވަޑައިގެންފައެވެ.

މުސްލިމުންނަށް ވެސް ކަންކަން އޮތީ ހަމަ މިފަދައަކުންނެވެ. މުސްލިމުންނަށް ވެސް ފާފަކުރެވޭނެއެވެ. އެއީ އިންށާނާގެ ހަށިގަނޑާއި ޠަބީޢަތުގައި އެކަންހުރުމުންނެވެ. އިންސާނާއަށް ފާފަކުރެވޭނެކަން، އިންސާނާ އުފައްދަވައި އިންސާނާގެ ޠަބީޢަތުގައި އެކަން ލެއްވެވި ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.

ބަޤަރާ ސޫރަތުގެ 222 ވަނަ ޢާޔަތަށް ބަލާށެވެ!

"...ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠޯހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (ބަޤަރާ: 222)

ވީމާ ގަދައަޅައި މަސައްކަތް ކުރަންވީ މި އާޔަތުގައިވާ ފަދައިން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދުމަށެވެ. އެކަމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ތައުބާވުމެވެ. އެހެނީ ތައުބާ ނުވާ މީހާ ކުރާ ހެޔޮ އަމަލުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ބޭކާރު އަމަލުތަކެއްކަން އެނގެން އޮތުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކު

މިއަދު އޮންލައިން