ވަރަށް ގިނައިން އަހުރެންނަށް ބުނެވެއެވެ. ޙަޤީޤަތުގައި ސުވަރުގެ ވަންނަން އެދޭމީހާއަށް އިރާދަކުރެއްވެވިއްޔާ ސުވަރުގެ ވަދެވޭނެތެވެ. އެއީ ސުވަރުގެ ލިބުން އެދިގެން ކުރަންހުރި ޢަމަލުތަކަކީ ވަރަށް ލުއިފަސޭހަ ކަންކަމުގައިވުމުންނެވެ. މިރޭ ފާހަގަކޮށްލަނީ ކުރަން ވަރަށް ލުއިފަސޭހަ ދެކަމެކެވެ.
"އެންމެ މާތް އިސްލާމް ކަމަކީ ކޮބައިތޯ؟ ރަސޫލް (ﷺ) އަށް ސުވާލު ދެންނެވުމުން ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވިއެވެ. "ކާން ދޭށެވެ! އަދި ތިބާ ދަންނަ މީހުންނަށާ ނުދަންނަ މީހުންނަށް ސަލާމް ގޮވާށެވެ!" (ޞަޙީޙް ބުޚާރީ: 11)
މި ޙަދީޘްފުޅުން އެނގިގެން ދަނީ މީސްތަކުންނަށް ކާން ދިނުމުގެ މަތިވެރިކަމެވެ. ޚާއްޞަކޮށް ހައިހޫނުކަމުގައި ތިބޭ ނިކަމެތި، ފަޤީރުންނަށް ކާން ދިނުމުގެ މަތިވެރިކަމެވެ. ހަމަ އެޢާއިއެކު ބައްދަލުވާ މީހުންނާއި، އެމީހަކީ ތިމާ ދަންނަ މީހަކު ނަމަވެސް އަދި ނުދަންނަ މީހަކު ނަމަވެސް އެމީހަކަށް ސަލާމް ގޮވުމުގެ މަތިވެރިކަމެވެ.
އެއްވެސް ޝައްކެއްނެތި މި ޙަދީޘްފުޅުން އެނގިގެން މިދަނީ މި 2 ކަންތަކަކީ ވެސް އިސްލާމް ދީނުގެ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރެއިން ހިމެނިގެންދާ 2 ކަންތައް ކަމެވެ.
ފަޤީރުންވެސް އެމީހަކަށް ލިބޭ މިންވަރަކުން ކާންދޭށެވެ! އަވަށްޓެރިޔާއަށް ރިހަފޮދުވެސް ދިއްކޮށްލާށެވެ! ޙަދީޘްފުޅުގައި އޮތީ ނަރަކައިން ސަލާމަތްވުމަށްޓަކައި ކަދުރުއޮށެއްގެ ފަޅިއަކުން ނަމަވެސް ޞަދަޤާތް ކުރުމަށެވެ.
ސަލާމް ގޮވުމުގެ އިތުރުން ހިނިތުންވުމަކީވެސް އަތުން އެއްވެސް ޚަރަދެއް ނުކޮށް ކުރެވޭ ޞަދަޤާތެކެވެ. ވީމާ ދަންނަ އަދި ނުދަންނަ މީހުންނަށް ސަލާމްގޮވާއިރު ހިނުތުންވެގެން ހުރުރުމުން ސަލާމް ގޮވުމާއި ޞަދަޤާތްކުރުމުގެ ދަރުމަވެސް ލިބިގެންދާނެއެވެ.
މިހައި ފަސޭހައިން ސަވާބު ހޯދައި ނަރަކައިން ސަލާމަތްވެ ސުވަރުގެ ޙާޞިލުކުރެވޭނެ މަގުތައް ﷲ ތަޢާލާ ވަނީ ފަހިކޮށް ދެއްވަވައިފައެވެ. ސުވަރުގެ އެދޭ މީހާ ކުރަން އޮތް ކަމަކީ ބަލައިގަނެ އަމަލުކޮށް ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން