ކައިވެނިކުރުމުގެ ކުރިންވެސް ވަރަށް ހިތްދަތި ޙާލުގައި އުޅެންޖެހޭ އަންހެނުން ވަރަށް ގިނައެވެ. އަދި ކައިވެނިކުރުމުން އުފާވެރިކަން ލިބޭނެ ކަމުގެ އުންމީދުގައި ކައިވެނިކުރުމުން އިތުރަށް ހިތްދަތިކަން ލިބި ކައިވެނި ރޫޅެން މެދުވެރިވާ އަންހެނުންވެސް ވަރަށް ގިނައެވެ.
މިޙާލަތުގައި އެފަދައިން އަނިޔާ ލިބޭ އަންހެނުންގެ ހިތްދަތިކަން ބޮޑުވެ އަބަދުހެން ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހޭ ޙާލަތަށް ދެއެވެ. މިއީ ވަރަށް ނުރައްކައުތެރި ޙާލަތެކެވެ. އެޙާލަތުގައި އެމީހުންނަށް އަޅާލައި ލޯބި ނުދެވިއްޖެނަމަ އެކަމުން އަރައިނުގަނެވި މުޅި ޢުމުރުވެސް ހާދަކުރަން އެބަޖެހެއެވެ.
އެޙާލަތުގައި އެފަދަ އަންހެނުންގެ ކިބައިން ފެންނާނެ ބައެއް ޢަލާމާތްތައް ފާހަގަކޮށްލާނަމެވެ.
1- ކުށެއް ނުކުރެވުނަސް މާފަށް އެދޭނެއެވެ. އެގޮތަށް އެކަން މެދުވެރިވަނީ ކުށެއް ނުކުރިނަމަވެސް އޭނާގެ ބޮލުގައި ބަދުނާމް އަޅުވައި ނުބައި ބަސްތައް ބުނުން ފަދަ ކަންކަން ކޮށްފައިވާތީއެވެ.
2- އޭނާގެ ގާތުގައި އޭނާގެ ރީތިވާހަކަ ކިތަންމެ ގިނައިން ބުނި ނަމަވެސް އުފަލެއް ނުވާނެއެވެ. ސަބަބަކީ އޭނާއަށް ވިސްނޭނީ އޭނާ ރީތިނަމަ ކުރިން ލިބުނުފަދަ އަނިޔާތައް އޭނާއަށް ނުލިބޭނެކަމަށެވެ. އެއަނިޔާތައް އެލިބުނީ އޭނާގެ ކިބައިގައި އެހެން މީހުންނަށް ކަމުދާ ސިފަތަކެއް ނެތުމުން ކަމަށެވެ.
މިކަންކަން މިގޮތަށް ވިސްނޭ އެއްސަބަބަކީ ކުޑައިރު ޢާއިލާގެ ެތރެއިން ކުރިމަތިވާ މައްސަލަތަކެވެ. ނުވަތަ ބައިވެރިޔާގެ ކުރިމަތިވާ މައްސަލަތަކެވެ.
3- އޭނާ ހުރީ ޙައްޤު ގޮތުގައި ނަމަވެސް އެކަން ޘާބިތުކޮށްދޭން އެއްވެސް މަސައްކަތެއް ނުކުރާނެއެވެ!
4- ކަންކަމަށް ބޭނުންވެގެން ހުންނައިރުވެސް ކަންކަމަކަށް ނުއެދޭނެއެވެ. އެއީ އެދުނަސް ނުލިބި އެކަމަށް ހިތާމަކުރަންޖެހޭ މާޒީއެއް އޮތަތީއެވެ.
ތިބާގެ ބައިވެރިޔާގެ ކިބައިން މިސިފަތައް ފެންނަނަމަ އަޅާލައި ލޯބިދިނުން އިތުރުކުރާށެވެ! ކުރިން އިޙްޞާޞްކުރަންޖެހުނު ފަދަ ހިތްދަތި ދުވަސްތަކެއް ނުވަތަ ހިތްދަތިކަމެއް އިޙްޞާޞްކުރަން ނުޖެހޭނެ ކަމުގެ ޔަޤީންކަން ގިނަގިނައިންދޭށެވެ. އަދި ޢަމަލުން އަނބިމީހާއަށް އެކަން ދައްކާށެވެ!
ޔަޤީންކަމާއިއެކު ބުނަމެވެ. މިފަދަ ޙާލުގައި ހުރި އަންހެނަކަށް އަޅާލައި އެހީތެރިވެ، ލޯބިދީފިނަމަ އޭނާ އަބަދުވެސް ހުންނާނީ އޭނާގެ މުޅި ޙަޔާތް ފިރިމީހާއަށްޓަކައި ޤުރްބާންކުރަން ތައްޔާރަށެވެ. އިން ޝާ ﷲ
- މިއީ މިފަދަ މައްސަލަތައް ޙަލުކުރަން ލަފާދޭ ދުނިޔޭގެ ފެންވަރުގެ ޢިލްމުވެރިއަކު ބުނެފައިވާ ބަސްކޮޅެކެވެ.
- އަލަފް / މިއަދުނޫސް