މިވާހަކައިންވެސް އިތުރަށް ޔަޤީންކޮށްލައްވަންވީ ކިތަންމެ ފަޤީރަސް، ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް، ޙާލަތު މަޖުބޫރުކުރިޔަސް، ފައިސާ ބޮނޑިތައް ކުރިމަތީގައި ބަހައްޓާފައި ހުއްޓަސް ﷲ ތަޢާލާއަށް ބިރުވެތިވެ ޙަރާމް ކަމެއް ނުކުރަން ޢަޒުމް ކަނޑައަޅައި ﷲ ތަޢާލާގެ ޙަޟްރަތަށް ދެއަތް އުފުލައި ވާތްގާއި މަދަދަށް އެދިއްޖެނަމަ ހީވެސް ނުކުރެވޭފަދަ ގޮތަކުން އެކަން ހިންމަވައި ދެއްވަވައި އަދި އުފާވެރިކަންވެސް ދެއްވާނެކަމެވެ.
މައްސަލައަކަށްވަނީ އެކަން ޔަޤީން ނުކުރެވި ޝައިޠޯނާ ދައްކާ މަގުން ކަންކަން ކުރެވޭ ކަމެވެ. ﷲ ތަޢާލާގެ މަގު ދޫކޮށްލެވޭ ކަމެވެ.
އަޅުގަނޑުގެ މަންމަ އާއި ބައްޕައަކީ ވަރަށް ފަޤީރު ބައެކެވެ. އެހެންވެ އަޅުގަނޑުމެންނަކީ ފަޤީރުންނެވެ. އަޅުގަނޑު އުޅެ ބޮޑުވީ ވަރަށް ދަތިޙާލުގައެވެ. އެހެނަސް މައިންބަފައިން އެމީހުންގެ ފެންވަރުން އަޅުގަނޑަށް ކިޔަވައިދިނެވެ. އަންހެނުންގެ ޤަދަރާއި ކަރާމާތް ދަސްކޮށްދިނެވެ. ޢިއްފަތްތެރިކަމުގެ އަގު ދަސްކޮށްދިނެވެ.
ބޮޑުވެގެން ވަޒީފާއެއް ހޯދަން މަސައްކަތްކުރަމުން ދަނިކޮށް ވަޒީފާއެއް ލިބުނީ މަޝްހޫރު ހޮޓަލަކުންނެވެ. އެނގޭކަމަކީ އެންމެ ތަނަވަސް މީހުން އެހޮޓަލުގައި ތިބޭކަމާއި އެއީ ގިނަ ބައަކު ބަލައިގެންފައިވާ ހޮޓަލެއްކަމެވެ. އެފަދަ ހޮޓަލަކުން ވަޒީފާއެއް ލިބުމުން ވަރަށް ބޮޑަށް އުފާކުރީމެވެ.
އަޅުގަނޑަށް ލިބުނީ ރިސެޕްޝަނިސްޓެއްގެ ވަޒީފާއެވެ. ވަރަށް ޒިންމާދާރުކަމާއިއެކު މަސައްކަތްކުރަމުން ދަނިކޮށް އެއްދުވަހަކު ހަވީރު ޑިޔުޓީ ނިމުނުތަނާ ޑަބަލް ޝިފްތެއް ނަގަން ޖެހި އެރޭވެސް މަސައްކަތްކުރަންޖެހުނެވެ. ޑިޔުޓީގައި ހުއްޓާ މެނޭޖަރުގެ ކޮޓަރިއަށް އަޅުގަނޑު ގެންގޮސްފައި ބުނީ ޕްރެޒިޑެންޝަލް ސުއީޓެއްގައި ހުރި ވަރަށް ބޮޑު މިލިއަނަރެއްގެ ޕަރސަނަލް ސެކްޓެރީއެއްގެ ގޮތުން އޭނާ ބުނާ ކަމެއްކޮށްދޭން 2 ގަޑިއެއްހާއިރަށް އެތަނަށް ދިއުމަށެވެ. އަދި އޭނާ ކޮންމެ ކަމަކަށް އެދުނަސް ކޮށްދޭންޖެހޭނެ ކަމަށާއި އޭނާގެ ކުރިމަތީގައި އެއްވެސް ކަމަކަށް ނޫނެކޭ ބުނެފިނަމަ ވަގުތުން ވަޒީފާއިން ވަކިކުރާނެ ކަމަށްވެސް ބުންޏެވެ.
އެހެންބުނުމުން ވަރަށް އުނދަގޫވިއެވެ. ކުރިމަތިވާން މިއުޅެނީ ކޮންކަމެއްކަން ވިސްނުނެވެ. ދެން ވިސްނައިލެވުނީ މަންމަ އޮތީ ބަލި ހޮސްޕިޓަލުގައިކަމާއި ވަޒީފާއިން ވަކިކޮށްފިނަމަ ބިލްވެސް ނުދެއްކޭނެ ކަމެވެ. އެހެންވެ މަންމައަށްޓަކައި ދިއައިމެވެ. ދިއައީ ﷲ އަށް ވަކީލްކޮށްގެންނެވެ. ދަންނަހުރިހާ ހެޔޮ އެއްޗެއްހެން ކިޔަމުންނެވެ. ސުއީޓަށްވަނީވެސް ސަލާމަތްކަމަށް އެދި ޛިކުރުތައް ކިޔަމުންނެވެ.
ފުރަތަމަ އޭނާ އެދުނީ އޭނާގެ ލެޕްޓޮޕަކުން ލިޔުމެއް ޓައިޕްކޮށްދިނުމަށެވެ. އެކަންކޮށްދީ ނިމުނުތަނުން އޭނާ ބޭނުންވީ އަޅުގަނޑުގެ ޢިއްފަތްތެރިކަމެވެ. އެވަގުތު ގިސްލާ ރޮވެން ފެށިއެވެ. އަދި ރޮމުން އަޅުގަނޑުގެ ޙާލަތު ކިޔައިދިނީމެވެ. ﷲ އަށްޓަކައި އަޅުގަނޑުގެ ޢިއްފަތްތެރިކަން ނަގާލަން މަސައްކަތް ނުކުރުމަށް އެދި ސަލާންޖެހީމެވެ. އަދި ވަޒީފާއިން ވަކިކުރާނެތީ އަޅުގަނޑުގެ ޝަކުވާ ނުކުރުމަށްވެސް އާދޭސްކުރީމެވެ. މަންމަ އޮތީ ހޮސްޕިޓަލުގައިކަމާއި ވަޒީފާއިން ވަކިކޮށްލައިފިނަމަ މަންމައަށް ޖެހޭނެ ޙާލުވެސް ކިޔައިދިނީމެވެ.
އެހެން ބުނުމުން އޭނާ ފައިސާބޮނޑިތަކެއް ނަގާ މޭޒުމަތީގައި ބަހައްޓާފައި ބުނީ ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި އެހުރިހާ ފައިސާ ގެންދިއުމަށެވެ. ޖަވާބުގައި އަޅުގަނޑުބުނީ އަޅުގަނޑުގެ ބަރުދަނަށް ދޭ ރަނަށްވުރެވެސް އަޅުގަނޑުގެ ޢިއްފަތްތެރިކަން އަޅުގަނޑަށް މާމުހިންމު ކަމަށެވެ. ފިރިމީހާއަށް ނޫނީ އަޅުގަނޑުގެ ހަށިގަނޑު ދައްކާލަންވެސް ބޭނުން ނުވާ ކަމަށެވެ.
އެހެންބުނެފައި ދެއަތް އުފުލައި އަޅުގަނޑު ﷲ އަށް ދުޢާކުރީމެވެ. އެކަމުން އޭނާއަށް އަސަރުތަކެއް ކުރިއެވެ. ދެން އޭނާ ބުނީ އޭނާއަށް މިލިބުނީ ވަރަށް އަގުބޮޑު ފިލާވަޅެއް ކަމަށެވެ. އުމުރުން މިހައިދުވަސްވީއިރުވެސް ބައްދަލުވި އެއްވެސް އަންހެނަކު ނުގަނެވި ނެތްކަމަށާއި އަޅުގަނޑަކީ މިހައި ގިނަ ފައިސާ ދިނުމުން ދެކޮޅު ހެދި ފުރަތަމަ އަންހެން މީހާކަމަށެވެ. އަދި އިންތިހާއަށް ފައިސާއަށް ބޭނުންވެގެން ހުރެވެސް މިހައި ގިނަ ފައިސާ ދިނުމުން ބޭނުން ނުކުރީތީ ހަމަ ޙައިރާންވެއްޖެކަމަށެވެ. އަދި ތެދުވެރި އަންހެނުންވެސް ދުނިޔޭގައި އުޅޭކަންވެސް ޤަބޫލުކުރެވިއްޖެ ކަމަށެވެ.
ދެން އޭނާއެދުނީ އޭނާ އާއި ވާހަކަ ދައްކަން މަޑުކޮށްލުމަށެވެ. އެކަމަށް އެއްބަސްވީމެވެ. 2 ގަޑިއިރަށް ދިއަނަމަވެސް 4 ގަޑިއިރު އޭނާ ގާތު އިންނަން ޖެހުނެވެ. ދެމީހުން ދުނިޔަވީ ވަރަށް ގިނަ ވާހަކަތައް ދެއްކުމަށްފަހު އޭނާ އެދުނީ އޭނާ ގޮވައިގެން މަންމަގެ ގާތަށް ހޮސްޕިޓަލަށް ދިއުމަށެވެ. އެކަންކުރީމެވެ. އެވަގުތު ބައްޕަ ގޭގައިވުމުން ދެން އޭނާ ބޭނުންވީ ބައްޕަގެ އާއި ބައްދަލުކުރަން ގެއަށްދާށެވެ. އެކަންވެސް ކުރީމެވެ.
ބައްޕައާއި ބައްދަލުކޮށް ކުޑަކޮށް ވާހަކަދައްކާލާފައި އޭނާ ބައްޕަގެ ކިބައިން އެދުނީ އަޅުގަނޑުގެ ކައިވެންޏަށެވެ. ބައްޕަ އެކަން ދޫކޮށްލީ އަޅުގަނޑަށެވެ. އަޅުގަނޑު ވަރަށް ބޮޑަށް ވިސްނައިލީމެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ކައިވެންޏަށް ރުހުނީމެވެ. އަޅުގަނޑަށް ވިސްނުނީ މިރޭ އެތަނަށް ދާންޖެހުމާއި ދިއުމުން ދެން ހިނގައި މިދިއަ ކަންކަމަކީ ﷲ އަޅުގަނޑަށް ލެއްވެވި ވަރަށް ބޮޑު ރަޙްމަތެއް ކަމަށެވެ.
އަޅުގަނޑު އެކަމަށް ރުހުމުން އޭނާ ބޭނުންވީ ބައްޕަވެސް ގޮވައިގެން ހޮޓަލަށްދާށެވެ. އެހެންވެ ބައްޕަވެސް ގޮވައިގެން ދިއައީ ހޮޓަލަށެވެ. ފައިސާ ހުރިނަމަ ދުނިޔޭގައި ނުކުރެވޭނެ ކަމެއް ނުއޮންނާނޭ ބުނާ ބަހުގެ ތެދުކަން ފެނުނެވެ. އެއިރު ދަންވަރު 1 ޖަހައިފިއެވެ. ނަމަވެސް އޭނާ ފޯނުކޯލެއް ކޮށްލާއިރަށް ކައިވެނިކޮށްދޭ މީހުން ގޮވައިގެން މީހަކު ހޮޓަލަށް އަތުވެއްޖެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދެމީހުންގެ ކައިވެނިކުރެވިއްޖެއެވެ.
ކައިވެނިކޮށް ނިމުމުން ނައްޕައަށް ވަރަށް ހެޔޮކޮށްހިތާފައި ކުރިން އަޅުގަނޑަށް ދޭން ދަބަހުން ނެގި ހުރިހާ ފައިސާތަކެއް ބައްޕައަށް ދީފައި ހޮޓަލުގެ ކާރެއްގައި ގެއަށް ފޮނުވައިލީއެވެ. އަޅުގަނޑުމެން ހޮޓަލުގައި ތިބެ ރޭކުރީއެވެ. އޭނާ ކުރަން އައި މަސައްކަތްތައް ނިންމައި ހަފްތާއެއްފަހުން އަޅުގަނޑާއި ޢާއިލާ ގޮވައިގެން ފުރައިގެން އޭނާގެ ސިޓީއަށް ދިއައީއެވެ.
އެކައިވެންޏަށް މިހާރު 20 އަހަރުފުރުނީއެވެ. ކައިވެނީގައި 7 ދަރިންވެސް ވަނީ ލިބިފައެވެ. ފިރިމީހާ ކިތަންމެ ތަނަވަސްވެފައި އަޅުގަނޑު ކިތަންމެ ފަޤީރުނަމަވެސް ދުވަހަކުވެސް އަޅުގަނޑުގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރެއެވެ. ކައިވެންޏަށްފަހު އޭނާގެ އުޅުން އިޞްލާޙްކުރިއެވެ. އަނބިމީހާ އާއިއެކު އެކަނި ދިރިއުޅެން ޢަޒުމް ކަނޑައެޅިއެވެ.
އަޅުގަނޑުގެ މިވާހަކަ ނޫހަށް މިކިޔައިދިނީ ކައިވެންޏަށް 20 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. ދުނިޔޭގެ ހުރިހާ އަންހެނުންނަށް މެސެޖެއް ދިނުމުގެވެސް ބޭނުމުގައެވެ. އެމެސެޖަކީ ކިތަންމެ ގިނަ ފައިސާ ލިބެންއޮތަސް، ކިތަންމެ ފަޤީރު ޙާލުގައި އުޅެންޖެހިފައިވީނަމަވެސް ފައިސާގެ ދަހިވެތިކަމުގައިވެސް ލޯބީގެ އަވާގައިޖެހިގެންވެސް ޢިއްފަތްތެރިކަން ދޫކޮށްނުލާށެވެ! ﷲ އަސް ބިރުވެތިވެ އެކަން ނުކޮށްފިނަމަ ﷲ ގެ ރަޙްމަތް އެމީހަކަށް ކޮންމެވެސް ސިފައެއްގައި މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
ދެން ބުނެލަން ބޭނުންވަނީ ކަމެއް ދިމާވިނަމަވެސް ހަޅޭއްލަވައި އަޑުިގަދަކުރުމުގެ ބަދަލުގައި ދުޢާކުރާށެވެ! ޛިކުރުތައް ކިޔަވާށެވެ! ޙިމާޔަތް ކުރާނެ މަލާއިކަތުން ފޮނުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- ނާޝިތާ ބޭގަމް / ފައިސަލް އާބާދު / ޕާކިސްތާން