ހިތް ފަތަޙަ ކުރެވޭނީ އޯގާތެރިކަމުން! އެއީ ގަދަބާރާ ހަރުކަށިކަމުން ޙާޞިލުކުރެވޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ހިތް ފަތަޙަ ކުރެވޭނީ އޯގާތެރިކަމުން! އެއީ ގަދަބާރާ ހަރުކަށިކަމުން ޙާޞިލުކުރެވޭނެ ކަމެއް ނޫން!

ބައެއް ވެރިން އެމީހުންގެ މުވައްޒިފުންނާމެދު ހަރުކަށިކޮށް ކަންކަން ކުރެއެވެ. ބައެއް އިސްވެރިން އެމީހުން ބޭނުންވާ ގޮތަށް ރައްޔިތުންލެންބުވުމަށްޓަކައި ހަރުކަށިކޮށް ކަންކަން ކުރެއެވެ. އަދި ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަންވެސް ހަރުކަށި ފިޔަވަޅުތައް އެބައަޅައެވެ.

ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ކަންކަން ކުރުމާއި ޤުރްއާނުގައި އޮތް ގޮތަށް ޢަމަލުކުރުމަކީ ހަރުކަށިވުމެއް ނޫނެވެ. ހަމައެފަދައިން ދިރިއުޅެން ތިމާމެން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީވެސް ހަރުކަށިވުމެއް ނޫނެވެ. 

ހަރުކަށިވުން ކަމަށްވާނީ މިބަޔާންކުރި ހަމަތަކާއި އުޞޫލުތަކުން ބޭރުން ކަންކަންކުރުމުންނެވެ. ރަޙުމާއި އޯގާތެރިކަން ނުބެހެއްޓުމުންނެވެ. އަނެކާއަށް ދޭންޖެހޭ ޙައްޤުތައް ނުދިނުމުންނެވެ. 

ގަދަފަދަ ނުވަތަ ބާރުގަދަ މީހާ ބިރުދައްކާނަމަ އަނެކާ ކިޔަމަންތެރިވެދާނެއެވެ. މަޑުންހުރެދާނެއެވެ. ނަމަވެސް އެގޮތަށް ކަންކަން އެކުރަނީ އޭނާގެ ހިތުން އެކަން ބަލައިގަނެގެން ހުރެއެއް ނޫނެވެ. އެކަމަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް އެވަޤުތު ނެތުމުންނެވެ. ކިރިޔާ ގޮތެއް ފެންނައިރަށްވެސް ބަދަލުހިފާނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. 

މިކަންކަމަކީ ޢާއިލީ ދިރިއުޅުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަންކަމެވެ. ނުތަނަވަސްކަން ކުރިމަތިވާ ވަޤުތުތައް އަންނާނެއެވެ. ނުބައި ބަސްތައް ބުނުމާއި ހަރުކަށި ފިޔަވަޅުއެޅުން ފަދަ ކަންކަން ނުކުރާށެވެ. އެބާވަތުގެ ކަންކަން ތަކުރާރުވާނަމަ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނެއް ނުއޮންނާނެއެވެ. ލޯބިން އަނެކާއަށް ހަދިޔާކުރި ހިތްވެސް އޮންނާނީ އަނބުރާ އަތުލެވިފައެވެ. 

"ހަރުކަށިކަން އިސްކޮށްގެން، އިންސާނުންގެ ހިތްތައް ފަތަޙަވާނެކަމަށް ހީކުރުމަކީ ހިޔަންޏަށް މުޑިނެގުންފަދަ ކަމަކަށް ނޫނީ ނުވާނެއެވެ. 

މާތް ނަބިއްޔާ صلى الله عليه وسلم އާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ: 

"ހިތްޕުޅު ހަރުކަށި، ޚުލްޤު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން