ލޯބިވީ ހަތްދިހަ އަަހަރުގެ މުސްކުޅިއެއް ދެކެ- ކައިވެނިކުރުމުން ލިބުނީ އެއް ޢުމުރުގެ ޒުވާނެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ލޯބިވީ ހަތްދިހަ އަަހަރުގެ މުސްކުޅިއެއް ދެކެ- ކައިވެނިކުރުމުން ލިބުނީ އެއް ޢުމުރުގެ ޒުވާނެއް

މިއީ ތަނަވަސް ޒުވާނަކު އޭނާދެކެ ޙަޤީޤީ ލޯބިވާ އަންހެނަކު ހޯދަން ޖެއްސި އާދައާ ޚިލާފް ޑްރާމާއެއްގެ ވާހަކައެވެ. ޙާޞިލްކުރަންޖެހޭ ޢިބްރަތްތައް ބައިވަރެވެ. ވާހަކަ ވިދާޅުވެލައްވާށެވެ! 

އެއީ ވަރަށް ފަޤީރު ޢާއިލާއެކެވެ. ދުވަހުން ދުވަހަށް ކައިބޮއި ހެދެނީވެސް ހަމަކިރިޔާއެވެ. އެހެންކަމާއިއެކުވެސް ދެ ދަރިންނަށް އެމީހުންގެ ފެންވަރުން ކިޔަވައިދިނެވެ. ރަނގަޅު އަޚްލާޤް ދަސްކޮށްދީ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރިއެވެ. 

ދޮށީ އަންހެންދަރިފުޅެވެ. އޭނާއަށް ހޮޓަލަކުން ރަނގަޅު ވަޒީފާއެއް ލިބުނެވެ. ނަމަވެސް އޭނާގެ މައިންބަފައިންނަކީ ފަޤީރުންކަމަށްވުމުން ކައިވެނިކުރުންވީ ވަރަށް ދަތިކަމަކަށެވެ. އެހެންވެ ކައިވެނިނުކުރެވި ހުރެ 30 އަހަރާއި ގާތްވެފައި ހުއްޓާ އޭނާގެ ކައިވެންޏަށް އެދިގެން 70 އަހަރުގެ މީހަކު ދިއައެވެ. 

ދެމީހުންގެ ބައްދަލުވުންތައް ފެށުނެވެ. ފިރިހެންމީހާ މުސްކުޅި ނަމަވެސް އަންހެންކުއްޖާ އޭނާ ދެކެ ޙަޤީޤީ ލޯބިވާންފެށިއެވެ. އަންހެންކުއްޖާ އޭނާދެކެ ވަނީ ޙަޤީޤީ ލޯބިކަން ޔަޤީންކުރެވުމުން ކައިވެނިކުރިއެވެ. ކައިވެނީގެ ރަސްމިއްޔާތުގައިވެސް ގިނަ ބައަކު ތިބީ އުމުރުގެ ތަފާތު ބޮޑުކަމުން ހައިރާންވެފައެވެ. 

ކައިވެނީގެ ރަސްމިއްޔާތު ނިމިގެން ފިރިމީހާގެ އަގުބޮޑު އެޕާޓްމަންޓަށް ގޮސް ފުރަތަމަވެސް އަނބިމީހާ ފެންވަރައި ރީތިވެ ފިރިމީހާއަށް މަރުޙަބާކިޔަން ތައްޔާރުވިއެވެ. ފިރިމީހާވެސް ފެންވަރަން ވަނެވެ. އެތައް އިރެއްކޮށްފައި ފާޚާނާއިން ނުކުތީ ހަމަ އޭނާ އާއި އެއް އުމުރުގެ ޒުވާނެކެވެ. އޭނާ ފެނުމުން މިއީ ބޮޑު ރޭވުން ގަނޑެއްކަމަށް ޝައްކުކުރެވިގެން އަނބިމީހާ ބިރުގަތެވެ. ތުރުތުރުއަޅަން ފެށިއެވެ. 

ފިރިމީހާއަށް އެކަން އެނގުމުން ކައިރިނުވެ ދުރުގައި ހުރެގެން ކިޔައިދިނެވެ. "ބިރުނުގަންނާށެވެ. އުފާކުރާށެވެ. ހިނިތުންވެލާށެވެ. މިއީ ހަމަ ކަލާ ކައިވެނިކުރި 70 އަހަރުގެ މީހާއެވެ." އެހެންބުނެފައި އޭނާ އަޅައިގެންއުޅުނު ފޭސްމާސްކް ނަގައި ދައްކައިލިއެވެ. "އަހަރެންނަށް ކަލާ ފެނުނީ ވަޒީފާއަދާކުރާ ހޮޓަލުންނެވެ. ފެނުމާއިއެކު ކަލާއަށް އެދެވުނެވެ. ނަމަވެސް އަހަރެންގެ ކުރީގެ ތަޖުރިބާތަކަށް ބަލާފައި މާސްކްއަޅައި ކާކުކަން އޮޅުވައިލީއެވެ. އެއީ ބައްދަލުވި ހުރިހާ އަނހެންކުދިންވެސް ބޭނުންވީ އަހަރެންގެ ތަނަވަސްކަމެވެ. އެމީހުން އަހަރެން ދެކެ ލޯތްބެއް ނުވެއެވެ. ލޯބިވީ އަހަރެންގެ ފައިސާ ދެކެއެވެ. ވީމާ މިފަހަރު އަހަރެން މަސައްކަތްމިކުރީ އަހަރެން ދެކެ ޙަޤީޤީ ލޯބިވާ އަންހެނަކު ހޯދާށެވެ. އިމްތިޙާނުން ކަލާ ފާސްވީއެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ އުފާވެރިކަމެވެ." 

ފިރިމީހާގެ ވާހަކަ އަޑުއަހާފައި އަނބިމީހާއަށް އުފަލުން ރޮވެން ފެށިއެވެ. އޭނާއަށް ލެއްވެވި ރަޙްމަތަށްޓަކައި ނިހާޔަތަށް ޝުކުރުވެރިވިއެވެ. 

މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެކެވެ. އަޅުގަނޑު ބެލި ވާސަންގައި ބުނެފައިވަނީ މިއީ ޖަޕާނުގައި ހިނގާދިއަ ކަމެއް ކަމަށެވެ. އަޅުގަނޑު ދަންނަވަން އޮތީ މިއީ ވަރަށް ޢިބްރަތްތެރި ވާހަކައެއް ކަމަށެވެ. ވާހަކަ ނިންމާލަމުން ބުނެފައިވަނީ ލޯބިވާން ވަކި އުމުރެއް ނެތްކަމަށާއި އުމުރު ކިތަންމެ ތަފާތުނަމަވެސް ދެމީހަކު ލޯބިވެދާނެ ކަމަށެވެ. އަދި ލޯބީގައި ތެދުވެރިވެއްޖެނަމަ އުފާވެރިކަން ލިބޭނެ ކަމަށެވެ. 

އުމުރުތަފާތުކޮށް ކައިވެނިކުރުމުން މުސްކުޅިމީހާ ޒުވާން ނުވެދާނެއެވެ. ޒުވާން ނުވި ނަމަވެސް ލޯބީގައި ތެދުވެރިވެއްޖެނަމަ އުފާވެރިކަން ލިބޭނެއެވެ. ހިތްހަމަޖެހުން ލިބޭނެއެވެ. ސަބަބަކީ ޙަޤީޤީ ލޯބިވެއްޖެނަމަ އެފަދަ ކަންކަން އިޙްޞާޞްވެސް ނުކުރެވޭނެތީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކައިން ފައިދާއެއްކޮށް ފިލާވަޅެއް ލިބޭނެކަމަށް އުންމީދުކުރަމެވެ. 

- ފަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން