ނަރަކައަށް ވަންނަން ބޭނުންނުވި އެއްވެސް މީހަކަށް ނަރަކައަށް ވަންނާކަށް ނުޖެހޭނެ! ސުވަރުގެ ވައްދަވާނެ މަގު މިއޮތީ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ނަރަކައަށް ވަންނަން ބޭނުންނުވި އެއްވެސް މީހަކަށް ނަރަކައަށް ވަންނާކަށް ނުޖެހޭނެ! ސުވަރުގެ ވައްދަވާނެ މަގު މިއޮތީ! އިން ޝާ ﷲ: މުފްތީ މެންކް

ﷲ ތަޢާލާ އެއްވެސް މީހަކާއިމެދު ބައްލަވައިވޮޑިގެންވަނީ އޭނާކުޅަ ފާފަތަކުގެ މައްޗަކަށް ނޫނެވެ. އޭނާ ކުޅަ ފާފަތަކުގެ ޢަދަދާއި ބޮޑުކުޑަމިނަކަށްވެސް ނޫނެވެ. ﷲ ތަޢާލާގެ އޯގާތެރިވަންތަކަމާއި ދީލަތިވަންތަކަމާއި މީސްތަކުންގެމައްޗަށް ރަޙުމްކުރެއްވެވުން އެއަށްވުރެ މާބޮޑެވެ. 

ނިކަން ވިސްނައިބަލާށެވެ! ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އޭނާ ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވިކަން މައްޗަށެވެ. އޭނާއަށް ކިތަންމެ ގިނަ އަދި ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް އޭނާ ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވެއްޖެނަމަ އޭނާއަށް ކުރެވުނު ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެތެވެ. 

ފާފަ ނުކުރެވޭ މީހަކު ނުހުންނާނެކަމާއި ކުރެވޭ ފާފަތަކަށް ބައްލަވައިވޮޑިގަންނަވާނަމަ ސުވަރުގެ ވަދެވޭނެ މީހަކު ނުހުންނާނެއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ މީސްތަކުންނަށް އޮތީ ކުރިން މިބުނި މަގުން ޢަމަލުކުރުމެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރާ މީހަކަށްވުމެވެ. އެއިރުން އެމީހަކު ސުވަރުގެ ވައްދަވާނެތެވެ. 

ﷲ ތަޢާލާ ވަނީ އިންސާނުންނަށް އިޚްތިޔާރުތަކެއް ދެއްވަވަވއިފައެވެ. އެއިގެ ތެރޭގައި ތައުބާވެ ހެޔޮ ޢަމަލުތައް ކުރުމާއި ނުކުރުން ހިމެނެއެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކޮށްފިނަމަ އެމީހަކަށް ސުވަރުގެއެވެ. ތައުބާނުވެ ފާފަކުރުންމަތީގައި ދެމިހުރެއްޖެނަމަ އެމީހަކަށް ނަރަކައެވެ. ވީމާ އެއްވެސް މީހަކަށް ނަރަކައަށް ވަންނަން ޖެހުމުން މިއީ ﷲ ތަޢާލާ ތިމާއަށް އިރާދަކުރެއްވެވި ގޮތްކަމަކަށް ނުބުނެވޭނެއެވެ. ނަރަކައަށް ވަންނަން ޖެހޭ މީހުން ނަރަކައަށް ވަންނާނީ އެމީހުންގެ ކުށް ޤަބޫލުކޮށް ނަރަކައަށް ވަންނަން މިޖެހެނީ ތިމާގެ ކުށުންކަން ޤަބޫލުކޮށް އެކަމަށް އިޢްތިރާފްވާ ޙާލުގައެވެ. 

މިއީ އަހުރެން މީސްތަކުންނަށް އެންމެ ގިނައިން ހަނދުމަކޮށްދޭ އެއްކަންތަކެވެ. ބޭނުމަކީ މިކަންކަމަށް ވިސްނައި އެމީހެއްގެ ނަފްސް ނަރަކައިން ސަލާމަތްކުރަން ހިތްވަރުދިނުމެވެ. ނަރަކައަށް ވަންނަން ޖެހެނީ ﷲ ތަޢާލާގެ މިންވަރުފުޅުގައި އެކަން އެގޮތަށް އޮތުމުން ކަމަށާއި އެކަމުގައި ތިމާގެ އެއްވެސް ބާރެއް ނެތްކަމަށް ވިސްނައިދޭ މީހުން އެހަދަނީ ބޮޑު ދޮގެއްކަން ބަޔާންކުރުމެވެ. 

މީސްތަކުންގެ ތެރެއިން ނަރަކައަށް ވަންނަން ޖެހޭ މީހުން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެއީ މީސްތަކުން ކުރާ ކަންކަމުގެ އިތުރުން ކުރާނެ ކަންކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. ވީމާ ތިމާއަށް ނަރަކައަށް ވަންނަން މިޖެހެނީ އެގޮތަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލިޔުއްވިގެންވާތީ ކަމަކަށް ނުބުނެވޭނެއެވެ. ދުނިޔޭގައި ހުރެ ފާފަތައް ކުރިއިރު އޭނާއާއިމެދު ލިޔުއްވިގެންވާ ގޮތް އެއްވެސް މީހަކަށް ނުއެނގޭނެތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން