ކީރިތި ޤުރްއާނާއި ސުންނަތުން ފެންނަން އޮތް ގޮތަށް ކަމެއްކުރަން ބުނެފިނަމަ އެމީހަކީ ހަރުކަށި މީހަކަށްހަދާ ބައަކު އުޅެއެވެ. އެންމެ ބޮޑު ހަރުކަށިކަމަކީ ކޮބައިކަން އެމީހުންނަށް ނުވެސް އެނގޭ ފަދައެވެ.
"އެންމެ ބޮޑު ހަރުކަށިކަމަކީ ނަމާދުނުކުރުމެވެ. އެހެނީ ﷲ ތަޢާލާ އެންމެ ގަދައަށް އަމުރުފުޅުކުރައްވަވާފައިވަނީ ނަމާދުކުރުމަށެވެ. ވީމާ ނަމާދު ނުކުރުމަށްވުރެ ހަރުކަށިކަންބޮޑު އެއްވެސް ކަމެއް ނެތެވެ."
- މުފްތީ މެންކް
ޤަޞްދުގައި ނަމާދުއެޅުމަކީ ނުވަތަ ނަމާދުނުކޮށްހުރުމަކީ ދީނުން ބޭރުވެގެންދާނެ ކަމެކެވެ. ނަމާދުނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެއްޖެނަމަ އަލުން ޝަހާދަތްކިޔައި އިސްލާމްވާންޖެހޭނެކަމަށްވެސް ޢިލްމްވެރިން ބަޔާންކުރައްވައެވެ.
ދެން ބަލައިލަންވީ ކުރެވޭ އެންމެ ހެޔޮ ޢަމަލަށެވެ! "އެންމެ ހެޔޮޢަމަލަކީ ކޮބައިތޯ ރަސޫލާ ﷺ އާއި ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ޙަދީޘް ކުރެއްވީ "ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި ކުރުން" ކަމަށެވެ.
ވީމާ ކޮންމެ ގޮތަކުންވެސް، ކިތަންމެ ބޮޑަށް ހިތްވަރުކޮށްގެންވެސް ބަލަންވީ ނަމާދުކުރާ މީހަކަށް ވެވޭތޯއެވެ. ނަމާދުކުރާ މީހަކަށް ވެވޭނީ ފަރުޟް 5 ނަމާދުކުރުންމަތީގައި ދެމހުރެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން