ޢަލީ އިޙްޞާން ފިރާޤް
މޫސާގެފާނު މަދުޔަނަށް ވަޑައިގަތުން:
މޫސާގެފާނު ބޮޑުފުޅުވެ، ފުރާފުރިހަމަ ވުމަށްފަހު، އެއްދުވަހަކު އެކަލޭގެފާނު، މިޞްރުގެ މަގުމަތިން ހިންގަވައިފައި ވަޑައިގެންނެވިއެވެ. އެތަނުން އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ ދެކޮޅުވެރިވެ ތަޅާފޮޅަމުން ގެންދާ ދެ މީހެކެވެ. އޭގެ ތެރެއިން އެކަކީ އެކަލޭގެފާނުގެ ބައިގެ މީހެކެވެ. ބަނީ އިސްރާއީލު ބާގައިގެ މީހެކެވެ. އަނެކަކަކީ، އެކަލޭގެފާނުގެ ޢަދުއްވެކެވެ. ޤިބްތީންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭގެ ތެރެއިން ބަނީ އިސްރާއީލުބާގައިގެ މީހާ މޫސާގެފާނު ގެ ފަރާތުން އޭނާއަށް ވާގިދީ ނަޞްރު ދިނުމަށް ގޮވައިލިއެވެ. އޭނާގެ ގޮވައިލެއްވުމަށް އިޖާބަދެއްވައި މޫސާގެފާނު ޤިބްތީންގެ މީހާގެ ގައިގައި ޖެއްސެވިއެވެ. ހަމަ އެވަގުތުމެ އޭނާ މަރުވެގެން ވެއްޓިއްޖެއެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 15 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَدَخَلَ الْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِ وَهَـٰذَا مِنْ عَدُوِّهِ ۖ فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ ۖقَالَ هَـٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ ﴿١٥﴾
މާނައީ: [އަދި އެރަށުގެ أهل ވެރިން، غافل ކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ عدوّ ންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ عدوّ ންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގި ދެއްވުން އެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު موسى ގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައްމިވީ شيطان އާގެ عمل ގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ شيطان އާއީ، ބަޔާންވެގެންހުރި މަގުފުރައްދާ عداوة ތެރިޔެކެވެ.]
ކޮންމެއަކަސް موسى ގެފާނު ޤިބްތީންގެ މީހާގެ ގައިގައި ޖެއްސެވީ އޭނާ މަރާލުމުގެ ޤަސްތުގައެއް ނޫންނެވެ. ނަމަވެސް އެކަލޭގެފާނު އޭނާގެ ގައިގައި ޖެއްސެވުމުން އިއްތިފާޤުން އޭނާ މަރުވެގެން ދިޔައީއެވެ. އެކަމުގެ ސަބަބުން موسى ގެފާނު ވަރަށް ބޮޑަށް ހިތާމަފުޅު ކުރެއްވިއެވެ. އަދި އެކަމަށް ތައުބާވެވަޑައިގެންނެވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 16 ވަނަ އާޔަތާއި 17 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالَ رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴿١٦﴾ قَالَ رَبِّ بِمَا أَنْعَمْتَ عَلَيَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ﴿١٧﴾
މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ نفس އަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާޔަށް نعمة ދެއްވާފައިވާތީ، ފަހެ، ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މިއަޅާ ނުވާހުށީމެވެ.]
ކޮންމެއަކަސް موسى ގެފާނަށް ދިމާވެވަޑައިގެންނެވި ހާދިސާގެ ސަބަބުން ނުރައްކަލެއް އަތުވެދާނެ ކަމަށް ބައްލަވަ ބައްލަވައި އެކަލޭގެފާނު ހުންނެވިއެވެ. އެގޮތުގައި ހުންނަވައި ބޭރަށް ނުކުމެވަޑައިގެންނެވި ތަނުން އަނެއްކާވެސް ކުރިން ދުވަހު ދިމާވި ބަނީ އިސްރާއީލުބާގައިގެ މީހާއާ ދިމާވިއެވެ. މިފަހަރުވެސް އޭނާ އުޅުނީ ޤިބްތީންގެ މީހަކާ ދެމެދުގައި ދެކޮޅުވެރި ކަމެއް އުފެދިގެނެވެ. އޭނާ މޫސާގެފާނުގެ ފަރާތްޕުޅުން ނަޞްރަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު މޫސާގެފާނު ވިދާޅުވިއެވެ.
[ހަމަކަށަވަރުން، ކަލެޔަކީ، ފާޅުވެގެންހުރި ފުރެދުންތެރިއެއްކަން ކަށަވަރެވެ.]
އެހެން ވިދާޅުވުމަށްފަހު، ޤިބްތީމީހާގެ ފަރާތުން ބަނީ އިސްރާއީލުބާގައިގެ މީހާ ސަލާމަތް ކުރުމަށް ގަދަކަން ދައްކަވައިލެއްވުމުން، ބަނީ އިސްރާއީލުބާގައިގެ މީހާ ހީކުރީ އެކަލޭގެފާނު އޭނާގެ ގައިގައި ޖައްސަވަން އުޅުއްވަނީ ކަމަށެވެ. އެހެންވެ، އޭނާ ބުންޏެވެ.
[ކަލޭގެފާނު އިއްޔެ މީހަކު މެރުއްވިފަދައިން، ތިމަންވެސް މެރުއްވުމަށް ޤަޞްދު ކުރައްވަނީތޯއެވެ؟]
ކުރިން ދުވަހު موسى ގެފާނުގެ އަތްޕުޅުން ޤަތުލުވެގެންދިޔަ، ޤިބްތީންގެ މީހާ ޤަތުލުވިކަން، އޭރު އޮތީ އެއްވެސް މީހަކަށް ނޭނގި ވަންހަނާ ކަމެއްގެ ތެރޭގައެވެ. އެކަން ދެނަތިބި ދެމީހުނަކީ ބަނީ އިސްރާއީލުބާގައިގެ މީހާއާއި موسى ގެފާނެވެ. ބަނީ އިސްރާއީލުބާގައިގެ މީހާގެ ދުލުން އެބަސްތައް ބޭރުވުމުން ދެން އެތަނުގައި އޭރު ހުރި ޤިބްތީންގެ މީހާއަށް ކުރިން ދުވަހު ޤިބްތީންގެ މީހާ ޤަތުލުކުރީ موسى ގެފާނުކަން އެނގުނެވެ. އެހެންކަމުން އޭނާ އެވާހަކަ ހިފައިގެން ގޮސް ފިރުޢައުނުގެ ދަރުބާރުގައި ދެންނެވިއެވެ. މިވާހަކަ އަޑު އިވުމުން ފިރުޢައުނު ރުޅިއައިސް ފުފިގެން ދިޔައެވެ. އޭނާ ޤަޞްދުކުރީ موسى ގެފާނު ޤަތުލު ކުރުމަށެވެ. އެކަމަށްޓަކައި موسى ގެފާނު ހިފައި ހައްޔަރުކޮށްގެން ގެނައުމަށްޓަކައި އޭނާގެ ސިފައިން ފޮނުވިއެވެ. {ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން ހަތްވަނަ ޖިލްދުގެ 388 ވަނަ ޞަފްޙާ}
މިކަމަށް އިޝާރާތް ކުރައްވައި، ޤަޞަޞު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
فَأَصْبَحَ فِي الْمَدِينَةِ خَائِفًا يَتَرَقَّبُ فَإِذَا الَّذِي اسْتَنصَرَهُ بِالْأَمْسِ يَسْتَصْرِخُهُ ۚ قَالَ لَهُ مُوسَىٰ إِنَّكَ لَغَوِيٌّ مُّبِينٌ ﴿١٨﴾ فَلَمَّا أَنْ أَرَادَ أَن يَبْطِشَ بِالَّذِي هُوَ عَدُوٌّ لَّهُمَا قَالَ يَا مُوسَىٰ أَتُرِيدُ أَن تَقْتُلَنِي كَمَا قَتَلْتَ نَفْسًا بِالْأَمْسِ ۖ إِن تُرِيدُ إِلَّا أَن تَكُونَ جَبَّارًا فِي الْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ الْمُصْلِحِينَ ﴿١٩﴾
މާނައީ: [ފަހެ، އެކަލޭގެފާނު އެރަށުގައި ބިރުވެރި حال ގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކޮށްކޮށް ހުންނެވިއެވެ. ފަހެ، އެހާރުން އެކަލޭގެފާނުގެ އަރިހުން ކުރީދުވަހު އެހީއަށް އެދުނުމީހާ (އަނެއްކާވެސް) އެކަލޭގެފާނުގެ ކިބައިން އެހީއަށްއެދި ގޮވައިލިއެވެ. موسى ގެފާނު އޭނާއަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލެޔަކީ، ފާޅުވެގެންހުރި ފުރެދުންތެރިއެއްކަން ކަށަވަރެވެ.ފަހެ، އެ ދެމީހުންގެ عداوة ތެރިޔަކު ކަމުގައިވާ މީހާގެ މައްޗަށް ގަދަކަން ދެއްކެވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވިހިނދު، އެމީހާ ބުންޏެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނު އިއްޔެ މީހަކު މެރުއްވިފަދައިން، ތިމަންވެސް މެރުއްވުމަށް ގަސްދުކުރައްވަނީތޯއެވެ؟ ބިމުގައި جبّار އަކަށްވެގެން އުޅުއްވުން މެނުވީ ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. އަދި إصلاح ކުރާ މީހުންގެ ތެރެއިން ވުމަކަށްވެސް ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ.]
ފިރުޢައުނު، موسى ގެފާނު ޤަތުލުކުރަން ނިންމައި އޭނާގެ މީހުން ނުވަތަ ސިފައިން އެކަލޭގެފާނު ހައްޔަރު ކުރަން ފޮނުވިއެވެ. ނަމަވެސް އެބައިމީހުންނަށް موسى ގެފާނާ ހަމައަށް ނާދެވެނީސް، އެރަށުގެ ފިރިހެނަކު ދުވަމުން އައިސް، ފިރުޢައުނު އެކަލޭގެފާނު ޤަތުލުކުރަން ނިންމި ޚަބަރު ދެއްވިއެވެ. ފިރުޢައުނު ގެ މީހުން އެކަލޭގެފާނު ހައްޔަރު ކުރަން އަންނަ ޚަބަރު موسى ގެފާނަށް ދެއްވިއެވެ. އޭނާ، موسى ގެފާނަށް ނަޞޭޙަތްތެރިވީ އެކަލޭގެފާނު އަވަހަށް މިޞްރުން ފައިބައި ވަޑައިގެން އެހެން ރަށަކަށް ދިއުމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 20 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَجَاءَ رَجُلٌ مِّنْ أَقْصَى الْمَدِينَةِ يَسْعَىٰ قَالَ يَا مُوسَىٰ إِنَّ الْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَاخْرُجْ إِنِّي لَكَ مِنَ النَّاصِحِينَ ﴿٢٠﴾
މާނައީ: [އަދި އެރަށުގެ އެންމެދުރު ފަރާތުން މީހަކު ދުވަމުންއައިސް ދެންނެވިއެވެ. އޭ موسى ގެފާނެވެ. ހަމަކަށަވަރުން، ރަށުގެ ބޮޑުން ކަލޭގެފާނު قتل ކުރުމަށް އެބަ ސައްލާކުރެތެވެ. ފަހެ، ކަލޭގެފާނު (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް نصيحة ތެރިވާ މީހުންގެ ތެރެއިންނެވެ.]
އަލް އިމާމުލް ޤުރްޠުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ތަފްސީރު ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެރަށުގެ އެންމެދުރު ފަރާތުން ދުވަމުން އައި މީހަކީ، ފިރުޢައުނުގެ އާލުންގެ ތެރެއިން އީމާންވެގެން ހުންނެވި ބޭކަލެކެވެ. {އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، 16 ވަނަ ޖިލްދު، ޞަފްޙާ 243}
އެމީހާ موسى ގެފާނަށް އެރުވި ނަޞޭޙަތާ އެއްގޮތުގެ މަތިން އެކަލޭގެފާނު، މިޞްރު ދޫކުރައްވައި ވަޑައިގެންނެވުމަށް ޤަޞްދު ކުރެއްވިއެވެ. އެކަލޭގެފާނު މިޞްރުން ނުކުމެވަޑައިގެންނެވީ ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތް ކުރެއްވުމަށް އެދިވަޑައިގެން ދުޢާފުޅު ކުރައްވަމުންނެވެ. އެކަލޭގެފާނަށް ސީދާވެގެންވާ ތެދުމަގު ދެއްކެވުމަށް އެދިވަޑައިގެން ދުޢާފުޅު ކުރައްވަމުންނެވެ. މިކަމަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 21 އަދި 22 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿٢١﴾ وَلَمَّا تَوَجَّهَ تِلْقَاءَ مَدْيَنَ قَالَ عَسَىٰ رَبِّي أَن يَهْدِيَنِي سَوَاءَ السَّبِيلِ﴿٢٢﴾
މާނައީ: "ފަހެ، އެކަލޭގެފާނު ބިރުވެރި حال ގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކުރައްވަމުން އެރަށުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާނދޭވެ! އަދި އެކަލޭގެފާނު مدين އާ ދިމާއަށް ވަޑައިގެންނެވިހިނދު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާނގެ މިއަޅާއަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ!"