ކުޑަކުއްޖަކަށް ކުށެއް ކުރެވުނަސް ހަރުކަށިނުވެ ރަޙުމްކޮށް ނަޞޭޙަތްދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ކުޑަކުއްޖަކަށް ކުށެއް ކުރެވުނަސް ހަރުކަށިނުވެ ރަޙުމްކޮށް ނަޞޭޙަތްދޭށެވެ!

އަޅުގަނޑު ދިރިއުޅެނީ ރަށެއްގައެވެ. މާގިނަ ވެހިކަލްތަކެއް ނުދުއްވައެވެ. އެެހންވެ މަގުމަތީގައި ކުދިން އުޅެނީ ވަރަށް މިނިވަންކަމާއިއެކުގައެވެ. އެގޮތަށް އުޅެވޭއިރު ކުދިންނަށް ކުރެވޭ ކަންކަމާއި ގުޅިގެން ރުޅިއައިސް ނުބައި އެއްޗެތިކިޔާ މީހުންވެސް އުޅެއެވެ.  

އަޅުގަނޑުގެ ސުވާލަކީ އެގޮތަށް ކުދިންނަށް އެއްޗެތި ގޮވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟  

އަޅުގަނޑަށް ވިސްނޭގޮތުން އެއީ ކުދިންނަށް ދެވޭ ވަރަށް ނުރަނގަޅު ފިލާވަޅެކެވެ. އެކަމުގެ ނުރަގަޅު އަސަރު އެކުދިންނަށް ކުރާނެއެވެ. ބޮޑެތިވުމުން ހަމައެގޮތަށް ކަންތައް ކުރާނެއެވެ.  

ސުވާލުގެ ޖަވާބު ކިޔުންތެރިޔާއަށް ތިއަވަނީ ދެއްވިފައެވެ. ކިޔުންތެރިޔާއަށް ވިސްނިލައްވާ ގޮތް އެއީ ތިއަ ސުވާލުގެ ހަމަ ރަނގަޅު ޖަވާބެވެ.  

ދެން ބަލައިލަންވީ މަގުމަތީގައި ނުވަތަ ގެއިން ބޭރުގައި ކުޑަކުދިންނަށް ކުށް ކުރެވޭ ސަބަބަށެވެ. ކުށް ކުރެވެނީ އެކުދިންނަށެވެ. ނަމަވެސް އެކުދިންނަށް ގެއިން ބޭރުގައި ކުށްކުރަން އުޅެވެނީ ކޮންމެވެސް ސަބަބެއް ދިމާވެގެން މައިންބަފައިންނަށް އެމީހުންގެ ޒިންމާ ނުއުފުލޭތީއެވެ. ކުދިން ނުބެލެހެއްޓޭތީއެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އެއީ ކުރަން ރަނގަޅުކަމެއް ނޫން ނަމަވެސް ކުޑަ ދެފިރިހެން ކުއްޖަކު މަގުމަތީގައި ބޯޅަކުޅެން ތިއްބާ އައިކާރަކަށް ކުރިއަށްދާން އުނދަގޫވުމުން ދުއްވަން އިން މީހާ ފައިބައި އެބޯޅަ ނަގައި ކައިރީގައި އޮތް އޮއިދެމޭ ކޯރެއްގެ ތެރެއަށް އެއްލައިލިއެވެ. ދެކުދިން ވަރަށް ދެރަވެގެން ތިބެ ގޮސް ކޯރަށް އެރޭތަން ފެނުނު މީހަކު އެކުދިން ބައިތިއްބާފައި ކޯރަށް އެރި ބޯޅަ ނަގައިދިނެވެ.  

ކަމަކީ ވަރަށް އާދައިގެ ކުޑަކުޑަ ކަމެކެވެ. ނަމަވެސް ދެން ކަންކަންވީގޮތް ވެސް ބުނެލާނަމެވެ. ބޯޅަ އެއްލައިލި މީހާގެ ކާރު އެކްސިޑެންޓްވެ ނުހެދޭވަރަށް ހަލާކުވީއެވެ. އަދި ބޯޅަ ނަގައިދިން މީހާ ވާންއުޅުނު ބޮޑު އެކްސިޑެންޓަކުން ސަލާމަތްވިއެވެ.  

މިއީ އަޅުގަނޑަށް ސޯޝަލްމީޑިއާއިން ފެނުނު ވީޑިއޯ ކްލިޕަކުން ފެނުނު ކަންކަމެވެ. މިކްލިޕް ފެނުމުން ބަހެއް ބުނެލަން ބޭނުންވީއެވެ. ކުޑަކުދިންނާއިމެދު މިފަދައިން އަޅުގަނޑުމެންގެތެރޭގައިވެސް ބައެއް ފަހަރު ކަންކަންކުރެވޭތަން ފެންނާތީއެވެ.  

އަޅުގަނޑު އެއްވެސް ޙާލެއްގައި ކަންކަން ވަކިކަމެއްގައި އަޅުވަން ބޭނުންވަނީއެއް ނޫނެވެ. ނަމަވެސް ބުނެލަން ބޭނުންވަނީ މިފަދަ ކަންކަމަކީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަން ކަމަށެވެ.  

އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދެވޭ ފިލާވަޅަކީ އަނިޔާވެރި ގޮތުގައި ކަންކަންކުރުން ކަމުގައިވެއްޖެނަމަ އެކުދިންވެސް ވާނީ އެފަދަ އަމަލުތައްކުރާ ބައަކަށެވެ. އެހެން މީހުންނަކަށް ރަޙުމެއް ނުކުރާނެއެވެ. އެކުދިން ބޮޑެތިވުމުން އެހެންކުދިންނަކަށްވެސް ރަޙުމެއް ނުކުރާނެއެވެ.  

ވީމާ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކުޑަކުދިންނާއިމެދު ލޯބިން އޯގާތެރިކަމާއިއެކު ކަންކަންކުރާ މީހަކަށްވަމާތޯއެވެ! ކުއްޖަކަށް ނުރަނގަޅުކޮށް ކަމެއް ކުރެވޭތަން ފެނުނު ނަމަވެސް އަދި ކުއްޖެއްގެ ސަބަބުން އުނދަގުލެއްވީނަމަވެސް ރުޅި އައިސް ހަރުކަށިކޮށް ކަންކަން ނުކުރަމާތޯއެވެ. އެއީ ތިމާގެ އަމިއްލަ ދަރިއެއް ނޫން ނަމަވެސް ކޮންމެ ކުއްޖަކީވެސް ތިމާގެ ދަރިއެއްކަމަށް ދެކެގެން އެކުދިންނާއިމެދު ލޯބިން މުޢާމަލާތުކުރަމާތޯއެވެ! އަޅުގަނޑުމެންގެ ދީނުގައި ޢަމަލުކުރަން އޮތީ އެގޮތަށް ނޫންތޯއެވެ!

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން