ފަތިސް ނަމާދަށާއި ދަމުނަމާދަށް ހޭލަން ބޭނުންވާ މީހުން ހަމައެކަނި ގަޑިސޯނާކުރުމަކުން ނުފުދޭނެ! ރޭގަނޑު ކެއުމުގައި މިކަންކަމަށް ސަމާލުކަން ދޭންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ފަތިސް ނަމާދަށާއި ދަމުނަމާދަށް ހޭލަން ބޭނުންވާ މީހުން ހަމައެކަނި ގަޑިސޯނާކުރުމަކުން ނުފުދޭނެ! ރޭގަނޑު ކެއުމުގައި މިކަންކަމަށް ސަމާލުކަން ދޭންވާނެ!

ކޮންމެ މުއުމިނަކުވެސް ނިދަނީ ދަމުނަމާދަށާއި ފަތިސްނަމާދަށް ހޭލުމުގެ ނިޔަތުގައެވެ. ނަމަވެސް ހޭލެވެނީ ހާހަކުން މީހަކަށެވެ. ވީމާ މިވާގޮތެއް ބަލަން އެބެޖެހޭ ނޫންހެއްޔެވެ؟ އެހެންވެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ފަތިސް ނަމާދަށާއި ދަމުނަމާދަށް ނުހޭލެވޭ އެންމެ ބޮޑު ސަބަބަކީ ނިދުން ލަސްކުރުމެވެ. ހަމަ އެއާއިއެކު ރޭގަނޑު ގިނައިން ކެއުމަކީވެސް ފަތިސް ނަމާދަށްވެސް އަދި ދަމުނަމާދަށް ވެސް ނުހޭލެވޭ ސަބަބެކެވެ. ޚާއްޞަކޮށް އެއްގަމު މަހާއި ތެލުގެ ބާވަތްތައް ބޭނުން ކުރުމަކީ ބަރުހެލިވެ ލޮޑުވެ ނިދި ގަދަވާ ކަމެކެވެ.

މިއަދުގެ ސައިންސްވެރިންގެ ހޯދުންތަކަށް ބަލައި ޑޮކްޓަރުން ވެސް ބުނަމުން އެގެންދަނީ ރޭގަނޑުގެ ކެއުން ވީހައި ލުއިކުރުމަށެވެ. މަހުގެ ބާވަތްތަކާއި ތެލުގެ ބާވަތްތައް ރޭގަނޑު ނުކެއުމަށެވެ. އަދި ކެއުމަށްފަހު މަދުވެގެން 20 ވަރަކަށް މިނިޓް ކަސްރަތުވެސް ކުރުމަށެވެ. އެއީ މީހާގެ ލޮޑުކަން ކަނޑުވައިލުމަށެވެ.

ލުއިކޮށް ކާ މީހަކަށްވެސް ދަމު ނަމާދަށް ހޭލުމަކީ އެހައި ކުރަން ފަސޭހަ ކަމެއް ނޫނެވެ. ވަރަށް ބުރަ ކަމެކެވެ. ދަމުނަމާދުން ލިބޭ ދަރުމަ އާއި ސަވާބު އެހައި ބޮޑަށް އިތުރުކުރައްވަވާފައި އެވަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. ޤަވާއިދުކޮށް ދަމުނަމާދުކުރުމަކީ ﷲ ތަޢާލާ ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.

އެހެނަސް ވިސްނާށެވެ! ދަމުނަމާދަށް ޢާންމުކޮށް ހޭލައި ދަމުނަމާދުކުރާ މީހާގެ ހިތް ﷲ ތަޢާލާ މަޑުމޮޅިކޮށްދެއްވަވާނެތެވެ! އެހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުކޮށްދެއްވަވާނެތެވެ. ތަޤްވާވެރިކަން އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ.

ތަހައްޖުދު ނަމާދަށް ރަސޫލް (ﷺ) ދެއްވެވި ސަމާލުކަމުގެ ބޮޑުކަމަށް ނިކަން ވިސްނައިލަބަލާށެވެ! އެ ޒަމާނަކީ ސޯނާ ގަޑިއެއް ހުރި ޒަމާނެއް ނޫނެވެ. ޖަނަވާރުތައްވެސް ތިބޭނީ ނިދައިފައެވެ. އަޑުލައްވަމުން ދުއްވާނެ ވެހިކަލެއްވެސް ނުހުންނާނެއެވެ. އެހެންކަމާއިއެކުވެސް ރަސޫލް (ﷺ) ތަހައްޖުދު ނަމާދަށް ތެދުވެވަޑައިގެންނެވިއެވެ.

އަހަރެމެން ކުރަންޖެހޭ ދުނިޔަވީ ކަމެއް އޮވެއްޖެ ނަމަ ކިތަންމެ ފަތިހަކާއިވެސް ހޭލެވެއެވެ. ނަމަވެސް ފަތިސްނަމާދަށް ވެސް މިއުޅެނީ ނުހޭލެވިގެންނެވެ. ޢައިޝަތުގެފާނު ވިދާޅުވެފައިވަނީ ތަހައްޖުދު ނަމާދުކުރައްވާ ހިތްޕުޅު ބޮޑުކަމުން ވަގުތު ވަންދެން ރަސޫލް (ﷺ) ތަންމަތިކޮޅުގައި ފުރޮޅިވަޑައިގަންނަވާ ކަމަށެވެ. އަހަރެމެންނަށް އެފަދައިން ކަންކުރެވެނީ ފަތިހު ފުރުން ނުވަތަ ދުނިޔަވީ ކޮންމެވެސް ކަމެއް ކުރަންއޮވެއްޖެ ނަމައެވެ.

--މުފްތީ ޙުސައިން ކަމާނިގެ ދަރުސަކުން

މިއަދު އޮންލައިން