އެއީ 19 އަހަރުގެ ކުއްޖަކު ނިޔާވި ދުވަހެކެވެ. ވަޅުލާފައި ސަހަރާއިން ނުކުތް ފިރިހެނުންތަކާއި ބޭރުގައި މަޑުކޮށްގެން ތިބި އަންހެނުންތައް ބައްދަލުވުމުން އޮޅުލައޮޅުލާފައި ގިސްލަގިސްލާފައި ރޮނީއެވެ. އެކުއްޖާގެ ބައްޕަގެ 5 ދަރިން ތިބެއެވެ. އެންމެ ބާރަށް ރުއީވެސް ބައްޕައެވެ.
އެހެންވެ ބައްޕަ ދުރަށް ޖައްސުވާލާފައި ކުޑަކޮށް ހިތްހަމަޖައްސުވާލާފައި ސުވާލުކުރީމެވެ. "ތިއަވަރަށް ތިއަ ރޮނީ ކީއްވެގެން ހެއްޔެވެ؟ ދަރިފުޅު އެދިއައީ ކަލޭމެން އެންމެންނަށްވުރެ އެދަރިފުޅު ދެކެ މާބޮޑަށް ލޯބިވެވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތަށް ނޫންހެއްޔެވެ؟"
އޭނާ ކުރިއަށްވުރެ ބާރަށް އިރުކޮޅަކު ރުއިމަށްފަހު ކަރުނަފުހެމުން ބުންޏެވެ. "މިރޮވެނީވެސް ތިއަހެންވެގެންނެވެ. އަހުރެންގެ ދަރިން ބޮޑެތިކުރެވިފައިތިބީ ނަމާދުކުރަން އަހުލުވެރިކުރުވައިގެނެއް ނޫނެވެ. ވީމާ ކަންބޮޑުވަނީ ކައްވަޅުގައި ކުރައްވާ ސުވާލުތަކަށް ޖަވާބު ނުދެވިދާނެތީއެވެ. ޤިޔާމަތް ދުވަހު ނަމާދާއިމެދު ސުވާލުކުރެއްވޭ ވަޤުތު ކަންތައް މެދުވެރިވާނެގޮތް ނުއެނގޭތީއެވެ."
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެބައްޕައަށް އެކަން އެވިސްނުނީ 19 އަހަރުގައި ދަރިފުޅު މަރުވިފަހުންނެވެ. ކަމަކީ ކުއްޖާ ބާލިޣްވުމުން (ޢުމުރުން 10 އަހަރުވުމުން) އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ. 7 އަހަރުވުމުން ނަމާދުކުރަން ތަރުބިއްޔަތުކުރަން ފަށަންޖެހެއެވެ. 10 އަހަރުވުމުން ނަމާދުނުކުރާނަމަ އަދަބުދީގެން (އަނިޔާ ނުވާނެ ވަރަށް) ވެސް ނަމާދުކުރުވަންޖެހެއެވެ.
ވީމާ ވިސްނާށެވެ! ބާލިޣްވުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހޭނީ ނަމާދުކުރުމަށެވެ. އެހެނީ ބާލިޣްވުމަށްފަހު ނުކުރެވޭ ކޮންމެ ނަމާދަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ދަރާ ދަރަންޏެކެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލުކުރައްވަވާނީ ނަމާދާއިމެދުގައެވެ. ނަމާދުގެ ސުވާލުން ފާސްވެގެން ނޫނީ ސަލާމަމަތްކަމެއް ނެތެވެ. މާނައަކީ ނަމާދު ފިޔަވައި ދެންކުރި ހުރިހާ އަޅުކަމެއްގެ ފައިދާކުރުން އޮތީ ނަމާދުގެ ސުވާލުން ފާސްވެވުމުން ކަމެވެ.
އެހެންކަމާއިއެކުވެސް މައިންބަފައިން އެމީހުންގެ ވާޖިބު އަދާކުރުމުގައި އެބަ އިހްމާލްވެއެވެ. ގިނަބައަކު ޒުވާން އުމުރުގައިވެސް އަދި އެއިގެފަހުންވެސް ނަމާދަށް އެބަ އިހްމާލްވެއެވެ. ބައެއް މީހުން އެމީހުންގެ ޢުމުރުން ދުވަސްވުމުން ނަމާދުކުރަން މަޑުކޮށްލައިގެން ހުއްޓާ ދުނިޔެ ދޫކުރަން އެބަޖެހެއެވެ. އަދި ޢުމުރުން ދުވަސްވެ ނަމާދަށް ނުދެވޭ އަދި ނަމާދު ނުކުރެވޭ ޙާލަތަށްވެސް އެބަދެއެވެ.
މިކަންކަމަށް ހޭލުންތެރިވަމާތޯއެވެ!
މުސްކުޅި ބޭބެއަކު ކައިރިން އެންމެ ދަތިވަނީ ކޮންކަމެއްތޯ ސުވާލު ކުރުމުން ބުންޏެވެ. "ބޭނުންވަނީ މިސްކިތަށް ގެންގޮސް، ގެނެސްދޭނެ މީހެކެވެ. ގައިބާރު ހުރި ދުވަހު އުޅެވުނީ މިސްކިތާ ވަރަށް ދުރުކޮށެވެ. މިހާރު ހިންގާފަ މިސްކިތަށް ދާނެ ބާރެއް ގައަކު ނެތެވެ. ބޭބެ، މިހާރު މިވާ ދެރަ ބުނެދޭންވެސް ނޭނގެއެވެ. !"
- އިސްލާމީ ތިލަފަތުގެ ދަރުސަކުން