ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރަމުން އަންނައިރު އެކަމުގައި ތިމާއަށް ޙާޞިލުކުރެވޭ މިންވަރު ދެނެގަންނަން ގިނަ ބައަކު ބޭނުންވެއެވެ. އެއީ މައްސަލައެއް ނޫނެވެ. ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަކުން ރަނގަޅު ކާމިޔާބީއެއް ޙާޞިލުކުރެވޭތަން ދެކެން ކޮންމެ މީހަކުވެސް ބޭނުންވާނެތީއެވެ.
ތިބާ ތައުބާވެ އިޞްލާޙްވާން މަސައްކަތްކުރަމުންދާއިރު އެކަމަށް ކުރާ މަސައްކަތުގެ ނަތީޖާ ބަލައިލެވޭނެ ގޮތެއް ބުނެފާނަމެވެ. ތިބާއަށް ތިބާގެ ކުށް ޤަބޫލުކުރެވި ތައުބާވެ އިޞްލާޙް ވެވިއްޖެ ނަމަ ފަރުޟުތަކަށާއި އިތުރު އަޅުކަން ކުރަން ޝައުޤުވެރިވާނެއެވެ. ދީނީ ޢިލްމުވެރިންނާއި ގުޅުން ބަދަހިކުރާނެއެވެ. ދަރުސްތައް އަޑުއަހަން ޝައުޤުވެރިވާނެއެވެ. ދީނުގެ ކަންކަން އިތުރަށް އުނގެނެން ޝައުޤުވެރިވާނެއެވެ!
ނަމަވެސް ތިބާގެ މައްޗަށް ޝައިޠާނާ ގަދަވެގެންފައިވާނަމަ ތިބާ ދެމިހުންނާނީ ފާފަކުރުމުގައެވެ. އުޅޭނީ ނުބައި ނުލަފާ ޢަމަލުތައް ކުރާ މީހުންނާއިއެކުގައެވެ. އެފަދަ މީހުންނާއިއެކު އުޅެވޭނަމަ އެކަމުން އަނގައިދެނީ އޭނާއަށް އަދިވެސް ތައުބާ ނުވެވޭކަމެވެ! ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭ ކަމެވެ!
"އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ. އަދި ނަފްސާއި، އެ ނަފްސް ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. ފަހެ، އެކަލާނގެ އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވެވިއެވެ. އެ ނަފްސް ޠޯހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ." (އައްޝަމްސް: 6،7،8.9)
މިއާޔަތްތަކުން އެނގިގެން މިދަނީ ނުބައި ގޮތާއި ރަނގަޅު ގޮތް ވިސްނުމުގެ ކުޅަދާނަކަން ﷲ ތަޢާލާ މީސްތަކުންނަށް ދެއްވެވިކަމެވެ. ޙަޤީޤީ ކާމިޔާބުވެރިންނަކީ ފައިދާ ހުރި ގޮތް އެނގުމުން ފުރުޞަތުގެ ބޭނުންހިފައި އެމީހާގެ އަމިއްލަ ނަފްސް ޠޯހިރުކުރާ މީހުން ކަމެވެ.
ރަސޫލް (ﷺ)ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ކުރަން އެންމެ އުނދަގޫ ޖިހާދަކީ އެމީހެއްގެ އަމިއްލަ ނަފްސާއި ދެކޮޅަށް ކުރަން ޖެހޭ ޖިހާދެވެ. އެހެނީ އެމީހެއްގެ ކިބައިގައި ހުންނަ އުނި ކަންކަން އިޞްލާޙުކުރުމަކީ ފަސޭހަކަމަކަށް ނުވާނެތީއެވެ. އެކަމަށް މަސައްކަތްކުރާއިރަށް ލޭގެތެރޭގައި ދައުރުކުރަމުންދާ ޝައިޠާނާ، ގުނަވަންތަކަށް ވަސްވާސްދީގެން ފާފަތައް ކުރުންމަތީގައި ދެމިހުރުމަށް ވަސްވާސްދެމުން ގެންދާނެތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން