އަބަދުވެސް ހަނދާނުގަ ބަހައްޓަންޖެހޭ ކަމެއް!: ބޭނުންވި ބައިވެރިޔާ ނުލިބުނީތީ ލިބުނު ބައިވެރިޔާއަށް އަނިޔާވެރިވާނަމަ އެމީހަކަށް ލިބޭ އަނިޔާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އަބަދުވެސް ހަނދާނުގަ ބަހައްޓަންޖެހޭ ކަމެއް!: ބޭނުންވި ބައިވެރިޔާ ނުލިބުނީތީ ލިބުނު ބައިވެރިޔާއަށް އަނިޔާވެރިވާނަމަ އެމީހަކަށް ލިބޭ އަނިޔާ މާބޮޑުވާނެ!

އަޅުގަނޑުމެންގެ ކައިވެންޏަށް 3 އަހަރުފުރިއްޖެއެވެ. ނަަމވެސް ބައިވެރިޔާގެ ލޯބި ލިބެނީ ހަމަ ވަރަށް ކުޑަ މިންވަރަކަށެވެ. ބުނަނީ ކުރީގެ (އޭނާގެ އަލަތު) ލޯބިވެރިޔާ މަތިން ހަނދާންވާވަރުން ކަމަށެވެ.  

މިޙާލަތުގައި ބައިވެރިޔާއަށް ވިސްނައިދެވޭތޯ ދޭނެ ނަޞޭޙަތެއް ނޫނީ ކުރެވިދާނެ ކަމެއް ބުނެދެއްވަފާނަންތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.  

މިދެނީ ވަރަށް ހެޔޮ ނަޞޭޙަތެކެވެ. ތިމާއަށް އެހެން މީހަކު ދެކެ ލޯބިވެވިފައިވާ ވަރުން ތިމާ ކައިވެނިކުރާ މީހާއަށް ދޭން ޖެހޭ އަޅައިލުމާއި ޤަދަރާއި އިޙްތިރާމާއި ލޯބި ނުދެވޭނެ ނަމަ ކައިވެނި ނުކުރާށެވެ!  

ކައިވެނިކުރުމަށްފަހު އުފާވެރި ޙަޔާތެއް ކުރިއަށް ނުގެންދެވޭ ނަމަ އެކަން ވާނީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. އެއްވެސް މީހަކަށް އަނިޔާވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.  

ބައެއް މީހުން ކައިވެނި ކުރުމަށްފަހުގައިވެސް ބައިވެރިޔާއަށް އިހްމާލްވެ އަނިޔާވެރިވެއެވެ. ބައިވެރިޔާ އާއިމެދު ފަރުވާ ކުޑަކުރެއެވެ. ސަބަބެއް ކަމަށް ހަދަނީ އެހެން މީހަކަށް ތިމާގެ ހިތް ކުރިން ދެވިފައި އޮތުމެވެ. އެހެން މީހަކު ދެކެ ލޯބިވެވިފައި އޮތުމެވެ.  

މިއީ ވަރަށް ނުބައި ސިފައެކެވެ. ތިމާ އެހެން މީހަކު ލޯބިވެފައިވީނަމަވެސް އެމީހަކު ތިމާއަށް ނުލިބުމުގައި ތިމާއަށް ލިބުނު ބައިވެރިޔާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން ތިމާއަށް ލިބުނު ބައިވެރިޔާގެ މަޢްޞޫމްކަން ކުޑަވާންވީ ކީއްވެގެން ހެއްޔެވެ؟  

މިއީ ވަރަށް ހިތާމަހުރިކަމެކެވެ. މިފަދަ ގޮތްތައް މެދުވެރިވެ މުޅި އުމުރުގައި ހިތާމަކުރަން އެބަޖެހެއެވެ. އަނެއްގައި ފަހަރު ކައިވެނި ރޫޅި ނިކަމެތިވެގެންދެއެވެ. ދަރިންގެ ޙައްޤުތައް ގެއްލިގެން ދެއެވެ. ވީމާ ކުރިން ލޯބިވިމީހާ ދެކެވީ ލޯބީގެ މަސްތުގައި ހުންނަން ބޭނުންވާ މީހާ އެކަމުގައި ހުންނާށެވެ! އެއިރުން އެހެން މީހަކަށް އަނިޔާއެއް ނުލިބޭނެއެވެ.  

"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21) 

މިއާޔަތަށް ބެލި ނަމަވެސް ކައިވެނިކުރަންވާނީ ލޯތްބާއި އޯގާތެރިކަން ދިނުމަށާއި ލޯތްބާއި އޯގާތެރިކަމަށްޓަކައި ކަމުގައި އެނގިގެންދެއެވެ. ވީމާ ލޯތްބާއި އޯގާތެރިކަން ނުދެވޭނެ ނަމަ ކައިވެނި ނުކުރާށެވެ!  

އެއްވެސް ޙާލެއްގައި ކައިވެންޏަކީ ހަމައެކަނި ޖިންސީ ގުޅުން ހިންގުމުގެ ބޭނުމުގައި ކުރާ ކަމަކަށް ނުހަދާށެވެ! ކައިވެނީގެ ދަރަޖަ މާމަތިވެރިއެވެ. ކައިވެނި ވާންޖެހޭނީ އުފުލާ ޒިންމާއަކަށެވެ.! ދެމަފިރިން އެކުގައި ސުވަރުގެ ވަނުމަށް ފަށާ މަސައްކަތުގެ ބިންގަލަކަށެވެ. އެއިރުން އެ ކައިނެންޏެއްގައި ބަރަކާތް އިތުރުވެ ރަޙްމަތް އޮހެމުންދާނެއެވެ! އިންޝާ ﷲ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން