ﷲ ގެ ރަޙްމަތާއި މަދަދަށް އަބަދުވެސް ބޭނުންވެގެންތިބޭއިރު ހުއްޓާނުލައި ތާއަބަދު ކުރަން ޖެހޭ 5 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ﷲ ގެ ރަޙްމަތާއި މަދަދަށް އަބަދުވެސް ބޭނުންވެގެންތިބޭއިރު ހުއްޓާނުލައި ތާއަބަދު ކުރަން ޖެހޭ 5 ކަމެއް!

ﷲ ތަޢާލާގެ ރަޙްމަތާއި މަދަދަށް އެންމެންވެސް ބޭނުންވެއެވެ. އެންމެ ހިނދުކޮށްކަށް ނަމަވެސް ﷲ ތަޢާލާގެ ރަޙްމަތާއި މަދަދު ލިބުން ހުއްޓިއްޖެނަމަ އެމީހަކު ދުނިޔެއަކު ނުހުންނާނެއެވެ. އެހެނީ އެންމެ ކުޑަމިނުން ނޭވާވެސް މިލެވެނީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން ކަމުގައިވާތީއެވެ. 

ﷲ ގެ ރަޙްމަތާއި މަދަދަށް އެދޭ މީހާ، ފަރުވާކުޑަނުކޮށް، ހުއްޓުމެއް ނެތި، ތާއަބަދުމެ ކުރަންޖެހޭ 5 ކަމެއް ފާހަގަކޮށްލާނަމެވެ. 

އެއީ: 

1 ނިޢްމަތެއް މިނަވރުކުރައްވަވައިފިނަމަ ﷲ ތަޢާލާއަށް ޙަމްދުކުރުމާއި 2 ކަމަކަށް ދަތިވެއްޖެ ނަމަ ﷲ ތަޢާލާއަށް ދުޢާ ކުރުމާއި، 3 ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމަކުން ސަލާމަތް ކުރައްވަވާނެ ކަމަށް ޔަޤީންކޮށް ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކުރުމާއި 4 ﷲ ތަޢާލާއަށް ޝުކުރުވެރިވުންމަތީގައި ދެމިތިބުމާއި 5 ގިނަގިނައިން أستغفر الله ކިޔައި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. 

އެމީހާގެ ހިސާބު ކުރުން އެންމެ ރަނގަޅީ އެމީހަކު އަމިއްލައަށެވެ. ވީމާ ކޮންމެ މީހަކު ތަނެއްގައި ހަމަޖެހިލައިގެން އިށީނދެ އިނދެ މިކަންކަން އެމީހަކަށް ކުރެވޭ މިންވަރާއިމެދު ވިސްނައި ސުވާލުކޮށެވެ! ކޮންމެ ކަމަކީ 20 މާރކްސް ކަމަށް ބަލައިގެން އެމީހާއަށް ލިބެނީ ކިތައް މާކްސްކަން ނިކަން އަމިއްލައަށް ބަލައިލާށެވެ! 

މީސްތަކުންނޭވެ! މީހެއްގެ ކިބައިން ނަމަވެސް ތިމާއަށް ހެޔޮކަމެއް ލިބިއްޖެނަމަ، މެދުވެރިވެއްޖެ ނަމަ އޭނާއަށް ޝުކުރު އަދާކުރުމުގެ ކުރިން ٱلْحَمْدُ لِلّٰهِ ކިޔައި ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ! އެހެނީ އޭނާ މެދުވެރިކުރައްވަވައި އެ ނިޢްމަތް ތިބާއާއި ހަމައަށް ފޯރުކޮށްދެއްވެވީ ﷲ ތަޢާލާ އެވެ. ދުނިޔޭގައި ތިބި އެންމެންގެ ތެރެއިން ތިބާއަށް އެ އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ހިތަށް ވައްދަވައި ދެއްވެވީ ހަމަ ﷲ ތަޢާލާއެވެ. 

މިކަން މިހާރު ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ އެމީހާ ކޮށްދިން ކަމެއް ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ކުށް ހީއެކެވެ. ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކުން އެއްވެސް މީހަކަށް އެއްވެސް ނިޢްމަތެއް ލިބުމެއް ނުވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން