މީސްތަކުން މާދިއްޔަތަށް ދަހިވެތިވީވަރުން ގިނަ ބައަކު ބަލަނީ ކޮންމެ ގޮތަކުން ނަމަވެސް ތިމާގެ ޖީބަށް ގިނަ ފައިސާ ވަންނާނެ ގޮތަކަށެވެ. މިޘާލަކަށް ބުނާނަމަ އެމީހަކީ އިސްލާމް ދީނާއި ދެކޮޅު ފިކުރުގެ ނުވަތަ އިސްލާމް ދީނަށް ނަޞްރު ނުދޭ، އިސްލާމް ދީނަށް ޢަމަލުނުކުރާ މީހެއްގެ ކިބައިން ނަމަވެސް ތިމާއަށް މާލީ މަންފާއެއް ލިބިދާނެކަމުގެ އުންމީދު އޮތްނަމަ ހުންނަނީ އެމީހަކަށް ރުހިގެންނެވެ. ތާއީދުވެސް ކޮށްގެންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުންނަ މީހަކާ ދުޝްމިންވާކަށް ނުބުނަމެވެ. މިބުނާ ވާހަކައަކީ ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުރިނަމަވެސް ދީނަށް ނަޞްރުނުދޭ މީހުންނާއިއެކުގައި ނުވުމަށެވެ. ދީނަށް ލޯބިކޮށް ޢަމަލުނުކުރާ މީހުންނާއިއެކުގައި ނުވުމަށެވެ. އެފަދަ މީހުންނަށް ރުހި ތާއީދުނުކުރުމަށެވެ.
ތިބާ ރުހެން ބޭނުންވާ މީހަކީ ﷲ ތަޢާލާގެ ދީނަށް ނަޞްރުނުދޭ، ދީނަށް ޢަމަލުނުކުރާ މީހަކު ކަމުގައިވާނަމަ ފުރަތަމަ އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ! އޭނާގެ ޢަމަލުތައް އިބްލާޙްކޮށްފިނަމަ ގުޅިގެން އުޅޭށެވެ. އެހެނީ އެންމެ މުހިންމު އެއްކަމަކީ ޤިޔާމަތް ދުވަހު މީސްތަކުން މަޙްޝަރުކުރައްވަވާއިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ތިބި ހެޔޮލަފާ، މާތް މީހުންނާއިއެކު މަޙްޝަރުކުރެއްވެވުމެވެ.
ތިރީގައި އެވަނީ އެކަން ބަޔާންކުރައްވައި ޝައިޚް އިމްރާން މުޙައްމަދު ޢަލީ ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ޤިޔާމަތް ދުވަހުން ކޮންމެ މީހަކުވެސް ވާނީ އެމީހަކު ލޯބިވި ބަޔަކާ އެކުގައެވެ. (ބައްލަވާ: صحيح البخاري 6168 - 6171)
ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަނެ، އެއިލާހު ނިޢުމަތްދެއްވި ބޭކަލުން ދެކެ ލޯބިވީ މީހަކު ޤިޔާމަތްދުވަހުން ވާނީ އެބޭކަލުންނާ އެކުގައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَن يُطِعِ اللَّهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَٰئِكَ رَفِيقًا﴾ [سورة النساء ٦٩]
މާނައީ: "ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތް ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ."
#صيد_الخاطر