މާޒީއަކީ މިއަދުގެ ނުވަތަ މުސްތަޤްބަލުގެ މޫނުބަލާ ލޯގަނޑުކަމަށް ހެދުމަކީ މާޒީގައި ކުރެވުނު އެއްވެސް ކުށެއް އިތުރަށް ތަކުރާރު ނުކުރުމެވެ. ދެރައީ ކުށެއް ކުރެވިފައި އޮތުމެއް ނޫނެވެ. ދެރައީ ކުށް ތަކުރާރުކުރެވޭނަމައެވެ. ވީމާ އިތުރަށް ކުށެއް ނުކުރުމުގެ ނިޔަތުގައި މަސައްކަތް ކުރާ މީހާއަށް އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ! އިންޝާ ﷲ.
. ވީމާ އަހަރެމެންނަށް އޮތީ ގަދަ އަޅައި މަސައްކަތްކުރުމެވެ. ތިމާއަށް ކުރެވިފައިވާ ކުށްތައް ކިތަންމެ ގިނަ ނަމަވެސް އެކަން ޤަބޫލުކޮށް އެކަމަށް ހިތާމަކޮސް ތައުބާވެ އަލުން ކުށެއް ނުކުރަން މަސައްކަތްކުރާ އެންމެންނަށް އެކަމަށް ތައުފީޤް ދެއްވަވާނެތެވެ. އެހެނީ އެއީ ﷲ ތަޢާލާގެ ވަޢުދުބަސްފުޅެކެވެ.
ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލެވުމަށްފަހު ޢަޒުމް ކަނޑައަޅަންވީ އައު މަންޒަރެއް ކުރެހުމަށެވެ. އެމަންޒަރުގައި އިއްޔެ އާއި ހަމައަށް ކުރެވުނު އެއްވެސް ކުށެއް ނުހިމަނައި އެމަންޒަރަކީ ސާފު އައު މަންޒަރަކަށް ހެދުމަށެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް މިއަދުގެ މަންޒަރުގައި ނުހިމެނުމަށެވެ. ހިތާއި ނަފުސް ޤުރްބާންކޮށް ޖިހާދުކުރަންވީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމަށެވެ!
ރަނގަޅު ގޮތްތައް މެދުވެރިނުވާތީ ކަންބޮޑުވެގެން އުޅެންޖެހެނީ މިބަޔާންކުރި ވިސްނުމުގައި މަސައްކަތްނުކުރެވޭތީއެވެ. އިޞްލާޙްކުރަން ޖެހޭ ކަންކަން އިޞްލާޙް ނުކުރެވޭތީއެވެ. ވީމާ ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ތިމާއަށް ރަނގަޅު ގޮތްތައް ވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށް ތިމާ އިޞްލާޙްވެ އައުފެށުމަކުން ފަށާށެވެ. ކާމިޔާބެވާނެއެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން