ފިތުނަތަކާ ޖާހިލުކަމާ ޝައިޠޯނާގެ ވަސްވާސްތައް އަބަދުވެސް ދާނީ ކުރިމަތިވަމުން! އެހުރިހާ ކަމަކުން ތިބާ ދިފާޢުކޮށްދޭނެ އައްޑަނަ ހިފައިގެން ހުންނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ފިތުނަތަކާ ޖާހިލުކަމާ ޝައިޠޯނާގެ ވަސްވާސްތައް އަބަދުވެސް ދާނީ ކުރިމަތިވަމުން! އެހުރިހާ ކަމަކުން ތިބާ ދިފާޢުކޮށްދޭނެ އައްޑަނަ ހިފައިގެން ހުންނާތި!

ދުނިޔޭގެ ޙަޔާތަށް ބަލައިފިނަމަ އެއްވެސް ދުވަހަކީ އަމާން ދުވަހެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ދާނީ ތަފާތު ކަންތައްތަކެއް ކުރިމަތިވަމުންނެވެ. އެއްކޮޅުން ޝައިޠޯނާގެ ޙަމަލާތަކެވެ. އަނެއްކޮޅުން މީސްތަކުންގެ ޙަސަދައާއި އެސްފީނާ އާއި ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ޢާންމު މައްސަލަތަކެވެ.

ވިސްނާށެވެ! ވިސްނައި ފިކުރުކުރާ މީހަކަށް ރޭގަނޑުގެ އަނދިރިކަމަކީވެސް ވަރަށް ބޮޑު ޢިބްރަތެކެވެ. އިރުއޮއްސުމާއިއެކު މަޣްރިބް މިކުރަނީ އެހެންވެގެންނެވެ. ރަތްވިލާ އޮއްސުމާއިއެކު ޢިޝާ ނަމާދު މިކުރަނީ ވެސް ހަމަ އެހެންވެގެންނެވެ. އެކަންކަމުން ސަލާމަތްވުމަށެވެ. އެކަންކަމުން ސަލާމަތްވެފައިވާ ޙާލު އަނެއް ދުވަހާއި ކުރިމަތިލަނީ ފަތިސްނަމާދުން ކަމަށް ހަދަންޖެހޭ ސަބަބަކީވެސް ހަމައެއީއެވެ.

އަދި އީމާންކަންމަތީގައި ސާބިތުވެ ތިބުމަށް ފަރުޟު 5 ނަމާދަށް ވެސް ފަރުވާތެރިވާށެވެ! ރައްކައުތެރިވާށެވެ! ކުރިމަތިވާ ހުރިހާ މައްސަލަތަކަކުން ތިބާ ސަލާމަތްކޮށްދޭނެ ބާރަކަށް ނަމާދުތައް ވެގެންދާނެއެވެ.

ފިތުނަ އާއި ޖާހިލުކަން ކުރިމަތިނުވާނެ އެންމެ ދުވަހެއްވެސް ފާއިތުވެގެނެއް ނުދެއެވެ. ދުވާލުގެ އަލިކަމަށްފަހު ރޭގަނޑުގެ އަނދިރިކަން ބައްދަލުކުރާ ފަދައިން ކޮންމެ ދުވަހަކުވެސް ފިތުނަ އާއި ޖާހިލުކަމާއި ޝައިޠާނާގެ ވަސްވާސްތައް ކޮންމެ ދުވަހަކުވެސް ބައްދަލުކުރެއެވެ.

ކުރިން މިބުނި ފަދައިން ފިތުނަ އާއި ޖާހިލުކަމާއި ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރުމަށް މަގުފަހިކޮށްދޭ ވަސީލަތަކީ ފަރުޟު 5 ނަމާދެވެ. ފަރުޟު 5 ނަމާދާއި ގުޅިފައިވާ ސުންނަތް ނަމާދުތަކެވެ. އެހެނިހެން އަޅުކަމެވެ.

އެއްވެސް ނަމާދަކީ މުހިންމު ނޫން ނުވަތަ މުހިންމުކަން ކުޑަ ނަމާދެއްކަމަށް ހީނުކުރާށެވެ! މުސްލިމުންނަށް ކުރަން އޮތީ 5 ނަމާދެވެ. ވީމާ އެމީހަކަށް ފަސޭހަ ދުވަހަކު، ފަސޭހަ ވަގުތަކު، ކުރަން ފަސޭހަ ނަމާދެއް ކުރުމަކުން އަދި އެއީ ނަމާދުކުރުމެއް ނޫނެވެ. ނަމާދުކުރުމަކީ ކޮންމެ ދުވަހަކުވެސް އެ ނަމާދެއްގެ ވަގުތުގައި ނަމާދުކޮށް 5 ނަމާދު އަދާއަށް ކުރަމުން ގެންދިއުމެވެ.

ކޮންމެ ދުވަހަކު އިބިލީހުގެ ކިބައިން ކުރިމަތިވާނެ މިފަދަ ހުރިހާ މުޞީބާތްތަކުން ސަލާމަތްވެ ތިބެވޭނެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައި ދެއްވަވައިފައެވެ. ނަމާދަކީ އެކަމަށް އޮތް އައްޑަނައެވެ. އެ އައްޑަނަ ފޫއަޅުވައިލުމުގެ އެއްވެސް ބާރެއް އިބިލީހަށް ލިބިގެނެއް ނުވެއެވެ. ވީމާ އަބަދުވެސް އައްޑަނަ އަޅައިގެން ތިބޭށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން