މޫސާގެފާނު ވާހަކަ- 5: މޫސާގެފާނު މަދުޔަނުގައި

ކިޔުމަށް ހޭދަވާނީ 13މ 21ސ
މޫސާގެފާނު ވާހަކަ- 5: މޫސާގެފާނު މަދުޔަނުގައި

ޢަލީ އިޙްޞާން ފިރާޤް

 

މޫސާގެފާނު މަދުޔަނުގައި: 

موسى ގެފާނު މަދުޔަނަށް ދަތުރުފުޅު ކުރައްވައި ވަޑައިގެންނެވިއެވެ. މަދުޔަނުގެ ފެންވަޅު ކައިރީގައި ވަރަށް ގިނަ ބަޔަކު އެބައިމީހުންގެ ޖަނަވާރުތަކަށް ފެންދެމުން ގެންދަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެތަނުގެ ތަންކޮޅެއް ދުރުގައި ދެ އަންހެނަކު އެބައިމީހުންގެ ޖަނަވާރުތައް ފެންވަޅު ކައިރިން ދުރައްޖައްސަމުން ގެންދިޔައެވެ. އެއީ އެބައިމީހުންގެ ބަކަރިތަކާއި އެ ދެ އަންހެނުންގެ ބަކަރިތައް އެއްވެ އޮޅިގެން ދިޔުމުން ސަލާމަތް ކުރުމަށްޓަކައެވެ.

މި ދެ އަންހެނުންގެ މި ޢަމަލު ފެނިވަޑައިގެން موسى ގެފާނު އެ ދެ އަންހެނުން އެގޮތަށް ކަންތައް ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެ ދެ އަންހެނުން ޖަވާބު ދެއްވިއެވެ.

[ޖަނަވާރުތައް ހުއިހައްޕާމީހުން އެއުރެންގެ ޖަނަވާރުތަކަށް ފެންދީ ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެތެވެ. އަހުރެމެންގެ ބައްޕައަކީ މިތަނަށް އައިސް އެފަދަކަމެއް ކުރެއްވޭވަރަށްވުރެ އުމުރުން ދުވަސްވެފައިވާ މުސްކުޅިއެކެވެ.] {ޤަޞަޞު 23}

މި ދެ އަންހެނުންގެ މިވާހަކަތައް އިވިވަޑައިގެން موسى ގެފާނު އެ ދެ މީހުންނަށް އެހީތެރިވެވަޑައިގެންނެވިއެވެ. އެދެމީހުންގެ ބަކަރިތައްކަށް ފެންދެއްވިއެވެ. އެއަށްފަހު ގަހެއްގެ ހިޔަލަށް ވަޑައިގެން އިންނަވައި ދުޢާފުޅު ކުރެއްވިއެވެ.

[އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.]{ޤަޞަޞު 24}

އަލް ޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [އެ ދެ އަންހެނުން ބަކަރިތަކަށް ފެންދީގެން އެހެންނާ އަންނަ ދުވަސްދުވަހަށް ވުރެ އަވަހަށް ގެއަށް އައުމުން އެކުދިންގެ ބައްޕަ ވަރަށް ޙައިރާންވިއެވެ. އެދުވަހު މާ އަވަހަށް އާދެވުނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެ ދެ އަންހެނުން ކަންތައް ހިނގައި ދިޔަ ގޮތުންގެ ފުރިހަމަ ތަފްޞީލު ބައްޕައަށް އެރުވިއެވެ. ކަންތައް ހިނގައި ދިޔަ ގޮތް އެނގިވަޑައިގެން އެ ދެ އަންހެނުންގެ ބައްޕަ ބޭނުންފުޅުވީ موسى ގެފާނާ ބައްދަލު ކުރެއްވުމަށެވެ. އެގޮތުން އޭގެ ތެރެއިން އެއްކުއްޖަކު موسى ގެފާނު ބަލައިފޮނުއްވިއެވެ.]{ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން ހަތްވަނަ ޖިލްދުގެ 393 ވަނަ ޞަފްޙާ}

އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. [ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ.] ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. [ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ.] {ޤަޞަޞު 25} 

ސައްޔިދު އަބުލް އަޢުލާ މައުދޫދީ ވިދާޅުވެފައިވެއެވެ. [މި ދެންނެވި އާޔަތްތަކުގައި ބަޔާންވެގެންވާ ދެ އަންހެން ކުދިންގެ ބައްޕައާ ބެހޭ ގޮތުން މުސްލިމުންގެ ތެރޭގައި އާންމުވެފައިވަނީ އެބޭކަލަކީ ޝުޢައިބުގެފާނު ކަމަށެވެ. ނަމަވެސް ކީރިތި ޤުރްއާނުން މިކަމަށް އެއްވެސް ދަލީލެއް ނުލިބެއެވެ. ޝުޢައިބުގެފާނަކީ ޤުރްއާނުގައި ނަންގެނެވިގެންވާ ނަބީބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ނަބީބޭކަލެކެވެ. އެ ދެ އަންހެންކުދިންގެ ބައްޕައަކީ، ޝުޢައިބުގެފާނު ނަމަ އެކަން ޞަރީޙާކޮށް ޤުރްއާނުގައި ބަޔާން ކުރެއްވީސްކަން ކަށަވަރެވެ.{އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން، ޤަޞަޞު ސޫރަތުގެ 25 ވަނަ އާޔަތުގެ ތަފްސީރު}

އެ ދެ އަންހެނުންގެ ތެރެއިން އެއްކުއްޖަކު ބައްޕައަށް ދެންނެވިއެވެ. [އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ.] އެކުދިންގެ ބައްޕަ ވިދާޅުވިއެވެ. [މޫސާގެފާނަކީ ތިޔަ ސިފަތައް ލިބިވަޑައިގެން ހުންނެވި ބޭކަލެއްކަން ދަރިފުޅަށް އެނގެނީ ކިހިނެތް ހެއްޔެވެ؟] އެކުއްޖާ ދެންނެވިއެވެ.  [ދިހަ މީހުންނަށް ނޫނީ އުފުލައި ނުލެވޭވަރުގެ ވަޅުގެ މަތިގަނޑު އެކަލޭގެފާނު އުފުލައިދެއްވިއެވެ. އަޅުގަނޑު އެކަލޭގެފާނު ގޮވައިގެން އައި މަގުމަތީގައި އެކަލޭގެފާނުގެ ކުރިމަތިން އަންނާން ފެށުމުން އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެންގެ ފަހަތުން ކަމަނާ ވަޑައިގަންނަވާށެވެ. އަހަރެންނަށް މަގު އޮޅިގެންދާނަމަ ފަހަތުގައި ހުރެ ދާންވީ މަގާ ދިމާއަށް ގައުކޮޅެއް އެއްލައިލާށެވެ. އޭރު އަހަރެންނަށް ދާންވީ މަގު އެނގިދާނެއެވެ.] {ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން ހަތްވަނަ ޖިލްދުގެ 394 ވަނަ ޞަފްޙާ}

ކޮންމެއަކަސް އެ މުސްކުޅި ޝައިޚު އޭނާގެ ދަރިކަނބަލުން އެދިވަޑައިގެންނެވި ގޮތަށް މޫސާގެފާނު އެބައިމީހުންގެ ބަކަރިތައް ބެލެހެއްޓެވުމާ ޙަވާލުކުރެއްވިއެވެ. މީގެ އިތުރުން އޭނާގެ ދެ އަންހެންކުދީންގެ ތެރެއިން ކުއްޖަކާ މޫސާގެފާނު ކާވެނިފުޅު ކޮށްދެއްވަން ޤަޞްދުކުރައްވާ ވާހަކަ ވިދާޅުވިއެވެ. ޝަރުތެއްގެ މަތީންނެވެ. އެއީ، އަށްއަހަރު ވަންދެން އޭނާއަށް އެކަލޭގެފާނު ޚިދުމަތްކޮށް ދެއްވަން ޝަރުތު ކުރައްވައިފައެވެ. މިކަން ބަޔާން ކުރައްވައި ޤަޞަޞު ސޫރަތުގެ 27 ވަނަ އާޔަތާއި 28 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

قَالَ إِنِّي أُرِيدُ أَنْ أُنكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَىٰ أَن تَأْجُرَنِي ثَمَانِيَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ ۚسَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّالِحِينَ ﴿٢٧﴾ قَالَ ذَٰلِكَ بَيْنِي وَبَيْنَكَ ۖ أَيَّمَا الْأَجَلَيْنِ قَضَيْتُ فَلَا عُدْوَانَ عَلَيَّ ۖ وَاللَّـهُ عَلَىٰ مَا نَقُولُ وَكِيلٌ ﴿٢٨

މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. އަށްއަހަރު ވަންދެން ތިމަންނާއަށް خدمة ކޮށްދެއްވުމުގެ شرط ގެ މަތިންނެވެ. ފަހެ، ދިހައަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ، އެއީ ކަލޭގެފާނުގެ ހެޔޮފުޅުކަމެވެ. އަދި ކަލޭގެފާނަށް އުނދަގޫކުރާކަށް ތިމަން ނޭދެމެވެ. اللَّه އިރާދަކުރެއްވިއްޔާ ތިމަންނާއީ صالح ންގެ ތެރެއިންވާ މީހެއްކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އެއީ ތިމަންނާއާ ކަލޭގެފާނާ ދެމެދު އެއްބަސްވީގޮތެވެ. ދެ މުއްދަތުންކުރެ ކޮންމެ މުއްދަތެއް ތިމަން ވޭތިކުރިޔަސް، ފަހެ، ތިމަންގެ މައްޗަކަށް ދެކޮޅުވެރިވުމެއްނެތެވެ. އަދި ތިމަންމެން މި ބުނާބަހުގެ މައްޗަށް اللَّه ހެކިވެވޮޑިގެންވެއެވެ.]

ނޫރުއް ތަންޒީލު ވަ އަސްރާރުއް ތައުވީލު އޭ ކިޔުނު ފޮތުގައި، ناصر الدين البيضاوي ލިޔުއްވައިފައިވެއެވެ. އެ ދެ އަންހެނުންގެ ތެރެއިން މޫސާގެފާނު ކާވެނި ބައްލަވައިގެންނެވި ބޭކަނބަލަކީ، صفوراء އެވެ. ނުވަތަ صفراء އެވެ. {އިމާމު ބައިޟާވީ، ނޫރުއް ތަންޒީލު ވަ އަސްރާރުއް ތައުވީލު، ޤަޞަޞު ސޫރަތުގެ 25 ވަނަ އާޔަތުގެ ތަފްސީރު}

މޫސާގެފާނު އެ ޞާލިޙު މުސްކުޅި ޝައިޚްގެ ދަރިކަނބަލުންނާ ކާވެނި ބައްލަވައިގެން މަދުޔަނުގައި ދިހަ އަހަރު ވޭތު ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު މަދުޔަނު ދޫކުރައްވައި މިޞްރަށް ވަޑައިގެންނެވުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނު ދަތުރުފުޅު ފެއްޓެވީ އެކަލޭގެފާނުގެ އަހުލުވެރިންނާ އެކުގައެވެ. އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ދެ ދަރިކަލުންގެވެސް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އެ ޞާލިޙު މުސްކުޅި ވެދުމަށް އެރުވި ބައެއް ނަޢަމުސޫފިތައް ވެސް ގެންދެވިއެވެ. ބުނެވޭ ގޮތުގައި މޫސާގެފާނު މިޞްރަށް ދަތުރުފުޅު ކުރައްވަން ފެއްޓެވީ ރޭގަނޑުގެ ވަގުތެއްގައެވެ. އެ ރެއަކީ ވަރަށް ފިނި އާދަޔާ ޚިލާފަށް އަނދިރި ރެއެކެވެ. އެކަމުގެ ސަބަބުން މޫސާގެފާނަށް އެކަލޭގެފާނު ދަތުރުފުޅު ކުރައްވަމުން ވަޑައިގެންނެވި މަގު އޮޅިވަޑައިގަތެވެ.

ދެން، މޫސާގެފާނު އެ ފިނިރޭގެ ހީފިލުވުމަށްޓަކައި، އަލިފާންގަނޑެއް ރޯކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް، އެރޭގެ ފިނިކަމުގެ ސަބަބުން އެކަލޭގެފާނަށް އެކަން ކާމިޔާބުވެވަޑައެއް ނުގެންނެވިއެވެ. އެރޭ ފިނިކަމާއި އަނދިރިކަން ދިޔައީ އިރުން އިރަކަށް ބޮޑުވަމުންނެވެ. މޫސާގެފާނު އަލިފާން ރޯކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެން ހުންނަވަނިކޮށް އެކަލޭގެފާނަށް އަލިކަމެއް އިހްސާސް ކުރެއްވުނެވެ. ތޫރު ފަރުބަދައާ ދިމާލުން ރޯވެ އަނދަމުންދާ އަލިފާންގަނޑެއްގެ އަލީގެ އިހްސާސެވެ. ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. [ތިޔަބައިމީހުން މިތާ ތިބޭށެވެ! ހަމަކަށަވަރުން، ތިމަންނާއަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިޔަބައިމީހުންގެ ގާތަށް އެތަނުން خبر އެއް ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް އަލިފާންކޮޅެއް ގެނެސްދެވޭތޯ ބަލާހުށީމެވެ.] {ލައިފް އެންޑް ޓައިމްސް އޮފް މެސެންޖާސް، ޞަފްޙާ 35}

އެ ދަތުރުފުޅުގައި ކަންތައް ހިނގައި ދިޔަ ގޮތް ބަޔާން ކުރައްވައި ޤަޞަޞު ސޫރަތުގެ 29 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

فَلَمَّا قَضَىٰ مُوسَى الْأَجَلَ وَسَارَ بِأَهْلِهِ آنَسَ مِن جَانِبِ الطُّورِ نَارًا قَالَ لِأَهْلِهِ امْكُثُوا إِنِّي آنَسْتُ نَارًا لَّعَلِّي آتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ النَّارِ لَعَلَّكُمْ تَصْطَلُونَ ﴿٢٩

މާނައީ: [ފަހެ، موسى ގެފާނު އެ މުއްދަތު ހަމަކުރައްވައި، އެކަލޭގެފާނުގެ أهل ވެރިންނާއެކު (ދަތުރުކުރައްވައި) ވަޑައިގެންނެވިހިނދު، طور ފަރުބަދައިގެ ކައިރިން އަލިފާންގަނޑެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ أهل ވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ތިބޭށެވެ! ހަމަކަށަވަރުން، ތިމަންނާއަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިޔަބައިމީހުންގެ ގާތަށް އެތަނުން خبر އެއް ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް އަލިފާންކޮޅެއް ގެނެސްދެވޭތޯ ބަލާހުށީމެވެ."

އަލްޙާފިޡު އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. [މޫސާގެފާނު، އެތަނަށް ވަޑައިގެންނެވި އިރު އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ، ފެހިކުލައިގެ ގަހެއްގައި އަލިފާން ރޯވެފައި ވާތަނެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 7 ވަނަ ޖިލްދު، ޞަފްޙާ 398}

ދެން، މޫސާގެފާނު އެތަނުގައި ހުންނަވަނިކޮށް އެގަހުއްގެ ތެރެއިން އެކަލޭގެފާނަށް ނިދާ އިއްވެވިއެވެ.

[އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، عالم ތަކުގެ ވެރި اللَّه އެވެ. އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ!] ފަހެ، އެ އަސާކޮޅު (އެއްލެވީމާ) ހަރުފައެއް ފަދައިން ހެލިފެލިވާތީ އެކަލޭގެފާނު ދެކެވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަސްދެއްވައި ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (وحى އިއްވެވިއެވެ.) [އޭ موسى ގެފާނެވެ! ކުރިމަތިލައްވައި ވަޑައިގަންނަވާށެވެ! އަދި ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ އަމާންކަން ލިބިގެންވާ މީހުންގެ ތެރެއިންނެވެ. އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި، ހުދުކޮށް (ވިދަވިދާ އޮންނަ ގޮތުގައި) އެ އަތްޕުޅު ނުކުންނާނެތެވެ. އަދި ކަލޭގެފާނުގެ އަތްޕުޅު، ބިރުވެރިކަމުން ކަލޭގެފާނުގެ އަރިކަށިފުޅަށް ލަފައިލައްވާށެވެ! ފަހެ، އެ ދެކަންތަކަކީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން فرعون އާއި، އޭނާގެ ބޮޑުންނަށް (ދެއްކެވުމަށް) ވާ ދެ حجّة އެވެ. ހަމަކަށަވަރުން، فاسق ބަޔަކު ކަމުގައި އެއުރެންވޫއެވެ.] {ޤަޞަޞު 30-32} 

ފިރުޢައުނާއި އޭނާގެ ބޮޑުންގެ ގާތަށް ވަޑައިގެން އެބައިމީހުންނަށް އިސްލާމްދީނުގެ މަތިވެރި ތައުޙީދު އުނގައްނަވައި ދެއްވުމަށް އެންގެވުމުން މޫސާގެފާނު ދުޢާ ކުރައްވައި ވިދާޅުވިއެވެ.

[އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާވަނީ، އެއުރެންގެ ތެރެއިން މީހަކު قتل ކޮށްފައެވެ. ފަހެ، އެއުރެން މިއަޅާ قتل ކޮށްފާނެތީ، މިއަޅާ ބިރުގަނެތެވެ. އަދި މިއަޅާގެ أخ، هارون މިއަޅާއަށްވުރެ ދޫފަސޭހަކަން ބޮޑެވެ. ފަހެ، އަޅުގެ ބަސްތެދުކޮށް އަޅާއަށް އެހީތެރިވުމަށް މިއަޅާއަށް އެކުގައި އެކަލޭގެފާނު رسول ކަމާއިގެން ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އެއުރެން މިއަޅާ ދޮގުކޮށްފާނެކަމަށް މިއަޅާ ބިރުގަނެތެވެ.] {ސޫރަތުލް ޤަޞަޞު 33 އަދި 34 ވަނަ އާޔަތުގެ މާނަ}

މިދެންނެވި ބީދައިން، މޫސާގެފާނު، ދުޢާފުޅު ކުރެއްވުމުން އޭގެ ޖަވާބުގައި އަރަހުށި މާތް ވަޙީ ކުރެއްވިއެވެ.

[ކަލޭގެފާނުގެ أخ ފޮނުއްވުމުން ކަލޭގެފާނުގެ މުލައްދަނޑިފުޅަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވާހުށީމެވެ. އަދި ތިޔަ ދެކަލުންނަށް ބާރެއް ދެއްވާހުށީމެވެ. ފަހެ، ތިމަންރަސްކަލާނގެ ދެއްވި معجزات ގެ ސަބަބުން، އެއުރެންނަކަށް ތިޔަ ދެކަލުންނާ ހަމައަށް (އުނދަގުލެއް ދޭކަށް) ނާދެވޭހުށްޓެވެ. ތިޔަ ދެކަލުންނާއި، ތިޔަ ދެކަލުންނަށް تبع ވީ މީހުންނަކީ (نصر ލިބި) ގަދަވާނޭ މީހުންނެވެ.] { ޤަޞަޞު ސޫރަތުގެ 35 ވަނަ އާޔަތުގެ މާނަ}

ދެން މޫސާގެފާނު، އެ މުޤައްދަސު ވާދީން އެނބުރިވަޑައިގެން އެކަލޭގެފާނުގެ އަނބިކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި މިޞްރަށް ވަޑައިގެންނެވުމަށްޓަކައި އަލުން ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނު ވަޑައިގެން މިޞްރަށް ވަދެވަޑައިގެންނެވީ ރޭގަނޑުގެ ވަގުތެއްގައެވެ. {މައުލާނާ ޙިފްޡުއް ރަޙްމާނު ،ޤިޞަޞުލް އަންބިޔާއު، ޞަފްޙާ 162}

 

 

މިއަދު އޮންލައިން