ކުށެއް ކުރެވޭއިރަށް ކޮންމެވެސް އެހެން މީހެއްގެ ބޮލުގައި ޒިންމާ އެޅުވުމާއި އެހްން މީހުން ކުށްވެރިކުރުމުގެ ނުބައި އާދަ ބޮޑުވަމުން އައިސް ފާފަކުރެވުމުން ﷲ ތަޢާލާގެ އިރާދަފުޅު ކުށްވެރިކުރާ މީހުންވެސް އެބައުޅެއެވެ. މިއީ ވަރަށް ބިރުހުރި އަދި ނުރައްކައުތެރިކަން ބޮޑުވެސް ކަމެކެވެ. ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމެކެވެ.
"--ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާއަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރުވުމަށްޓަކައެވެ.
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކާފިރުންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ".
ވީމާ އެއްވެސް މީހަކަށް ތިމަންނާއަށް ތެދުމަގު ނުދައްކަވާ ކަމަކަށް ނުބުނެވޭނެއެވެ! ޝުކުރުވެރިވާއަޅުން ތެދުމަގު ފެނުމުން އެމަގުގައި ސާބިތުވަނީއެވެ. ދެކޮޅުވެރިވެ ކާފިރުވާ މީހުން ތެދުމަގު ބަލައިގަންނަން ބޭނުންނުވަނީއެވެ!
"ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ.
ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ.
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާއަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރުވުމަށްޓަކައެވެ.
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކާފިރުންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ." (އަލް އިންސާން: 1،2،3،4)
މިއީ އެއްވެސް ޢިލްމުވެރިއެއްގެ ބަސްފުޅުތަކެއް ނޫނެވެ. އަލް އިންސާން ސޫރަތުގައި ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާ ވަޙީ އެވެ.
އާޔަތްތަކުގެ ތަރުތީބުން ވިސްނައި ފިކުރުކޮށްލާށެވެ!
ﷲ ތަޢާލާ އެމީހަކު އުފައްދަވަންދެން އެއްވެސް އިންސާނަކު ނުވެއެވެ.
އެއްކުރައްވާފައިވާ މަނިތިއްކަކުން، ﷲ ތަޢާލާ އިންސާނާ ހެއްދެވީ އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. ކަންފަތަށް އަޑު އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ﷲ ތަޢާލާ އިންސާނާ ލެއްވެވިއެވެ.
އަދި އެވަރުން ފުއްދަވައި ލެއްވެވީއެއް ނުމެނޫންމެއެވެ. ﷲ ތަޢާލާ އިންސާނާއަށް މަގުދެއްކެވިއެވެ. "(އެއީ) އޭނާ ޝުކުރުވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރުވުމަށްޓަކައެވެ." ވީމާ އެނގިގެން މިދަނީ އެމީހަކު ބޭނުން ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު އިންސާނާއަށް ﷲ ތަޢާލާ ދެއްވެވިކަމެވެ.
ދެން ބަޔާން ކުރައްވަވާފައި އެވަނީ ކާފިރުވި މީހުންނަށް ހުރި ޖަޒާއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކާފިރުންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ."
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! "ތިމަންނާއަކީ ކާފިރެއް ނޫން ކަމަށާއި މުސްލިމެއް" ކަމަށް ދުލުން ބުނެލުމަކުން އަދި ނުފުދެއެވެ. މުސްލިމެއްކަން އަމަލުން ސާބިތުކޮށްދޭން ޖެހެއެވެ. އެކަން ކުރެވޭނީ ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމަ ގޮތުގައި ތަބަޢަވެގެންނެވެ. ޢަމަލުކޮށްގެންނެވެ. ވީމާ "ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުން" ސަލާމަތްކަން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން