ބައެއް ބާވަތުގެ މަސައްކަތަކީ ދަށުދަރަޖައިގެ މަސައްކަތްކަމަށް ޤަބޫލުކުރެވި އެފަދަ މަސައްކަތްކުރަން ލަދުގަންނަ މީހުން އެބައުޅެއެވެ. ކުރާނެ މަސައްކަތެއް ނުލިބުނު ނަމަވެސް ވަކިފެންވަރެއްގެ މަސައްކަތެއް ނޫނީ ނުކުރަން އެބަތިބެއެވެ. ދަތިޙާލުގައި އުޅެންޖެހިފައިވާއިރުވެސްމެއެވެ.
މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ބަދަލުކޮށް އިޞްލާޙްކުރަންޖެހިފައިވާ ވިސްނުމެކެވެ. ކޮންމެ މީހަކަށްވެސް އެންމެ ޙަލާލް ރިޒުޤަކީ އެމީހެއްގެ އަމިއްލަ އަތުން ކުރާ މަސައްކަތުން ހޯދާ (ﷲ ތަޢާލާ ދެއްވަވާ) ރިޒުޤެވެ.
މިކަންކަން ބަޔާންކުރައްވައި މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅަށް ވިސްނައިލާށެވެ!
"ޙާޞިލުކުރަން އުޅުމުން ޙާޞިލު ނުކުރެވުނު ކަންކަމުން ތިމާގެ ޢަޒުމް ގުޑިގެންދިއަ ނުދޭށެވެ! އިއްޔެ ޙާޞިލު ނުކުރެވުނު ކަންކަން ހަނދާނުގައި ބަހައްޓައިގެން މިއަދު ނުއުޅޭށެވެ! ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ! ގިނަ ކަންކަމަކީ އެހައި ފަސޭހައިން ޙާޞިލުކުރެވޭ ކަންކަމެއް ނޫނެވެ.
ﷲ ތައާލާ ވަނީ ތިބާއށް ވަރަށް ގިނަ ނިޢުމަތްތައް ދެއްވަވައިފައެވެ. ﷲ ހުއްދަކުރެއްވެވި އެއްވެސް މަސައްކަތެއް ކުރުމުން އަތް ހަޑިވެދާނެ ކަމަށްޓަކައި ބިރުނުގަންނާށެވެ! ޖެހިލުން ނުވާށެވެ! ކުރަންޖެހުނު އެއްވެސް މަސައްކަތެއް ހަޑިވެގެން މަރުވި މީހަކު ނެތެވެ!
އަދިކީއްހެއްޔެވެ؟ ކަންބޮޑުވާންވީވެސް ، ލަދުވެތިވާންވީވެސް ކަންކަމުގައި އެހެން މީހުންނަށް އާދޭސްކޮށް ސަލާން ޖެހުމަށެވެ." --މުފްތީ މެންކް
މުފްތީ މެންކުގެ މި ބަސްފުޅުތަކަކީ ވެސް ހަމަ ޢިބްރަތުން ފުރިގެންވާ ބަސްފުޅުތަކެކެވެ. އެއްވެސް ކަމެއް ޙާޞިލު ނުކުރެވުނީތީ އުންމީދު ކަނޑައިލުމެއް ނެތެވެ. އަދި ކަމެއް ޙާޞިލު ނުކުރެވި އޮތުމުން އެކަމާއި ދެރަވެ ހިތާމަކުރުމެއްވެސް ނެތެވެ. އޮތީ ޢަޒުމާއިއެކު އެކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތް ކުރުމެވެ.
ކުރާކަށް ވަކި މަސައްކަތެއްވެސް ނެތެވެ. ބޭނުންވަނީ އުފަލުގެ ދިރިއުޅެވޭވަރަށް ފައިސާއެވެ. މިސާލަކަށް ރާއްޖޭގެ މަސްމާރުކޭޓުގައި މަސްކަނޑާ މީހުންވެސް މަސައްކަތް ނިންމާފައި ގެއަށް ދަނީ އެކަށީގެންވާ ވަރަށް ފައިސާ ހިފައިގެންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަށް ދުވާލަކު 500، 600 ރުފިޔާ ލިބެއެވެ.
ކަސްޓަމުން މުދާ ނެރޭ މަޖޫރީންވެސް މަހަކު ޢާންމުކޮށް މަދުވެގެން 30000 ރުފިޔާ ވަރު ހޯދައެވެ. މަސްވެރިންނަށް މަސް ބޭނޭނަމަ ހަމަ މަހަކު 30000 ރުފިޔާ ވަރު ލިބެއެވެ. ފާޚާނާ ސާފުކޮށްދޭ މީހުން ދުވާލަކު 2000 ރުފިޔާވަރު ހޯދައެވެ.
މިފަދަ އެއްވެސް މަސައްކަތެއް ކުރާ މީހަކު މަސައްކަތް ނިންމައި ފެންވަރައި ނަލަ ހެދިގެން ހުންނައިރު އެއީ ކޮން މަސައްކަތެއް ކުރި މީހަކު ކަމެއް ނުއެނގެއެވެ. ތިބެނީ ވެސް ހަމަ އެންމެ ރީތި ހެދުން ލައި އަގު ބޮޑު ސެންޓުވެސް ޖަހައިގެންނެވެ.
ވަޒީފާގެ މައްސަލަ ކުރިމަތިވެގެން މިއުޅެނީ ކޮންމެ މީހަކު ޓައީ އަޅައި ނަލަހެދިގެން އޮފީހަސް ދިއުން ނޫނީ ވަޒީފާއެއް ކަމަށް ޤަބޫލު ނުކުރެވިގެންނެވެ. ބުރަ މަސައްކަތެއް ކޮށްލާނެ ހިތްވަރު ނެތުމުންނެވެ.
" ﷲ ތައާލާ ވަނީ ތިބާއށް ވަރަށް ގިނަ ނިޢުމަތްތައް ދެއްވަވައިފައެވެ." މިބަސްފުޅުގެ މުރާދަކީ ވިސްނުމާއި މަސައްކަތް ކުރުމުގެ ކުޅަދާނަކަން ދެއްވަވާފައިވާ ކަމެވެ.
"ﷲ ހުއްދަކުރެއްވެވި އެއްވެސް މަސައްކަތެއް ކުރުމުން އަތް ހަޑިވެދާނެ ކަމަށްޓަކައި ބިރުނުގަންނާށެވެ! އެއްވެސް މަސައްކަތެއް ބުރަވެގެން މަރުވި މީހަކު ނެތެވެ!" އޮތް ބަސްފުޅުގެ މުރާދު އަޅުގަނޑުގެ ވިސްނުމުން އެވަނީ ހާމަކޮށްފައެވެ.
މިފަދަ ވާހަކަތައް އެކި ޢިބާރާތުން ލިޔެ ތަކުރާރުކުރަންޖެހެނީ ބައެއް ޒާތުގެ މަސައްކަތްކުރާނެ މީހުން ނުވުމުން ބޭރުން ގެންނަންޖެހޭ ބިދޭސީން ގިނަވެ މުޖުތަމަޢުގައި ބޮޑެތި މައްސަލަތައް ގިނަވަމުން އަންނާތީއެވެ. ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް މަސައްކަތުގެ ބާވަތަށް ނުބަލައި ކުރަން ލިބުނު ކޮންމެ މަސައްކަތެއްކުރާ މީހަކަށްވެގެން ނޫނީ މައްސަލައަށް ޙައްލެއް ނެތެވެ.