ކައިވެނީގެ ކުރިން އަގުބޮޑުހަދިޔާދީ ބޮޑެތި ޚަރަދުތައްކޮށްދޭ ފިރިހެނުންނާއިމެދު ސަމާލުވުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކައިވެނީގެ ކުރިން އަގުބޮޑުހަދިޔާދީ ބޮޑެތި ޚަރަދުތައްކޮށްދޭ ފިރިހެނުންނާއިމެދު ސަމާލުވުން މުހިންމު ބައެއް ކަންކަން-

ކައިވެނިކުރާނެ ފިރިހެނަކާއިމެދު ވިސްނަމުން ގެންދާއިރު ގިނަ އަންހެނުންނަށް އިޚްތިޔާރުކުރެވެނީ އެމީހުންނަށް އެންމެ ގިނައިން، އެންމެ ބޮޑެތި ހަދިޔާދޭ ފިރިހެނުންނެވެ. ގިނައިން ބޭރަށް ގެންގޮސް އުފާކޮށްދޭ ފިރިހެނުންނެވެ. 

އަހުރެންގެ ވިސްނުމުގައި މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ސަމާލުކަންދޭންވީ އެންމެ ގިނައިން ޙާލުބަލައި އަދި އަވަހަށް ކައިވެނިކުރަން ބޭނުންވާ މީހުންނަށެވެ. 

މިހެން މިބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ފުރަތަމަކަމަކަށް ވިސްނަންޖެހޭނެ ކަމަކީ ހަދިޔާދިނުމާއި އެކުގައި ބޭރަށް ދިއުމަކީ ކައިވެނިކުރުމަށްފަހު ކުރަން އޮތް ކަމެއްކަމެވެ. ވީމާ ފަހުން ކުރަން އޮތްކަމެއް ކުރިން ކުރާނަމަ އެއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. 

ކުރިން ހަދިޔާދީ ކަންކަންކޮށްދޭން އުޅޭނަމަ ރިވެތިގޮތުގައި ބުނާށެވެ! "ޖަމާކޮށްފައި ބަހައްޓާށެވެ! ކައިވެނިކުރުމަށްފަހު ދޭށެވެ! އަހުރެންނަށް ޙަލާލުވާނީ އެއިރުންނެވެ. ޙަރާމް ގޮތުގައި ބޭނުން ކުރީމާ ﷲ ތަޢާލާގެ ބަރަކާތް ކެނޑި މާދެރަގޮތްތައް މެދުވެރިވެދާނެއެވެ." 

އެހެން ބުނަންޖެހޭ ސަބަބަކީ ހަދިޔާގައި ހިފާނަމަ އެއީ ދަށުވުމެކެވެ. ނުސީދާ ގޮތެއްގައި ނަފްސް ވިއްކައިލެވެނީއެވެ. އަނެކާ ބޭނުންވާ ކަންކަން ކޮށްދޭން މަޖުބޫރުވާނެ ޙާލަތަށް ކަންކަންދާނެއެވެ. ތިބާގެ ޢިއްފަތްތެރިކަމުގެ އަގު 100 ބިލިއަން ޑޮލަރަށްވުރެވެސް ބޮޑުކަން ޔަޤީންކުރާށެވެ! އެކަމަށް ނުވިސްނިނަމަ ޤިޔާމަތް ދުވަހު ހިތާމަކުރަން ޖެހުން އޮންނާނީ ދާދި ގާތުގައެވެ. 

ދެން ބުނެލަން އޮތް ވާވަހަކައަކީ ކައިވެނިކުރަން ތައްޔާރުނުވެ ހުރެ ލޯބިނުވާށެވެ. ލޯބިވާންވާނީ ކައިވެނިކުރަން ފުރިހަމައަށް ތައްޔާރުވުމަށްފަހުގައެވެ. މާނައަކީ ކައިވެނިކުރަންވެއްޖެކަން ތިމާއަށް ޤަބޫލުކުރެވިގެންނެވެ. މިހެން މިބުނާ ސަބަބަކީ ކައިވެނިކުރުމުގެ ނިޔަތް ނެތި ލޯބިވެގެންއުޅޭނަމަ ފާފަނުކޮށް ކެތްތެރިވުމަކީ ވަރަށް މަދު މީހަކަށް ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ. ކަންކަން އެންމެ މައްޗަށް ގެންގޮސް ޒިނޭ ނުކުރިނަމަވެސް ކުރެވޭނެ ފާފަތައް ވަރަށް ގިނަވާނެއެވެ. 

ފާފަކުރުމަކީ ދިރިއުޅުމުގައި ބަރަކާތް ކެނޑިގެންދާ ކަމެކެވެ. ޒަވާޖީ ހަޔާތެއް ކާމިޔާބުވުން އޮތީވެސް ﷲ ތަޢާލާ އެކަމުގައި ބަރަކާތް ލެއްވެވުމުންނެވެ. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން