އެންމެހައި ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ މީސްތަކުންނަށް މިނިވަންކަމާއި އެހެންވެސް ނިޢުމަތްތައް މިންވަރުކުރައްވަވާ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ކައުއިތުރު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްލެއްވެވުން އެދި ދުޢާކުރަމެވެ.
މީސްތަކުންނޭވެ! އަހުރެމެންގެ މައްޗަށް އޮތް ފުރަތަމަ ވާޖިބަކީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވުމެވެ. ތަޤްވާވެރިވުމެވެ. އެހެންކަމުން އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވުމަށާއި ތަޤްވާވޗެރިވުމަށް އަހުރެންގެ އަމިއްލަ ނަފްސަށާއި އެންމެހައި މީސްތަކުންނަށް ވަޞިއްޔަތް ކުރަމެވެ.
އެއްވެސް ޝައްކެއް ނެތެވެ! މިއަދަކީވެސް އުފާވެރިދުވަހެކެވެ. ދިވެހިންނަށް، ދިވެހި ޤައުމަށް ފުރިހަމަ މިނިވަންކަން ލިބުނުތާ އިތުރު އަހަރެއް ފުރޭދުވަހެވެ. ފާއިތުވި އަހަރުތަކަކީ އޮމާން އަހަރުތަކެއް ނޫނެވެ. މިނިވަންކަން މިއަދާއި ހަމައަށް ދެމިގެން އައިސްފައިވަނީ ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުންނެވެ. ވަރަށް މަތިވެރި ޤުރްބާނީތަކެއް ވެގެންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރާއްޖެ އިސްލާމްވުމަށްފަހު ޕޯޗުގީޒުނެގެ އަޅުވެތިކަމުގެ ދަށަށް ދާންޖެހުނީ މުރުތައްދު ހަސަނާއި އަދި އޭނާ އާއި ބައިވެރިވީ މަދު ބައެއްގެ ސަބަބުންނެވެ. ހޮޅީންގެ އަޅުވެތިކަމުގެ ދަށަށް ދާންޖެހުނީ ޙަސަން ތާޖުއްދީނުގެ 2 ދަރިންގެ ނުބައި ނުލަފާކަމުންނެވެ. އެދެބެއިންގެ އަމިއްލަ އެދުން ބޮޑުވުމުންނެވެ.
ނޮވެމްބަރު 3 ގައި ޤައުމު ހުއްޓުމަކަށް އައިސްފައިވަނީވެސް ދިވެހިންގެ ތެރޭގައި ތިބި ޣައްދާރުންތަކެއްގެ ސަބަބުންނެވެ. މައި ޣައްދާރަށް މާލީ ގޮތުން ބައަކު އެހީތެރިވެދިނީތީއެވެ.
މިއަދު މިފެންނަނީ އެކަންކަން އެހެން ގޮތަކަށް ބަދަލުކޮށްލައިގެން ހަމައެއްކަމެއް ކުރަން އުޅޭތަނެވެ. ރައްޔިތުންނަށް އޮޅުވައިލުމެއްގެ ތެރެއިން އަޅުވެތިކުރުވަން އުޅޭތަނެވެ. ޤައުމުގެ މިނިވަންކަން ނަގާލަން ބައަކު އުޅޭތަނެވެ.
އެމީހުންނަށް ކަންކަން ރާވައިދެނީ މަކަރުވެރިވުމުގައި ހައްދުފަހަނައަޅާފައިވާ މަކަރުވެރިންތަކެކެވެ. ދުނިޔޭގެ ފެންވަރުގެ ބައެކެވެ. އެމީހުންނަށް ތިންކް ޓޭންކެވެ ވެސް ކިޔައެވެ. އެހެންކަމުން ރައްޔިތުން އަޅުވެތިކަމާއި ދިމާއަށް ލަވަމުން ގެންދުވަނީ ވަރަށް ހީލަތްތެރި ގޮތެއްގައެވެ. ރައްޔިތުންނަށް ނުވެސް ވިސްނޭނެ ފަދަ މަކަރުވެރި ގޮތަކަށެވެ.
އެމީހުންގެ ހީލަތްތެރި މަސައްކަތްތަކަށް ހުރަސްއެޅިގެން ދިއައީ ﷲ ތަޢާލާގެ ރަހްމަތްފުޅުންނެވެ. މަކަރުވެރިންގެ މަކަރުވެރިކަން ރައްޔިތުންނަށް ވިސްނި މިދިއަ އަހަރު ވެރިކަމަށް ބަދަލުގެނައުމުގެ ހިތްވަރު ރައްޔިތުންނަށް ދެއްވެވީ ﷲ ތަޢާލާއެވެ. ވީމާ ﷲ ތަޢާލާ ދެއްވެވި މަތިވެރި ނިޢުމަތް ދަމަހައްޓަން މަސައްކަތްކުރުމަކީ ކޮންމެ ދިވެހިރައްޔިތެއްގެ މައްޗަށްވެސް އޮތް ޤައުމީ ވާޖިބެކެވެ. ދީނީ ވާޖިބެކެވެ.
އެމަތިވެރި ވާޖިބު އަދާކުރަން މަސައްކަތްކުރަންވީ ތިމާއަށްޓަކައެވެ. ޤައުމަށްޓަކައެވެ. ﷲ ތަޢާލާގެ ދީނަށްޓަކައެވެ. ރައްޔިތުން އިޚްލާޞްތެރިކަމާއިއެކު އެމަތިވެރި ވާޖިބު އަދާކުރަމުން ގެންދާނަމަ ﷲ ތަޢާލާ އަހުރެމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
ޔާ ﷲ! އިނބަ ﷲ ގެ މަގުގައި ޘާބިތުވެ ތިބުމުގެ ތައުފީޤް އަޅަމެންނަށް މިންވަރު ކުރައްވަވާނދޭވެ! ރާއްޖެއަކީ މިނިވަން، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުިގައި އަބަދުގެ އަބަދަށް ލަހައްޓަވާނދޭވެ! އިނބަ ﷲ ގެ މަގުގައި ފައިތިލަ ޘާބިތުކޮށްގެން ތިބުމުގެ ކުޅަދާނަކަމާއި ހިތްވަރު އިޚްލާޞްތެރި ވެރީންނަށް މިންވަރުކުރައްވަވާނދޭވެ! އާމީން