ބައެއް މީހުން ހުކުރަށްދަނީ އެންމެފަހުންނެވެ. ޚުޠުބާ ނިމެން ކައިރިވެފައި ވަނިކޮށެވެ. އަދި އެމީހުން އިމާމް މީހާ ނަމާދު ނިންމައި ސަލާމްދޭއިރަށް އެންމެ އަވަހަށް މިސްކިތުން ފެއިބޭތޯވެސް ބަލާނެއެވެ. އެއްވެސް ޙާލެއްގައި އެއީ ހުކުރަށް ދިއުމެއް ނޫނެވެ.
ހުކުރަށްދާން ތައްޔާރުވާންވީ ހުކުރުދުވަސް އައުމަކުން ނޫނެވެ. 2 ދުވަސް ނުވަތަ 1 ދުވަސް ކުރިއަށްލައި ހުކުރަށްދާން ތައްޔާރުވާންޖެހޭނެއެވެ. އެހައި ފަހުން އެދެވެނީ ކުރިއާލައި ތައްޔާރުނުވެވޭތީއެވެ.
ކުރިއާލައި ހުކުރަށްދާން މިހާރުންސުރެ ތައްޔާރުވާށެވެ. އަދި އެކަން އާދައަކަށް ހަދަންވެސް ގަދައަޅައި މަސައްކަތްކުރާށެވެ. ހުކުރުގެ ފުރިހަމަ ޘަވާބު ލިބެން އޮތީ ކުރިއާލައި ހުކުރަށް ގޮސްގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން
މިއީ މީގެ 2 އަހަރުކުރިން މުފްތީ މެންކް ވިދާލުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅުގެ ހަނދާން އައުކޮށްލާންޖެހެނީ މުފްތީ މެންކް ވިދާޅުވެފައި އެވާ ފަދައިން ހުކުރަށް ދިއަކަމަށް ނުވާނެ ގޮތަށް ހުކުރަށްދާ މީހުން ގިނަވަމުން އަންނާތީއެވެ.
މުފްތީ މެންކް އެފާހަގަކުރައްވާ އެއްކަމަކީ ހުކުރަށް ބަންގިގޮވައި އިމާމް މީހާ ޚުޠުބާ ކިޔަން ފެށުމުން، ހުކުރަށްދާ މީހުންގެ ނަން ލިޔުއްވަވަން ދޮރާށީގައި ތިއްބަވާ މަލާއިކަތުން ނަން ލިޔުއްވުން ހުއްޓަވާލައްވަވާފައި (ދަފްތަރު ބަންދުކުރައްވަވާފައި) ޚުޠުބާ އަޑުއައްސަވަން ފަށްޓަވާތީ އެއިގެ ފަހުން ހުކުރަށްދާ މީހުންގެ ނަން އެފަތުގައި ލިޔުއްވިގެންނުވާނެ ކަމެވެ.
ދެން އެފާހަގަކުރައްވަވަނީ އިމާމް ސަލާންދޭއިރަށް ފައިބަން އަވަސްވެގަންނަ މައްސަލައެވެ. އެއީ މަޖުބޫރު ޙާލަތެއްގައި ނޫނީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. ހުކުރުނަމާދު ނިމުމުން މަޑުކޮށްލައި ޛިކުރްތަސްބީޙް ކިޔައި ފަހުސުންނަތުގެ 2 ރަކްޢަތް ކޮށްލައިގެން ފޭނުމަކީ އެންމެ ރަނގަޅު ގޮތެވެ. އެންމެ އަދަބުވެރިވެސް ގޮތެވެ.
ދެންވެސް ދެއްވާފައި އެވަނީ ވަރަށް ހެޔޮ ނަޞޭޙަތެކެވެ. ހުކުރު ދުވަހު ހުކުރަށްދާން އުނދަގޫވާނެ ގޮތަށް ކަންކަން ނުބަހައްޓާށެވެ. ކުރިއާލައި ހުކުރަށްދާން ތައްޔާރުވާށެވެ. އެންމެ ފަހުވަޤުކުރަން ކަންކަން ބެހެއްޓީމައި އޮންނާނީ ކޮންމެވެސް ސަބަބެއް ކުރިމަތިވެގެން ނުކުރެވިފައެވެ. ހުކުރުގެ ފުރިހަމަ ޘަވާބު ލިބެން އޮތީ ލާފޭރާމާއި ޖަހާ ސެންޓަކުން (އެކަންޏެއް) ނޫނެވެ. ކުރިއާލައި ހުކުރަށް ގޮސްގެންނެވެ. މަލާއިކަތުންގެ ފަތުގައި ނަންވެސް ނުލިޔުއްވަވާނެ ގޮތަށް ހުކުރަށް ދިއުމުން އެއީ އިޚްލާޞްތެރިކަމާއިއެކު ހުކުރަށް ދިއުން ކަމަކަށް ނުވާނެއެވެ.