ޢަލީ އިޙްޞާން ފިރާޤް
މޫސާގެފާނާއި، ސިޙުރުވެރިން:
ޠާހާ ސޫރަތުގައި ބަޔާންވެގެންވާ ގޮތުގައި، ފިރުޢައުނުވަނީ އޭނާގެ ސިޙުރުވެރިންނާއެކު، މޫސާގެފާނާ ބައްދަލު ކުރާނެ ވަގުތަކާއި ތަނެއްވެސް ކަނޑައަޅާ ފައެވެ. މިކަން ބަޔާން ކުރައްވައި ޠާހާ ސޫރަތުގެ 59 ވަނަ އާޔަތާއި 60 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
قَالَ مَوْعِدُكُمْ يَوْمُ الزِّينَةِ وَأَن يُحْشَرَ النَّاسُ ضُحًى ﴿٥٩﴾ فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُ ثُمَّ أَتَىٰ ﴿٦٠﴾
މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ موعد އަކީ ޒީނަތްތެރިކަމުގެ (عيد) ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަވަގުތު، މީހުން އެއްކުރެވެން ވާނެއެވެ. ދެން فرعون އެނބުރި ހިނގައްޖެއެވެ. އަދި އޭނާގެ حيلة ތެރި ރޭވުންތައް ރާވައި، އޭނާގެ ޖާދޫގަރުން އެއްކުރުމަށްފަހު، ދެން (އެތަނަށް) އަތުވެއްޖެއެވެ.]
ފިރުޢައުނު ކަނޑައަޅައިފައިވާ ވަގުތާއި ތަނަށް ޖާދޫގަރުން އައިސް އެބައިމީހުން ފިރުޢައުނާ މުޚާތަބުކޮށް ބުންޏެވެ.
[ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނަންވާނެއެވެ." އޭނާ ބުންޏެވެ. "އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ.] {ސޫރަތުލް ޢައުރާފުގެ 113 ވަނަ އާޔަތާއި 114 ވަނަ އާޔަތުގެ ތަރުޖަމާ}
ދެން މޫސާގެފާނު ސިޙުރުވެރިންނަށް ނަޞޭޙަތްދެއްވައި ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. اللَّه އާމެދު ތިޔަބައިމީހުން ހަދައިގެން ދޮގުނުބުނާށެވެ! ފަހެ، اللَّه ގެ عذاب ގެ ސަބަބުން، ތިޔަބައިމީހުން ހަލާކުވެ ނެތިވެހިނގައިދާނެތެވެ. އަދި ހަމަކަށަވަރުން (اللَّه އާމެދު) ދޮގުހަދައިފިމީހާ ގެއްލެނިވެ، ނިކަމެތިވެގެން ހިނގައިދާހުށްޓެވެ.] {ޠާހާ 61}
މޫސާގެފާނު، އެހެން ވިދާޅުވުމުން،ސިޙުރުވެރީން އެއްބަޔަކު އަނެއްބަޔަކާއި، ސިއްރުން ވާހަކަ ދައްކަން ފެށިއެވެ. އެބައިމީހުންގެ ތެރެއިން އެއްބަޔަކު ބުންޏެވެ. މިބޭކަލެއްގެ ވާހަކަފުޅަކީ ސިހުރުވެރިއެއްގެ ވާހަކަފުޅެއް ނޫންނެވެ. އަދި ކިއެއްތަ ނަބީބޭކަލެއްގެ ވާހަކަފުޅެވެ. އަނެކަކު ބުންޏެވެ. މިއީ ހަމަ ސިޙުރުވެރިއެކެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 6 ވަނަ ޖިލްދު، ޞަފްޙާ 356}
ސިޙުރުވެރިން މޫސާގެފާނަށް ދެންނެވިއެވެ. [އޭ موسى ގެފާނެވެ! އެހެންވިއްޔާ ފުރަތަމަ (އަސާ) އެއްލަވާނީ ކަލޭގެފާނުތޯއެވެ؟ އެހެންނޫނިއްޔާ ފުރަތަމަ އެއްލާމީހުން ކަމުގައިވާނީ ތިމަންމެންތޯއެވެ؟] އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ފަހެ (އެއުރެން އެއްލިހިނދު) އެހާރުން އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ. ފަހެ، موسى ގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ. ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބުލިބި މޮޅުވާނީ ހަމަކަލޭގެފާނެވެ. އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ! އޭރުން، އެ އަސާ އެއުރެން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން، އެއުރެން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ޖާދޫގަރުންގެ މަކަރު ކަމުގައެވެ. އަދި ޖާދޫގަރު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ. {ޠާހާ 65-69}
القاسم بن أبي بَزَّة ވިދާޅުވެފައިވާ ކަމަށް ތަފްސީރު އިބްނު ކަޡީރުގައި ލިޔުއްވައިފައިވެއެވެ. [އަރަހުށި މާތްﷲ، މޫސާގެފާނަށް އެކަލޭގެފާނުގެ އަޞާކޮޅު އެއްލައިލެއްވުމަށް އެންގެވިއެވެ. އެ ކަލޭގެފާނު އެ އަޞާކޮޅު އެއްލައިލެއްވުމުން އެ އަޞާކޮޅު ބޮޑު ބިޔަ ހަރުފަޔަކަށް ބަދަލުވިއެވެ. އެ ހަރުފަ އަނގަ ހުޅުވައިގެން ގޮސް ސިހުރުވެރިންގެ ސިޙުރުތައް ކައި ހުސްކުރިއެވެ. އެތަން ފެނުމުން އެ ސިޙުރުވެރިންތައް އީމާންވެ، ސަޖިދައަށް ތިރިވިއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 4 ވަނަ ޖިލްދު، ޞަފްޙާ 138}
މޫސާގެފާނު، އަޞާކޮޅު އެއްލަވައިލެއްވުމުން، އެ އަޞާކޮޅު ހަރުފައަކަށް ބަދަލުވެގެންގޮސް، ސިޙުރުވެރިންގެ ސިހުރުތައް ކައިލުމުން، އެބައިމީހުންނަށް އެއީ ސިޙުރު ނޫންކަން އެނގުނެވެ. މޫސާގެފާނު ގެންނެވީ މުޢުޖިޒާތެއްކަން އެނގުނެވެ. އަދި އެކަލޭގެފާނަކީ، ނަބީބޭކަލެއްކަން އެބައިމީހުންނަށް އެނގިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ހަމަ އެވަގުތު އެބައިމީހުން ސަޖިދައަށް ތިރިވެ މާތްﷲ އަށް އީމާންވިއެވެ. މޫސާގެފާނާއި ހާރޫނުގެފާނުގެ ކަލާނގެ ކިބައަށް އީމާންވި ކަމަށް ބުންޏެވެ. މި އަޑު އަހައި ފިރުޢައުނު ވަރަށް ރުޅި އައިސް ފުފިގެން ދިޔައެވެ. އޭނާ ބުންޏެވެ.
[ ތިޔަބައިމީހުންނަށް ތިމަން إذن ދިނުމުގެ ކުރިން، އޭނާޔަށް (އެބަހީ: موسى ގެފާނަށް) ތިޔަބައިމީހުން إيمان ވީ ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާކަން ކަށަވަރެވެ. ފަހެ، ހަމަކަށަވަރުން، ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހުރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ހަމަކަށަވަރުން، ކަލޭމެން صليب އަށް އަރުވާހުށީމެވެ. އަދި ހަމަކަށަވަރުން، އަހުރެމެންކުރެ ގަދަފަދަ، އަދި ދެމިހުރުންބޮޑު عذاب އެއްދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުށްޓެވެ.] {ޠާހާ ސޫރަތުގެ 71 ވަނަ އާޔަތުގެ ތަރުޖަމާ}
ސިޙުރުވެރިން ޖަވާބު ދިނެވެ. "بيان ވެގެންވާ حجّة އާއި، دليل ގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياة ގައެވެ.ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް مجبور ކުޅަ ޖާދޫއާމެދު، ތިމަންމެންނަށް (عفو ކުރައްވައި) ފާފަފުއްސެވުމަށްޓަކައެވެ. އަދި اللَّه އީ، އެންމެ ހެޔޮވެގެންވާ، އަދި އެންމެ ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ.] {ޠާހާ ސޫރަތުގެ 72 ވަނަ އާޔަތާއި 73 ވަނަ އާޔަތުގެ ތަރުޖަމާ}
އިބްނު އަބީ ޙާތިމް، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. [އެ ސިޙުރުވެރިންގެ ޢަދަދަކީ ހަތްދިހައެވެ. އެބައިމީހުން ހެނދުނުގެ ވަގުތުގައި ތިބީ ސިހުރުވެރިންގެ ގޮތުގައެވެ. ނަމަވެސް ހަވީރުގެ ވަގުތު އައި އިރު އެބައިމީހުން ތިބީ މޫސާގެފާނަށް އީމާންވެގެންނެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 6 ވަނަ ޖިލްދު، ޞަފްޙާ 360}
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [އެންމެ ފުރަތަމަ މީހުން ޞަލީބަށް އެރުވި މީހަކީ ފިރުޢައުނެވެ. އަދި އަތްފައި ތަފާތުވާ ގޮތަށް ބުރިކުރި މީހަކީވެސް ފިރުޢައުނެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 6 ވަނަ ޖިލްދު، ޞަފްޙާ 362}
މިދެންނެވި، ކަންތައްތައް ހިނގައި ދިޔުމަށްފަހު، ފިރުޢައުނުގެ ޤައުމުގެ ބޮޑުން ބުންޏެވެ. "موسى ގެފާނާއި، އެކަލޭގެފާނުގެ قوم ގެމީހުން، ކަލެޔާއި ކަލޭގެ إله ންތައް ދޫކޮށް، ބިމުގައި فساد އުފެއްދުމަށް ތިޔަ ދޫކޮށްލަނީހެއްޔެވެ؟ އޭނާ ބުންޏެވެ. [ތިމަންމެން އެއުރެންގެ ފިރިހެންދަރިން މަރާހުށީމެވެ. އަދި އެއުރެންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބާނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ އެއުރެންގެ މައްޗަށް ގަދަކަން ލިބިގެންވާ ބަޔަކީމުއެވެ.] موسى ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިއެވެ. [ތިޔަބައިމީހުން، اللَّه ގެ حضرة ން ވާގިއެދޭށެވެ! އަދި ތިޔަބައިމީހުން ކެތްކުރާށެވެ! ހަމަކަށަވަރުން، ބިން ملك ވެގެންވަނީ اللَّه އަށެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެ ބިން ވާރުތަކޮށްދެއްވައެވެ. އަދި ހެޔޮ ނިމުންވަނީ، تقوى ވެރިންނަށެވެ. އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ކުރިންނާއި، ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ފަހުންވެސް، ތިމަންމެންނަށް އުނދަގޫ ލިބެމުންދިޔައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންގެ عداوة ތެރިޔާ ހަލާކު ކުރައްވައި، ތިޔަބައިމީހުން ބިމުގައި ވެރިކުރައްވައިފާ ހުށްޓެވެ. ދެން ތިޔަބައިމީހުން عمل ކުރަނީ ކިހިނަކުންކަން، އެކަލާނގެ ބައްލަވާވޮޑިގެންވާނެތެވެ. {ސޫރަތުލް ޢައުރާފުގެ 127 ވަނަ އާޔަތާއި 129 ގެ ތަރުޖަމާ}
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން އައްސުއްދީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [އެބައިމީހުންނަށް ރީތި ގެރިއެއް ފެނިއްޖެނަމަ، އެ ގެރިއަކަށް އަޅުކަން ކުރުމަށް ފިރުޢައުނު އެބައިމީހުންނަށް އަމުރު ކުރެއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 4 ވަނަ ޖިލްދު، ޞަފްޙާ 143}