ރޭގަނޑު އަވަހަށް ނިދަން މަސައްކަތްކުރިޔަސް ނިދާހިތް ނުވެ ބޭރަށް ދެވެނީއެވެ. އެއީ ކުށެއް ކަމަށާއި ޝައިޠޯނާގެ ކިބައިން މެދުވެރިވާ ކަމެއްކަންވެސް ވިސްނެއެވެ. އެކަމަކުވެސް މިކަން މިގޮތަށް އެބަ މެދުވެރިވެއެވެ. އިޞްލާޙްކުރަން ބޭނުމެވެ.
ޝައިޠޯނާގެ ވަސްވާސްތަކުން ތަކުން ސަލާމަތްވެ ހުރުމަށް ކުރެވިދާނެ ރަނގަޅު ދުޢާއެއް ވިދާޅުވެދެއްވަފާނަންތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކޮންމެ ކަމަކަށްވެސް ކުރަން އެންމެ ރަނގަޅު ދުޢާތައް ފެންނަން ހުރީ ޤުރްއާނާއި ޙަދީޘްފުޅުތަކުންނެވެ. ތިއަކަމަށް ޤުރްއާނުން ދުޢާއެއް ފެންނަން އެބައޮތެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.
ދުނިޔޭގެ ކަންކަން ބަދަލުވެ ތަރައްޤީވަމުންދާ ވަރަށް ޝައިޠާނާ ވެސް ގެންދަނީ އޭނާގެ މަސައްކަތް ތަރައްޤީކުރަމުންނެވެ. ކުރީ ޒަމާނުގައި ޝައިޠާނާ ކުރިކަމަކީ ވަސްވާސް ދިނުމެވެ. ނަމަވެސް މިއަދު ޝައިޠާނާ ވަނީ ހިތަށް ވަސްވާސް ދިނުމުގެ އިތުރުން ލޮލަށް މަންޒަރު ދައްކައިގެން ނުބައި އަމަލުތައް ކުރުވަން ޝައުޤުވެރިކުރުވުމާއި ހަމައަށް ކަންކަން ތަރައްޤީ ކުރުވައިފައެވެ.
މިސާލަކަށް ޝައިޠާނާ މިއަދު ވަސްވާސްދޭނީ އަތުގއި އޮންނަ ފޯނު ބަލައިލުމަށެވެ. އެއްވެސް ކުށެއް ނުވަތަ ފާފައެއް ނޫނެވެ. ބަލައިލެވެނީއެވެ. ފާފައަށް ފެށެނީ އެހިސާބުންނެވެ. ބަލަން ނުވާނެ މަންޒަރުތަކާއި ވީޑިއޯތައްވެސް ބެލެނީއެވެ. އެއިން ފެންނަ ކަންކަން ކުރާހިތް ޖެހި އެފަދަ އަމަލުތައް ކުރެވެނީއެވެ.
ޝައިޠާނާ މިހާރު ބުނާނީ ހަމައެކަނި ފޫހިވާން ގޭގައި ނުއޮވެ ބޭރަށް ނުކުމެ ހިނގައިލުމަށެވެ. މާބޮޑުކަމެއް ނޫނެވެ. ސާފު ވައިކޮޅު ލިބިގަތުމަށާއި ކަސްރަތުކޮށްލަންވެސް ބޭނުންވާތީ ނުކުމެލެވެނީއެވެ. ނުކުމެ އިސް ތިރި ނުކޮށްފިނަމަ ލޮލަށް ފެންނަން އެފަށަނީ ހަމަ ކުރިން ބުނި ފަދަ ކަންކަމާއި މަންޒަރުތަކެވެ. އެހިސާބުން މަގު ގެއްލި ގޯޅި އެޅެނީއެވެ.
މީސްތަކުންނޭވެ! މިކަންކަމަކީ ތިއަ ހުރިހާ އެންމެންވެސް ހަމަ ތަޖުރިބާކުރަމުންދާ ކަންކަމެވެ. އެންމެންވެސް ޖެހި ބެދި ތާށިވަމުން އަންނަ މަޅިތަކެވެ. ވީމާ ހޭލުންތެރިވާށެވެ! މިކަންކަމަކީ ވަރަށް މަދު މީހަކަށް ނޫނީ މިހާރުވެސް އެތައް ފަހަރަކު ތައުބާވާންޖެހިފައިވާ ކަންކަމެވެ. ވީމާ ހޭލުންތެރިވާށެވެ! ޝައިޠާނާއަކީ ނުބައި ކެހިވެރިއަކު ކަމުގައި ނޫނީ ދުވަހަކުވެސް ނުވާނެއެވެ.
"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ." (އަލް މުއްމިނޫން 97)
ވީމާ ގިނަގިނައިން ދަންނަވާށެވެ!
"އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ." ދެން އިތުރުކޮށްލާށެވެ! ޝައިޠޯނާ މިއަޅާއަށް ވަސްވާސްދޭ ހުރިހާ ނުބައިކަމަކުން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ!" އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން