ނަރަކައާ ނަރަކައިގަ ދެއްވަވާ ޢަޛާބުގެ ވާހަކަކުން ކުޑަމިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ނަރަކައާ ނަރަކައިގަ ދެއްވަވާ ޢަޛާބުގެ ވާހަކަކުން ކުޑަމިންވަރެއް!

ސިކުނޑި ހުޅުވާލައިގެންހުރެ މިއާޔަތްތަކާއިމެދު އެންމެފަހަރަކުނަމަވެސް ނިކަން ވިސްނައި ފިކުރުކޮށްލައިބަލާށެވެ! މިއީ މީހަކު ކިޔައިދޭ ވާހަކަތަކެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. ނަރަކައަށް ވަންނަން ޖެހިއްޖެ މީހަކަށް ދެއްވަވާނެ ޢަޛާބުގެ ވާހަކައެވެ.  

"މިއީ، އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދެބަސްވީ ދެ ޚަޞްމުންނެވެ. (އެބަހީ: މުއުމިނުންނާއި ކާފިރުންނެވެ.) ފަހެ، ކާފިރުވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ."

(އަލް ޙައްޖު: 19) 

"އެއިން އެއުރެންގެ ބަނޑުތަކުގައިވާ ތަކެއްޗާއި ހަންތައް ވިރުވާހުށްޓެވެ."

(އަލް ޙައްޖު: 20) 

"އަދި އެއުރެންނަށްޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ".

(އަލް ޙައްޖު: 21)  

"އެއުރެންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެތަނުން އެއުރެން ނުކުންނަން އުޅެފި ކޮންމެހިނދެއްގައި، އަލުން އެތަނަށް އިޢާދަ ކުރައްވާ ހުށްޓެވެ. އަދި (އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާނުގެ ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!"

(އަލް ޙައްޖު: 22) 

"ހަމަކަށަވަރުން، ކާފިރުވެ، ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި ޤާއިމް ވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި، ހަމަހަމަވާގޮތުން، މީސްތަކުންނަށްޓަކައި، ތިމަންރަސްކަލާނގެ ލެއްވި އަލްމަސްޖިދުލް ޙަރާމުން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި އަނިޔާވެރިކަމާއެކު، ދީނާ ޚިލާފު ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި ޢަޛާބުން ރަހަދައްކަވާހުށީމެވެ."

(އަލް ޙައްޖު: 25) 

ސުވަރުގެއާ ސުވަރުގެއިން ދެއްވަވާނެ ގިނަގުނަ ނިޢުމަތްތަކުން-: 

"ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައްކުރިމީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ﷲ (އެއުރެން) ވައްދަވާނެތެވެ. އެއުރެން އެތާނގައި ރަނުގެ އުޅާތަކުންނާއި، މުތީތަކުން ގަހަނާ އަޅުއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ."

(އަލް ޙައްޖު: 23) 

"އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެއުރެންނަށް ހިދާޔަތް ދެއްވިއެވެ. އަދި ޙަމްދު ލިބިގެންވާ މަގަށް، މަގު ދެއްކެވިއެވެ."

(އަލް ޙައްޖު: 24) 

ނަރަކަ އާއި ނަރަކައިގެ ޢަޛާބުގެ ވާހަކަ ނުދައްކަން ބުނާ މީހުންނާއި އެއަޑުއަހަން ބޭނުންނުވާ މީހުންނާއިމެދު ފުިންކޮށް ވިސްނަންވާނެއެވެ. އަހުރެމެން ދައްކައިގެން ނުވާނެ އެއްވެސް ވާހަކައެއް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައެއް ނުވީހެވެ. އެހެނީ ކީރިތި ޤުރްއާނުގެ ކޮންމެ އާޔަތަކީވެސް ގިނަގިނައިން ކިޔަވަން ހުރި އާޔަތްތަކެވެ. އެއިގެ އިތުރުން ނަރަކައާއިމެދު ބިރުވެތިނުވެވުމަކީ ސުވަރުގެ ހޯދަން މަސައްކަތްކުރަން އިހްމާލްވެވި ކަންނެތް ވެވޭނެ ކަމެކެވެ.  

ކޮންމެ މީހަކަށްވެސް އޮތް އެންމެ މުހިންމު ކަމަކީ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. ސުވަރުގެ ލިބިގަންނަން މަސައްކަތްކުރުމެވެ. މި 2 ކަންތައް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރަކުންނެވެ. ފާފަކުރުމުން ދުރުހެލިވެހުރެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރި މިންވަރަކުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން