ނަރަކަ އާއި ނަރަކައިގައި ލިބޭނެ ގަދަފަދަ ޢަޛާބުގެ ވާހަކަ އެކުވެރިންނަށް ހަނދާންކޮށްދީ ޙިއްޞާކުރާށެވެ! ބިރުވެތިވެވޭނީ އެއިރުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ނަރަކަ އާއި ނަރަކައިގައި ލިބޭނެ ގަދަފަދަ ޢަޛާބުގެ ވާހަކަ އެކުވެރިންނަށް ހަނދާންކޮށްދީ ޙިއްޞާކުރާށެވެ! ބިރުވެތިވެވޭނީ އެއިރުންނެވެ!

ފުރަތަމަ ކުޑަކުޑަ މިޘާލެއް ބުނެދޭނަމެވެ. ތިބާއަޑުއެހި ދަރުސެކެވެ. އެދަރުސްގައި ކިޔައިދިނީ ސުވަރުގެއިން ލިބެންހުރި ނިޢުމަތްތަކުގެ ވާހަކައާއި ނަރަކައިން ލިބޭނެ ގަދަފަދަ ޢަޛާބްގެ ޥާހަކައެވެ. ދަރުސް އަޑުއެހިތާ 10 ވަރަކަށް ދުވަސްފަހުން މިވާހަކަތަކުން ބޮޑަށް ހަނދާންހުރީ ކޮން ވާހަކަތަކެއްކަން ހަނދާންކުރަން މަސައްކަތްކޮށްބަލާށެވެ!

ގިނަ ބައެއްގެ ސިކުނޑީގައި ހަރުލާފައި ހުންނާނީ ނަރައިން ލިބޭނެ ގަދަފަދަ ޢަޛާބުގެ ވާހަކަތަކެވެ.

އިތުރު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. ފެންނަ ހުވަފެންތަކުން ގިނަ ދުވަހަށް ހަނދާނުގައި ހުންނަނީ އާދައިގެ ކަންކަމުގެ ވާހަކަކަން ނުވަތަ ހުވަފެނެއްގައި ފެނުނު ބިރުވެރިކަމެއްކަން ދެނެގަންނަން މަސައްކަތްކޮށްބަލާށެވެ. ގިނަ ބައެއްގެ ހަނދާނުގައި ބޮޑަށް ހަރުލާފައި ހުންނާނީ ފެނުނު ބިރުވެރި ހުވަފެންތަކެވެ. އަދި ކަންބޮޑުވެވޭނީވެސް އެހުވަފެންތަކާއިމެދުގައެވެ.

މިކަމުން އެނގެނީ ތިމާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަންކަމަށް ދެވޭ ސަމާލުކަން ބޮޑުވެގެންދާ ކަމެވެ. އެއީ ހަމައެކަން ވާނެވެސް ގޮތެވެ.

ކީރިތި ޤުރްއާނުގެ ކޮންމެ ޢާޔަތަކީ ވެސް އެއާޔަތަކަށް ފުރިހަމައަށް އަމަލުކުރުމަށް ބާވައިލެއްވެވި އާޔަތެވެ. 7 އުޑުމަތިން އެ ޢާޔަތްތައް ބާވައި ލައްވަވާފައި އެވަނީ އެއާޔަތްތަކުގައިވާ އަކުރުތަކުގެ ތެރެއިން އެންމެ އަކުރެއް އަދި އެންމެ ފިއްޔަކަށްވެސް އަމަލު ނުކޮށް ދޫކޮށްލެވޭނެ ގޮތަކަށް ނޫނެވެ. ވީމާ އަހަރެމެންނަށް އޮތީ ހުރިހާ ލަފުޒުތަކާއި އަކުރުތަކާއި ފިލިތަކަށްވެސް ޢަމަލުކުރަމެވެ.

ކަން އޮތީ މިފަދައިން ނަމަވެސް ބައެއް ކަންކަމުގައި މިވާ ގޮތަކީ ބައެއް މީހުން ނަގަނީ އާޔަތުން އެމީހަކު ބޭނުންވާ ބައެކެވެ. އަނެއްބައި ފޮރުވާފައި ބާއްވަނީ އެވެ. ފަހުން ޢަމަލުކުރަން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ ވެސް އެކަން ކުރަން އޮތް ގޮތެއް ނޫނެވެ.

ރަނގަޅަށް ވިސްނައިގެން މިއާޔަތް އަޑުއަހާށެވެ!

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރު ދެއްވައި، (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ". (އަލް ފަތްޙް: 7)

އާޔަތުގެ ފުރަތަމަ ބައިގައި އެވަނީ ރަސޫލް (ﷺ) ދުނިޔެއަށް ފޮނުއްވެވި އެއް ސަބަބެވެ. ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައެވެ. އެއިގެ ފަހަތުން މިއަންނަނީ 2 ކަމެކެވެ. އެއީ "(މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރު ދެއްވަވައި އަދި (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ".

މިއާޔަތުގައި މިހެން އޮތުމުން ބައެއް މީހުންނަށް ހީކުރެވެނީ މުއުމިނުންނަށް ދޭން ޖެހޭނީ ހަމައެކަނި އުފާވެރިކަމުގެ ޚަބަރު ކަމަށާއި ބިރުވެރިކަމުގެ ޚަބަރު ދޭންޖެހޭނީ ހަމައެކަނި ކާފިރުންނަށް ކަމަށެވެ.

އެއީ ހަމަ މުޅިން ނުބައި ވިސްނުމެކެވެ. މިއާޔަތުގައި އެވަނީ މުއުމިނަކަށްވުމުން ލިބެން ހުރި އުފާވެރި ނިޢުމަތްތަކުގެ ވާހަކަ އަދި ކާފިރުވެއްޖެ ނަމަ ލިބޭނެ ގަދަފަދަ ޢަޛާބުގެ ބިރުވެތިކަމުގެ ވާހަކަ އަންގަވައިދެއްވާ ބޭކަލަކުކަމުގައި ރަސޫލް (ﷺ) ފޮނުއްވެވި ކަމުގެ ވާހަކައެވެ.

މިތަނުގައި ކާފިރުވެއްޖެ ނަމަ ކަމަށް ބުނެވޭ ބަހުގެ މާނައިގައި މުއުމިނަކު ނަމަވެސް ނަމާދު ނުކޮށް ދީނުގެ ފަރުޟުތަކަށް ރައްކައުތެރިނުވެ ޙަރާމް ކަންކަން ކުރާ ނަމަ އެމީހާގެ ވާހަކަ ވަރަށް ރަނގަޅަށް ހިމެނިގެންދެއެވެ.

ކަން މިހެން އޮތް ނަމަވެސް މީސްތަކުން ބިރުގަންނަނީ ކަމަށް ބުނެ ކައްވަޅާއި ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަ ނުދައްކަން އަންގާ ބައަކު އެބަ އުޅެއެވެ. މިއީ އެއްގޮތަކަށްވޭސް ހޭޖެހޭ ބައެއް ނޫނެވެ. އެކަމުގެ ދަލީލުވެސް ދައްކަފާނަމެވެ.

ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ ޢަރަބިބަހުންނެވެ. ޢަރަބިންގެ ދަރިންވެސް އުމުރުން 2 އަހަރުވުމުން ކީރިތި ޤުރްއާން ކިޔަވައެވެ. ވަރަށް ގިނަ ކުދިންނަކީ 7 އަހަރުވުމުގެ ކުރިން 2،3 ފަހަރު ޚަޠިމްކުރާ ކުދިންނެވެ. ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަތަކާއި ސުވަރުގޭގެ މަތިވެރި ނިޢްމަތްތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި ލިޔެވިގެންވެއެވެ. ޢަރަބި ބަސް ނުދަންނަ ކުދިންނަށް ކިޔެވޭ އެއްޗެއްގެ މާނަ ނުއެނގުނު ނަމަވެސް ޢަރަބި ބަސް އެނގޭ ކުދިންނަށް، ޢަރަބިންގެ ދަރިންނަށް މާނަވެސް އެނގޭނެއެވެ.

ނިކަން ބުނެބަލާށެވެ! ކީރިތި ޤުރްޢާނުގެ މާނަ އެނގިގެން ގެއްލުންވީ ކޮން ކުއްޖަކަށް ހެއްޔެވެ؟ އެއީ އެއްވެސް ޢުމުރެއްގައި ގެއްލުންވާނެ ކަމެއް ނަމަ ހުރިހާ ޢުމުރުގައިވެސް އެކަން ކުރަން ﷲ ތަޢާލާ އަނގަވާށފައިވާނެ ހެއްޔެވެ؟

މިއާޔަތަށް ބަލައިފިނަމަ ރަސޫލް (ﷺ) ރަސޫލްކަމާއިގެން ފޮނުއްވެވުނު ސަބަބުތަކުގެ ތެރެއިން 3 ސަބަބު އެ އޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ! ވީއިރު އެތަނުން އެއް ސަބަބުގެ ވާހަކަ ނުދައްކައި ފޮރުވުމަކީ ކުރެވޭ ވައްކަމަކަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟

މީސްތަކުންނޭވެ! ﷲ ތައާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންވީ މުއުމިނުންނަށް ސުވަރުގެއިން ދެއްވަވާނެ އުފާވެރި ނިޢްމަތްތަކުގެ ވާހަކައާއި ކިޔަމަންނުވި މީހުންނަށް ނަރަކައިގައި ހުރި ގަދަފަދަ ޢަޛާބުގެ ވާހަކަ ދެއްކުން ގިނަކުރާށެވެ! އަހުރެންގެ ވިސްނުމުން ބަލާއިރު މީގެ ތެރެއިންވެސް ދެއްކުން ގިނަކުރަންވީ ނަރަކައިގައި ހުރި ގަދަފަދަ ޢަޛާބުގެ ވާހަކައެވެ.

އެކަމުގެ ސަބަބުތައް އެހެން ދަރުސެއްގައި ބަޔާންކޮށްދޭނަމެވެ. އިން ޝާ ﷲ. ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަމާ ބިރުވެރިކަމުގެ ވާހަކަތައް ގިނަގިނައިން ޤުރްއާނުންނާއި ފޮތްތަކުން ކިޔަންޖެހެއެވެ. ހިތަށް ބިރުވެރިކަން ވަންނާނީ އެއިރުންނެވެ. އަދި އެވާހަކަތައް ގިނަގިނައިން އެކުވެރިންނަށް ޙިއްޞާކޮށް ހަނދާންކޮށްދޭންވެސް ޖެހެއެވެ. މިބަޔާންކުރި އާޔަތުގައިވާ މަޤްޞަދު ޙާޞިލުކުރެވޭނީ އެއިރުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން