މިހާރަށް ބަލައިފިނަމަ ދެބަސްވުމާއި ޒުވާބުކުރުން މިވަނީ ދުވަހަކުވެސް ގިނަ ނުވާހައި މިންވަރަށް އިތުރުވެފައެވެ. އެންމެ ގާތް މީހުންގެ މެދުގައިވެސްމެއެވެ. މީގެ ތެރޭގައި އެންމެ ގާތް އެކުވެރިންނާއި އަދި އެމީހެއްގެ ޢާއިލާގެ މީހުންވެސް ހިމެނެއެވެ.
އެއީ ވެސް ހަމަ ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ! ދުނިޔެ ނިމެން ގާތްވެފައިވާ ކަމުގެ ޢަލާމާތެކެވެ. އެކަމުންވެސް އަންގައިދެނީ ހިތުގައި އެހެން މީހުންނަށް ލޯބިކުޑަވަމުން އަންނަ ކަމެވެ. ތިމާ ޤަބޫލުކުރާ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވޭ ކަމެވެ. ކުރުކޮށް ބުނާނަމަ ޢިލްމް ހުރިނަމަވެސް ޖާހިލުކަން ބޮޑުވެއްޖެކަމެވެ.
ހިތާމައަކީ އެކަންކަމަށް ވިސްނައިނުލެވޭ ކަމެވެ. ފަހުޒަމާންކަން އެނގުމަކީ ޢަމަލުތައް އިޞްލާޙްކުރަން އިތުރަށް މަސައްކަތްކުރަންޖެހޭނެ ސަބަބެއްކަން ޤަބޫލުނުކުރެވޭ ކަމެވެ.
ޒުވާބުކުރުން މިހައި ގިނަވި މައިގަނޑު ސަބަބަކީ ސޯޝަލް މީޑިއާއެވެ. ސަބަބަކީ ކޮންމެ މީހަކަށް ކޮންމެ މީހަކަށް ރައްދު ދީ ޒުވާބުކުރުމުގެ ފުރުޞަތު ސޯޝަލް މީޑިއާގައި އޮތުމެވެ. ފޭކް އައިޑީތަކުގައި މީހުންގެ ލޭ ކެކިގެންދާ ފަދަ ބަސްތައް ބުނުމުގެ ފުރުޞަތު ލިބިފައިވުމެވެ.
މިފަދަ ހޫނު ޒުވާބުތައް އެންމެ ގިނައިން ހިނގަނީ ދުވަހަކު ވެސް ބައްދަލު ނުވާ އެކަކު އަނެކަކު ނުވެސް ދަންނަ މީހުންގެ މެދުގައެވެ. އަދި އެއްވެސް ކަމެއް ނުއެނގޭ، ނަމަވެސް ހުރިހާ ކަންކަން އެނގޭ ކަމަށް ހެދިގެން އުޅޭ ރޯނު އެދުރުންގެ މެދުގައެވެ. ކޮންމެ ކަމަކަށް ފާޑުކިޔައި އެންމެންނާއި ބެހި ހެދުމުގެ ފުރުޞަތު އޮތް ނަމަވެސް އެކަން ނުކުރާށެވެ! ކޮންމެހެން މީހަކަށް ރައްދެއް ދޭން ބޭނުންވެއްޖެ ނަމަ ރައްދު ދިންނަމަވެސް އިތުރަށް ޒުވާބުނުކުރާށެވެ!
ނަމަވެސް އިސްލާމް ދީނުގެ ކަންކަމުގައި ޙަޤީޤަތާއި ޚިލާފް މައުލޫމާތު ފަތުރާނަމަ އެކަމުން މުސްލިމް މުޖުތަމައު ސަލާމަތްކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. ޙަޤީޤަތް ހާމަކުރަން ޖެހޭނެއެވެ. އެއީ ހުރިހާ މުސްލިމުންގެ މައްޗަށް ވެސް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. ވީމާ އެވާޖިބު އަދާކުރަމުން ގެންދާށެވެ!
ނުބައި ބަސްތައް ބުނާނަމަ ދުލުން ބުނުމާއި ލިޔެ ސޯޝަލް މީޑިއާގައި ހާމަކުރުމުން ވެސް އެކުރެވެނީ ހަމަ އެއް ކަމެކެވެ. ވީމާ ކިތަންމެ ޚިޔާލުތަފާތުވި ނަމަވެސް ބުނާ ބަސްތަކަށް ރައްކައުތެރިވާށެވެ! އިސްލާމް ދީނަށް ނަޞްރު ދެވޭނީ އެއިރުންނެވެ. އަދި ތިމާ ފާފަވެރިވުމުން ސަލާމަތްވާނީ ވެސް އެއިރުންނެވެ. ކުރާ ކޮންމެ އަމަލަކީވެސް އެމީހާގެ ފަތުގައި ލިޔެވޭ އެއްޗެކެވެ. ފާފައެއްނަމަ މީޒާނުގައި ފާފަތަކުގެކޮޅަށް ބުރަކުރާނެ އެއްޗެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން