ގޭގަ އަލިފާން ރޯވެ އެނދުމަށްވުރެ ގެތަކުގަ ރޯވެ، ނުފެނި އަނދަމުންދާ އަލިފާނުން ލިބޭ ގެއްލުން މާބޮޑު! ސަލާމަތުން ހުރީ މަދުގެއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ގޭގަ އަލިފާން ރޯވެ އެނދުމަށްވުރެ ގެތަކުގަ ރޯވެ، ނުފެނި އަނދަމުންދާ އަލިފާނުން ލިބޭ ގެއްލުން މާބޮޑު! ސަލާމަތުން ހުރީ މަދުގެއެއް!

ވިސްނައިލާށެވެ! ގޭގައި ހުޅުރޯވެ އަނދަން ފެށުމުން އަލިފާން ނިއްވާ މީހުން ނުވަތަ އެހެން ބައަކު ނަމަވެސް އައިސް ފެން ޖަހައި ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން އެ ހުޅުގަނޑު ނިއްވައިލައެވެ. ގިނަ މީހުންނަށް އެކަން ޤަބޫލުކުރެވެނީ ވަރަށް ނުރައްކައުތެރިކަމެއްގެ ގޮތުގައެވެ. އަދި ވަރަށް ބޮޑެތި ގެއްލުންތައްވެސް ލިބޭ ކަމެއްގެ ގޮތުގައެވެ.

އަލިފާނުގެ މިފަދަ ހާދިސާތަކުގައި އަނދާ ގޭގެ އަލުން ބިނާ ކުރެވިދާނެއެވެ. ކުރިއަށްވުރެ ފުރިހަމަކޮށް ވެސް ބިނާކުރެވިދާނެއެވެ. އަނދައިގެން ދިއަ ތަކެތިވެސް އަލުން ހޯދިދާނެއެވެ. މާފެންވަރު ރަނގަލު ތަކެތިވެސް ހޯދިދާނެއެވެ. ލިބުނު ގެއްލުން މާ ފުރިހަމައަށް ފޫބެއްދިދާނެއެވެ. 

ހަޤީޤަތުގައި މިފަދައިން ރޯވާ އަލިފާނަށްވުރެ ނުރައްކައުތެރިކަން ބޮޑުވެފައި ގެއްލުން ބޮޑީ ގެތަކުގައި ރޯވެ ލޮލަށް ނުފެދި އަނދަމުންދާ އަލިފާނުގައެވެ. އެ އަލިފާން ނިއްވައިލުމަކީ އެހެން ބައަކަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެ އަލިފާން ނިއްވައިލެވޭނީ ހަމައެބައަކަށެވެ. 

މިދައްކަކަނީ ހަސަދަވެރިކަމުގެ ސަބަބުން ރޯވާ އަލިފާނުގެ ވާހަކައެވެ. ހަސަދައިގެ ހުޅުގަނޑު ރޯވެ އަނދަމުން ނުދާ ގެއެއް މިހާރު ވަރަށް މަދެވެ. އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބެމުން ނުދާ ޢާއިލާއެއްވެސް ހަމަ އެހައިމެ މަދެވެ. ޢާއިލާތައް ރޫޅި، ބައިބައިވެ ނިކަމެތިވަމުން އެދަނީ ހަމަ ހަސަދައިގެ ސަބަބުންނެވެ. 

މީސްތަކުންނޭވެ! ހަސަދަވެރިކަމަކީ އެންމެ ނުބައި އެއްކަންތަކެވެ. އެކަމުގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ ކުރާ އަޅުކަން އަނދައިގެންދިއުމެވެ. މީގެ އިތުރުން ޙަސަދަވެރިކަމަކީ ﷲ ތަޢާލާ އެބައަކަށް ދެއްވަވަން ހުންނަ ނިޢްމަތްތައް ލިބުމަށް ވެސް ހުރަސް އެޅިގެންދާ ކަމެއްކަން އޮތީ އެނގޭށެވެ. 

ހަސަދަވެރިކަމުގެ ސަބަބުން އިސްވެ ގޮސްފައިވާ އުންމަތްތައް ވަނީ ނެތިކުރައްވަވައިފައެވެ. ހަސަދައިގެ އަލިފާނަކީ އެންމެ ނުރައްކައުތެރި އަލިފާނެވެ. އެ އަލިފާނުން ތިމާ ސަލާމަތްކޮށްދޭނެ ވަސީލަތަކީ ތިމާގެ ހިތެވެ. 

ހަސަދަވެރިކަމަކީ ހިތަށް ޖެހޭ އެންމެ ނުބައި އެއް ބައްޔެވެ. ކެންސަރުބަލީގައި ފައިބައިގެންދަނީ ގައިގެ އިސްތަށިތަކެވެ. ހަސަވެރިކަމުގެ ސަބަބުން ގެއްލިގެންދަނީ އެމީހެއްގެ އީމާންކަމެވެ. ހިތް ޠޯހިރުކުރާށެވެ. އެއިރުން ހަސަދަވެރިކަމުގެ އަލިފާނުން ތިމާ އަށްސަލާމަތްވެވިދާނެއެވެ! އިން ޝާ ﷲ. 

Zubair Ibn al-Awam narrated that Prophet Mohammad (P.B.U.H) said, "There has come to you the disease of the nations before you, jealousy and hatred. This is the 'shaver' (destroyer); I do not say that it shaves hair, but that it shaves (destroys) faith”.

[Jamih at-Tirmidhi, 2434] 

ހަސަވެރިންގެ ހަސަދައިން ސަލާމަތްވުމަށް އަބަދުވެސް ދުޢާކުރަން ޖެހޭނެއެވެ. އަލް ފަލަޤް ސޫރަތަކީ އެކަމަށް އޮތް ވަސީލަތެވެ. އެ ވަސީލަތުގެ ބޭނުން ހިފާށެވެ! ހެނދުނާއި ހަވީރު މަދުވެގެން 3 ފަހަރު އެ ސޫރަތް ކިޔަވާށެވެ. 

ޙަސަދަވެރިކަމުން ހިތް ޠޯހިރުކުރާށެވެ! ހަސަދަވެރިކަމަށް ހިތުގައި އެއްވެސް ޖާގައެއް ނުބާއްވާށެވެ! އެކަން ކުރެވޭނީ ﷲ ތަޢާލާއަށް ލޯބިން ހިތް ފުރައިލުމުންނެވެ. 

އިމާމް މުފްތީ މެންކުގެ މި ނަޞޭޙަތްކޮޅުން ޢިބްރަތް ލިބިގަންނާށެވެ! ޢަމަލުކުރާށެވެ. 

"Take the spite out of your heart. Purify it. Your heart is a small organ. When you fill it with hatred for someone, you’re preventing it from being filled with the love of the Almighty. Always ask Him to protect us from hearts that are consumed by hatred, envy, pride, jealousy!" 

ގިނަ ބައަކަށް ކަންބޮޑުވެވެނީ ކަންކަން ލޮލަށް ފެނުމުންނެވެ. ބިރުވެތިވެވެނީވެސް ސަލާމަތް ނުވެވުމުންނެވެ. އެއީ މިއަދުގެ ޢާންމު ޙާލަތެވެ! ދުނިޔެއާއި ޢާޚިރަތް ބާއްޖަވެރިކުރެވެން އޮތީ، އަދި ދުނިޔޭގައި އުފާވެރި ދިރިއުޅުމެއް އުޅެވެން އޮތީވެސް މިބަޔާންކުރެވުނު ކަންކަމަށް ހޭލުންތެރިވެވުނު މިންވަރަކުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން