ލޮބުވެތި އަޚުންނާއި އުޚްތުންނޭ! ނަފްސް ހިސާބުކުރުމުގެ މާނައަކީ، ނަފްސުން ކުރާ ކަންތައްތަކާ މެދުގާ ވިސްނާ ފިކުރުކޮށް ރަގަޅު ކުރުމަށް އަބަދުވެސް މަސައްކަތްކުރުން. އެކަން ކުރަންވާނެ. އެހެންވެގެން ޢިލްމުވެރިން ވިދާޅުވެފާވޭ، ނަފްސު ހިސާބުކުރުމުގައި އޮވޭ ދެގޮތެއް!
އެއްގޮތަކީ ޢަމަލެއް ކުރުމުގެ ކުރިން ހިސާބުކުރެމޭ، އަނެއް ގޮތަކީ ޢަމަލެއް ކުރުމަށްފަހުގާ ހިސާބުކުރުމޭ. ކަމެއް ކުރުމުގެ ކުރިންނާއި، ކަމެއް ކުރުމުގެ ފަހުން ހިސާބުކުރުމޭ، ކިހިނެއްތޯ ކަމެއްކުރުމުގެ ކުރިން ހިސާބުކުރާނީ؟ މިކުރަން އުޅޭކަމަކީ ތިމަންނާޔަށް ފައިދާތޯހުރިކަމެއްތޯ؟ ގެއްލުންތޯ ހުރީ؟ މީ ހެޔޮކަމެއްތޯ؟ ނުބައިކަމެއްތޯ؟ މީ އުރެދުމަކަށްވާ ކަމެއްތޯ ނުވަތަ ނޫންތޯ؟ މިޢަމަލު ކުރުމުން ތިމަންނާޔަށް އޮތީ ﷲ ގެ ރަޙްމަތްތޯ ނުވަތަ ﷲގެ ޢަޛާބުތޯ؟ މިގޮތަށް ބަލާ ވިސްނާ ފިކުރުކުރުމަކީ މީ ހިސާބުކުރުން. ޢަމަލެއް ކުރުމުގެކުރިން އެޢަމަލަކާ މެދުގާ އެމީހާ ވިސްނާ ފިކުރުކޮށްގެން ގޮތެއް ކަނޑައެޅުން.
ހަމަހުރެފަ ހިތަށް އެރިހައިކަމެއް ކުރަން ފަށައިފިއްޔާ ބައެއްފަހަރަށް ރަގަޅު ކަންކަން، އަނެއްބައިފަހަރަށް ނުބައި ކަންކަން އެތައްކަމެއް އެހެންވަމުން ހިގައިދާނެ، އެކަމަކު ކޮންމެ ކޮންމެ ޢަމަލެއް ކުރާއިރުގާ ކުޑަކޮށް މަޑުޖެހިލާ ވިސްނާލާފާ އެކަމެއް ކުރާކަމަށްވަނީނަމަ އެހިސާބުން އެކަންތައް ނުބައިމަގުން ދިއުމުގެ ބަދަލުގައި ރަގަޅު މަގަށް އެޅުމުގެ ފުރުޞަތު ވަރަށް ބޮޑުވެގެންދާނެ.
މީހަކާ ދިމާޔަށް އެއްޗެއް ބުނަން ބޭނުންވަނީ، މިހެންބުނީމަ ދެންވާނީ ކިހިނެއްތޯ؟ މިބުނެވެނީ ރަގަޅު އެއްޗެއްތޯ؟ މީގެ ސަބަބުން ﷲ ތަބާރަކަ ވަތަޢާލާ ރުހިވޮޑިގަންނަވާނީތޯ؟ ނުވަތަ އެކަލާނގެ ކޯފާވެވޮޑިގަންނަވާނީތޯ؟ މިގޮތަށް ހިސާބުކޮށްގެން ޢަމަލު ކުރުން. ވާހަކަ ދެއްކުން ޢަމަލުކުރުން މީ ވަރަށް މުހިންމު ކަމެއް. ތިމަންނާ މިވެނިތަނަކަށް ދާން މިކަން ކުރާނީތޯ ނޫންތޯ؟ އެކަމެއް ކުރުމުގެ ކުރިން ވިސްނާލުން އެއީ ވަރަށް ބުއްދިވެރި ކަމެއް. އެއީ ޢިލްމުވެރިން އެވިދާޅުވާ ކަމެއް ކުރުމުގެ ކުރިން ހިސާބު ކުރުމަކީ.
ބޭފުޅުންނޭ! ދެން ދެވަނަގޮތަކީ ކަމެއް ކުރުމަށް ފަހުގާ ހިސާބުކުރުން. ކޮބާ ކަމެއް ކުރުމުގާ ހިސާބު ކުރުމަކީ؟ ކަމެއްކޮށް ނިމިއްޖެ ދެން އެޔާމެދުގާ ވިސްނާ ފިކުރުކުރަނީ، އެކަންތައް ޢިލްމުވެރިން ވިދާޅުވަނީ އޭގެ ތިންބާވަތެއްވޭ! އެކުރި ކަންތައް ވެދާނެ ހެޔޮ ޢަމަލަކަށް އެކަމަކު އެކަން ކުރެއްވުމުގާ އެންމެ ފުރިހަމަކަން ނެތި ހިގައިދާނެ. މިސާލަކަށް ނަމާދުކުރީ އެކަމަކު ނަމާދުގާ ގެންނަންޖެހޭ ޚުޝޫޢަތްތެރި ކަމާ އެކަންކަން އެންމެ ފުރިހަމަ މާނައިގާ ގެނެވިފައި ނެތީ އެހެންވީމާ، ނަފްސު ހިސާބުކުރީމާ ދެން ދެވަނަފަހަރަށް ނަމާދުކުރާ އިރުގާ ނަބިއްޔާ ﷺ އިރުޝާދު ދެއްވިގޮތަށް "صَلِّ صَلاَةَ مؤَدِّي " އަލްވަދާޢު ކިޔާމީހަކު ނަމާދު ކުރާގޮތަށް ނަމާދު ކުރާށޭ! ބިރުވެރި ކަމާ، ޚުޝޫޢަތްތެރި ކަމާ، މީ އެކަލާނގެއަށްޓަކާ ކުރެވޭ އެންމެ ފަހުގެ ސަޖިދަ ކަމަށް ވެސް ވެދާނެކަމަށް ބަލައިގެން ސަޖިދަކުރާކުރުން އެއީ ހިސާބު ކުރީމަވާގޮތް އެހެންވީމަ ހެޔޮ ޢަމަލު ކުރުމަށް ފަހުގައިވެސް ހިސާބު ކުރަންޖެހޭ.
އެކަމުގާ އަނެއްކާ ތިމަންނަ މިކުރި ނަމާދާ ކިޔެވި ކީރިތި ޤުރްއާނާއި، ހިފިރޯދައާއި، މިޢަމަލުގާ އަނެއްކާ ނަމަނަމަ އެހެންމީހަކަށް އެހެން ފަރާތަކަށް ބައެއް އެޅިފަ ނެއްތޯ ބަލަންޖެހޭނެ. މީހެއްގެ ރުހުން ހޯދަންވެގެން މީހަކަށް ދައްކަންވެގެން ނުވަތަ މީހުންގެ ސަޕޯޓް ހޯދަންވެގެން ކުރިކަމެއްތޯ ނުވަތަ ނޫންތޯ؟ ބަލަންޖެހޭ. އެބަ ހެޔޮ ޢަމަލެއް ކުރުމަށް ފަހުގާ ނަފްސު ހިސާބު ކުރަންޖެހޭ ހަމައެގޮތަށް ބޭކަލުންނޭ! ނުބައިކަމެއް އިންސާނެއްގެ ފަރާތުން ވުމަށްފަހުގައިވެސް ނަފްސު ހިސާބު ކުރަންޖެހޭ. އެގޮތުން ﷲ އަށް އުރެދުމަށްވާ ކަމަކަށް އަރައިގަނެވިއްޖެ ކަމަށް ވަނީނަމަ ނަފްސު ހިސާބު ކުރަންޖެހޭނެ. އެކަމާދޭތެރޭގަ ކަންބޮޑުވާން ޖެހޭނެ، އެކަމާދޭތެރޭގަ ދެރަވެ ހިތާމަކުރަން ޖެހޭނެ. އެފަދަ ކަމެއް ދެވަނަފަހަރަށް ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައަޅަން ޖެހޭނެ. އޭރަށް އެމީހާއަށް ދެވަނަފަހަރަށް އެފަދަ ކަމަކާދިމާޔަށް ނުދެވޭނެ.
ތިންވަނަ ގޮތަކީ، ނުވަތަ ތިންވަނަ ވައްތަރަކީ: ޢިލްމުވެރިން ވިދާޅުވެފައިވޭ އެއީ ހުއްދަކަމެއް ކުރެވުނީމާ ހިސާބު ކުރުމޭ! ކިޔަމަންތެރި ކަމުގެ ގޮތުން ހެޔޮކަމެއް ކުރެވުނީމަވެސް ހިސާބު ކުރަނީ، އުރެދުމަކަށް އަރައިގަނެވިއްޖެއްޔާވެސް ހިސާބު ކުރަނީ، އަދި ހުއްދަކަމެއް ކުރިޔަސް ނުކުރިޔަސް ފަރުވާލެއް ނެތް ކަމެއް ހުއްދަކަމެއް ކޮށްފިއްޔާ އެކަމަކާމެދުގަވެސް ހިސާބު ކުރަންޖެހޭ! ނަފްސު ހިސާބު ކުރަނީ، މިސާލަކަށް ރައްޓެއްސަކާ އެއްކޮށް ވަގުތު ހޭދަ ކޮށްލުމަށް ޓަކާ ކޮފީއަކަށް ދިޔައީ ވަރަށް ޢާއްމުކަމެއް އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރޭގާ ނަފްސު ހިސާބުކުރަން ޖެހޭނެ އެކަމުގެ ސަބަބުންވީ ފައިދާތޯ؟ ގެއްލުންތޯ؟ އޭގެ ސަބަބުން ހެޔޮކަމަކަށް މަގުފަހިވީތޯ ނުވަތަ ނުބައި ކަމަކަށް މަގުފަހިވީތޯ؟ އޭރަށް އެގޭނެ ދެވަނަ ކޮފީއަކަށް ދާނެތޯ ނުވަތަ ނޫންތޯ؟ ނުވަތަ އޭނާއާއެއްކޮށް އިށީންނާނަންތޯ ނުވަތަ ނޫންތޯ؟ ކަނޑައަޅަން އެގޭނީ ނަފްސް ހިސާބުކުރީމާ ޢަމަލުތައް ހިސާބުކުރީމާ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން