މޫސާގެފާނު ވާހަކަ- 8: ފިރުޢައުނުގެ މީސްތަކުންނަށް ދެއްކެވި މުޢުޖިޒާތް

ކިޔުމަށް ހޭދަވާނީ 10މ 46ސ
މޫސާގެފާނު ވާހަކަ- 8: ފިރުޢައުނުގެ މީސްތަކުންނަށް ދެއްކެވި މުޢުޖިޒާތް

ޢަލީ އިޙްޞާން ފިރާޤް

 

ފިރުޢައުނުގެ މީސްތަކުންނަށް ދެއްކެވި މުޢުޖިޒާތް

ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ސާބިތުވާ ގޮތުގައި، ފިރުޢައުނާއި، އޭނާގެ ޤައުމުގެ މީސްތަކުންނަށް މާތް، ތަފާތު މުޢުޖިޒާތަކެއް ދެއްކެވިއެވެ. އެގޮތުން ނުވަތަ އާޔަތެއް ނުވަތަ ނުވަ މުޢުޖިޒާތެއް ދެއްކެވި ކަމަށް ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. ސޫރަތުލް އިސްރާގެ 101 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ ۖ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا ﴿١٠١

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ފާޅުވެ ބަޔާންވެގެންވާ ނުވަ معجزة އެއް، موسى ގެފާނަށް ދެއްވީމެވެ. ފަހެ، އެކަލޭގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު (ކަންހިނގިގޮތް) އިސްރާއީލުގެދަރިންކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ! ފަހެ، فرعون، އެކަލޭގެފާނަށް ދެންނެވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، ކަލޭގެފާނަށް سحر ޖެހިފައިވާ ކަމަށެވެ.]

އެގޮތުން މޫސާގެފާނަށް ދެއްވި ނުވަ މުޢުޖިޒާތްތަކުގެ ތެރޭގައި ހިމެނެނީ

1. އަޞާކޮޅު އެއްލަވައިލެއްވުމުން ހަރުފައަކަށް ބަދަލުވުން. ސޫރަތުލް ޢައުރާފުގެ 107 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ ﴿١٠٧

މާނައީ: [ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު، އެ އަސާކޮޅު ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ.]

2. ވިދަވިދާ އޮންނަ އަތްޕުޅެއް. ސޫރަތުލް ޢައުރާފުގެ 108 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ ﴿١٠٨

މާނައީ: [އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ، ވިދަވިދައިއޮތް ހުދު އަތްޕުޅެއްކަމުގައެވެ.]

3. ތަދުމަޑު އަހަރު ތަކެއް. ސޫރަތުލް ޢައުރާފުގެ 130 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

وَلَقَدْ أَخَذْنَا آلَ فِرْعَوْنَ بِالسِّنِينَ وَنَقْصٍ مِّنَ الثَّمَرَاتِ لَعَلَّهُمْ يَذَّكَّرُونَ ﴿١٣٠

މާނައީ: [ހަމަކަށަވަރުން، ތަދުމަޑު އަހަރުތަކާއި، މޭވާތަކުގެ އުނިކަން މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ فرعون ގެ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.]

4. ކަނޑު އިރުއްވުން. ބަޤަރާ ސޫރަތުގެ 50 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިއެވެ.

وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ ﴿٥٠

މާނައީ: [އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ، ތިޔަބައިމީހުން (غرق ން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، فرعون ގެ މީހުން غرق ކުރެއްވީމެވެ.]

5. ފެންބޮޑުވުން 6. ގޮއްފުޅަނގި 7.އުކުނު 8. ބޮއް 9. ލޭ . މި ވާހަކަތައް ބަޔާން ކުރައްވައި ސޫރަތުލް ޢައުރާފުގެ 133 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

فَأَرْسَلْنَا عَلَيْهِمُ الطُّوفَانَ وَالْجَرَادَ وَالْقُمَّلَ وَالضَّفَادِعَ وَالدَّمَ آيَاتٍ مُّفَصَّلَاتٍ فَاسْتَكْبَرُوا وَكَانُوا قَوْمًا مُّجْرِمِينَ ﴿١٣٣

މާނައީ: [ދެން ކަނޑައެޅި، ބަޔާންވެގެންހުރި آية ތަކެއް ކަމުގައި (ފެންބޮޑުވުމުގެ) طوفان އާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތޫއެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވިއެވެ.]

މި ދެންނެވީ އެ ނުވަ މުޢުޖިޒާތުގެ ވާހަކަ ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވާ ގޮތެވެ. އިތުރު އެހެން ރިވާޔަތެއްގައިވެއެވެ. ޢަބްދު ބިން ޢައްބާސް އާއި، އިކްރިމާއާއި، މުޖާހިދާއި، ޤަތާދާ ވިދާޅުވެފައިވެއެވެ. [ އެ ނުވަ މުޢުޖިޒާތަކީ، ވިދަވިދާ އޮންނަ އަތްޕުޅަކާއި، އެކަލޭގެފާނުގެ އަޞާކޮޅާއި، ތަދުމަޑު އަހަރުތަކަކާއި، ގަސްތަކުގައި މޭވާ ނޭޅުމާއި، ފެންބޮޑުވުމާއި، ގޮއްފުޅަނގާއި، އުކުނާއި، ބޮކާއި ލެޔެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 6 ވަނަ ޖިލްދު، ޞަފްޙާ 97}

އިބްނު ޖަރީރުއް ޠަބަރީ ރަޙިމަހު، ސަޢީދު ބިން ޖުބައިރުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. [ މޫސާގެފާނު ފިރުޢައުނުގެ ގާތަށް އައިސް ބަނީ އިސާރާއީލުބާގައިގެ މީސްތަކުން އެކަލޭގެފާނާއެކު ފޮނުވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ފިރުޢައުނު އެކަމާ ދެކޮޅު ހެދިއެވެ. އޭގެ ސަބަބުން މާތްއެބައިމީހުންގެ މައްޗަށް ޠޫފާނެއް ފޮނުއްވިއެވެ. އެޠޫފާނަކީ ވާރޭގެ ޠޫފާނެކެވެ. ދެން ވާރޭވެހެމުން ގޮސް އެބައިމީހުންނަށް އެކަން ބޮޑުކަމަކަށްވެގެން މޫސާގެފާނުގެ އަރިހުގައި ދަންނަވައިފިއެވެ.

[މި ގަދަ ވިއްސާރައިން ސަލާމަތް ކުރެއްވުން އެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދަންނަވައި ދެއްވާށެވެ. އޭރު ތިމަންމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ކަލޭގެފާނާއެކު ފޮނުވާނަމެވެ.]

ދެން މޫސާގެފާނު އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން ޠޫފާނުން އެބައިމީހުން ސަލާމަތް ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އީމާން ނުވިތާ ބަނީ އިސްރާއީލުބާގައިގެ މީސްތަކުންވެސް މޫސާގެފާނާއެކު ނުފޮނުވިއެވެ.

އެ އަހަރުގެ ތެރޭގައި އަރަހުށި މާތްގެ އިރާދަފުޅުން ވަރަށް ގިނަ ބާވަތް ބާވަތުގެ ގަސްގަހާގެއްސާއި ދަނޑުގޮވާމުގެ ބާވަތްތައް ހެދުނެވެ. މިކަމާ އެބައިމީހުން ވަރަށް އުފާކޮށް ބުނެއުޅުނެވެ. [ތިމަންމެން އުއްމީދުކޮށްގެން ތިބި ގޮތަކީވެސް މިއީއެވެ.] ނަމަވެސް މާތްﷲ އެބައިމީހުންގެ ދަނޑުފަނގުތަކަށް ގޮއްފުޅަނގި ފޮނުއްވިއެވެ. ގޮއްފުޅަނގިތައް އެބައިމީހުންގެ ދަނޑުތަކުގެ ގަސްތައްކައި ތަނޑުތަކަށް ހަދަން ފެށިއެވެ. މިކަން ބޮޑުކަމަކަށްވެގެން އެބައިމީހުން މޫސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ.

[އޭ މޫސާގެފާނޭވެ. މި ގޮއްފުޅަނގިތަކުގެ އުނދަގުލުން ސަލާމަތް ކުރެއްވުން އެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދަންނަވައި ދެއްވާށެވެ. އޭރު ތިމަންމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ކަލޭގެފާނާއެކު ފޮނުވާނަމެވެ.]

ދެން މޫސާގެފާނު އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން ގޮއްފުޅަނގިތަކުގެ އުނދަގުލުން އެބައިމީހުން ސަލާމަތް ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އީމާން ނުވިއެވެ. އަދި ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނެއްވެސް މޫސާގެފާނާއެކު ނުފޮނުވިއެވެ.

ކޮންމެއަކަސް ގޮއްފުޅަނގިން ދަނޑުގޮވާންތައް ސަލާމަތްކުރުމަށްފަހު، އެތަކެތި އެބައިމީހުން ކޮށާރު ކޮށާރުގައި ރައްކާކުރަންފެށިއެވެ. އެބައިމީހުން ބުނަމުން ގެންދިޔައެވެ. [އަހަރެމެން އަހަރެމެންގެ ދަނޑުގޮވާންތައް ސަލާމަތްކޮށްފީމެވެ.] މިފަހަރު އަރަހުށި މާތްﷲ އެބައިމީހުންގެ މައްޗަށް ފާކުރެއްވީ އުކުނެވެ. ގޮވާމުގެ ބާވަތްތަކުގައި އަޅާ ޒާތުގެ އުކުނެވެ. އޭގެ ތެރެއިން މީހަކު ދިހަ ބަސްތާ ގޮވާން މުގުރުމުން ލިބޭ މިންވަރަކީ ކުޑަ ތިން ބަސްތާގެ ގޮވާމެވެ. އުކުނު އަޅައި އެތަކެތި ގޮވާންތައް އެކުމުގެ ސަބަބުންނެވެ. ދެން މިކަންތައްވެސް ބޮޑުވެގެން މޫސާގެފާނުގެ އަހިރަށް ގޮސް ދަންވައިފިއެވެ.

[އޭ މޫސާގެފާނޭވެ. މި އުކުނުތަކުގެ އުނދަގުލުން ސަލާމަތް ކުރެއްވުން އެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދަންނަވައި ދެއްވާށެވެ. އޭރު ތިމަންމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ކަލޭގެފާނާއެކު ފޮނުވާނަމެވެ.] ދެން މޫސާގެފާނު އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން އުކުނުތަކުގެ އުނދަގުލުން އެބައިމީހުން ސަލާމަތް ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އީމާން ނުވިއެވެ. އަދި ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނެއްވެސް މޫސާގެފާނާއެކު ނުފޮނުވިއެވެ.

އެއްފަހަރަކު މޫސާގެފާނު ފިރުޢައުނުގެ ދަރުބާރުގައި ހުންނަވަނިކޮށް އެކަލޭގެފާނަށް ބޮކެއް ގޮވައިލި އަޑުއިވުނެވެ. އެވަގުތު މޫސާގެފާނު ފިރުޢައުނަށް ދެންނެވިއެވެ. [ކަލެޔާއި ކަލޭގެ މީސްތަކުންނަށް ބޮކުގެ ސަބަބުން ޖެހޭނީ ކޮން އުނދަގޫތަކެއް ބާވައެވެ؟] ފިރުޢައުނު މަލާމާތުގެ ރާގެއްގައި ބުންޏެވެ. [ބަލަގަ ބޮކަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟]

ދެން ރޭގަނޑުވެ އަނދިރިވުމުން، މުޅި ރަށުގައި ބޮއްތައް ގިނަވެއްޖެއެވެ. މީހަކު ކޮޅަށް ހުންނަނަމަ، އޭނާގެ ކޯތާފަތާ ހަމައަށް ފުނިޖެހިފައި ބޮއްތައް ތިބެއެވެ. ވާހަކައެއް ދައްކައިލަން އަނގަ ހުޅުވައިލިއަސް އޭގެއިން ބޮކެއް އަނގަތެރެއަށް ފުންމައިލައެވެ. މިކަމުގެ އުނދަގޫ ބޮޑުވެގެން ފިރުޢައުނުގެ މީސްތަކުން މޫސާގެފާނަށް ދެންނެވިއެވެ.

[އޭ މޫސާގެފާނޭވެ. މި ބޮއްތަކުގެ އުނދަގުލުން ސަލާމަތް ކުރެއްވުން އެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދަންނަވައި ދެއްވާށެވެ. އޭރު ތިމަންމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ކަލޭގެފާނާއެކު ފޮނުވާނަމެވެ.] ދެން މޫސާގެފާނު އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން ބޮއްތަކުގެ އުނދަގުލުން އެބައިމީހުން ސަލާމަތް ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އީމާން ނުވިއެވެ. އަދި ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނެއްވެސް މޫސާގެފާނާއެކު ނުފޮނުވިއެވެ.

ދެން މާތްﷲ އެބައިމީހުންގެ މައްޗަށް ފާކުރެއްވީ ލޭގެ ޢަޛާބެވެ. އޭގެ ސަބަބުން އެބައިމީހުންގެ ކޯރުތަކާއި، ވަޅުތަކާއި، ފެންއަޅަން ގެންގުޅޭ ކަންވާރުތައް ލެއިން ކަޅިވެގެން ދިޔައެވެ. ދެން މީސްތަކުން ފިރުޢައުނުގެ ދަރުބާރަށް ގޮސް އެކަމުގެ ޝަކުވާ އުފުލިއެވެ. އެބައިމީހުން ބުންޏެވެ. [ލޭގެ ސަބަބުން އެތަށް ދަތިކަމަކާއި އުނގަދޫތަކެއް ލިބިއްޖެއެވެ. މިހާރު ބޯން ސަލާމަތުން ހުރި އެންމެ ފެންތިއްކެވެސް ނެތެވެ.] ފިރުޢައުނު ބުންޏެވެ. [މޫސާގެފާނު ކަލޭމެންގެ މައްޗަށް ސިޙުރު ހެދީއެވެ.] ދެން އެބައިމީހުންގޮސް މޫސާގެފާނުގެ އަރިހުގައި ދެންނެވިއެވެ.

[އޭ މޫސާގެފާނޭވެ. މި ލޭގެ އުނދަގުލުން ސަލާމަތް ކުރެއްވުން އެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދަންނަވައި ދެއްވާށެވެ. އޭރު ތިމަންމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ކަލޭގެފާނާއެކު ފޮނުވާނަމެވެ.] ދެން މޫސާގެފާނު އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން ލޭގެ އުނދަގުލުން އެބައިމީހުން ސަލާމަތް ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އީމާން ނުވިއެވެ. އަދި ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނެއްވެސް މޫސާގެފާނާއެކު ނުފޮނުވިއެވެ.] މިފަދަ ރިވާޔަތެއް ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުންވެސް ވާރިދުވެގެން އައިސްފައިވެއެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 4 ވަނަ ޖިލްދު، ޞަފްޙާ 148-149}

 

މިއަދު އޮންލައިން