ބައެއް މީހުން އެމީހުންގެ އަންހެން ދަރިން ނުވަތަ ފިރިހެން ދަރިން ނުވަތަ އެމީހާ ވަލީދޭންޖެހޭ އަންހެނަކުގެ ކައިވެނި ރޫޅުމަށްފަހު އަލުން ގުޅެން ބޭނުންވުމުން އެކަމަށް ހުރަސް އަޅައެވެ. އެކަމަށް ހުރަސްނުއަޅާށެވެ!
އެއީ ކުޑަކުދިންނެއް ނޫނެވެ. ކައިވެނިކޮށްގެން އުޅުމުން އެމީހުންގެ ސިކުނޑި ހުންނާނީ ތަޝައްރަފު ފުދިފައެވެ. ދެވަނަ ފަހަރަށް ގުޅެން ބޭނުންވާނީ ވިސްނާފައި އެއީ އެންމެ ރަނގަޅުގޮތް ކަމަށް ޤަބޫލުކުރެވުމުންނެވެ. އެޙާލަތުގައި އެކަމަށް ހުރަސްނާޅާށެވެ.
ދެމީހުން ޞުލްޙަވެ ކައިވެނީގެ ގޮތުން އަލުން ގުޅުމަކީ ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ގޮތެވެ. އެކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ ދެވަނަ ފަހަރަށް ގުޅެން ހުރަސް އަޅަންވާނީ އަލުން ގުޅުމުން ބޮޑު މައްސަލައެއް ނުކުމެދާނެކަމަށް ޤަބޫލުކުރެވޭނަމައެވެ.
އަނެކާގެ ކިބައިގައި ﷲ ތަޢާލާއަށް ބޮޑު އުރެދުމެއްވާކަން އެނގޭނަމައެވެ. (މިސާލަކަށް މަސްތުވާތަކެތި ބޭނުންކުރުން ފަދަ) އެޙާލަތުގައި ދެވަނަ ފަހަރަށް ނުވަތަ އިތުރަށް ވިސްނަން ނަޞޭޙަތްތެރިވެވިދާނެއެވެ.
ކައިވެނިކޮށްގެން ދިރިއުޅޭނީ އެދެމީހުންނެވެ. މައްސަލަތައް ކުރިމަތިވާނީ އެދެމީހުންނަށެވެ. ވީމާ އެދެމީހުން އަލުން ގުޅެންތިބިނަމަ އެކަމަށް ހުރަސްއަޅަން އެހެން މީހަކަށް އޮންނާނީ ކޮން ޙައްޤެއް ހެއްޔެވެ؟ އެއްވެސް ޙައްޤެއް ނުއޮންނާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން