ހެޔޮ ޢަމަލުތައް ކުރުމުގައި އެންމެ ގިނައިން ޘަވާބު ލިބެން ހުރި ކަންކަން ކުރުމަކީ އެންމެފައިދާހުރި ގޮތެވެ. އެހެންވީމާ މިބަލައިލަނީ ދަރިންނަށް ނަމަވެސް އަދި ކޮންމެ މީހަކަށް ނަމަވެސް އަލްޙަމްދު ކިޔަވަން ދަސކޮށްދިނުމާއި އަނެކާއަށް އަލްޙަމްދު ކިޔާއިރު ކިޔޭކުށްތައް ބުނެދީގެން ހޯދެން އޮތް ފައިދާގެ މައްޗަށެވެ.
ސޫރަތުލްފާތިޙާ (އަލްޙަމްދު) ކިޔަވަން ދަސްކޮށްދިނުމަކީ އެމީހަކަށް ޘަވާބު އޮހި އިތުރުވަމުންދާނެ ކަމެކެވެ! ވީމާ މީހަކަށް ނުބައިކޮށް ކިޔެވޭނަމަ ވެސް ތަޖުވީދުމަގު ބުނެދޭށެވެ. ރަނގަޅަށް ކިޔަވަން ދަސްކޮށްދޭށެވެ. އެއިރުން އެމީހަކު ކުރާ ނަމާދުން ތިބާއަށް ދާނީ ސަވާބުލިބެމުންނެވެ. އަދި އެމީހާ އެހެން މީހަކަށް ދަސްކޮށްދީފި ނަމަ އެކަމުން ވެސް ތިބާއަށް ސަވާބު ދެއްވަވާނެތެވެ.
ކޮންމެ މައަކާއި ބަފައަކުވެސް މިކަމަށް ސަމާލުކަން ދޭށެވެ. މިސާލަކަށް ތިބާގެ ދަރިފުޅަށް ސޫރަތުލްފާތިޙާ (އަލްޙަމްދު) ކިޔަވަން ދަސްކޮށްދޭ މީހަކީ ތިބާކަމުގައިވާށެވެ! އަދި އެކަމަށް ތިބާގެ ކިބައިގައި ކުޅަދާނަކަން ނެތްނަމަ އެކަންކޮށްދެވޭނެ ފެނަވަރުގެ މީހަކުލައްވައިވެސް ދަސްކޮށްދޭށެވެ. ދަރިފުޅު ކުރާ ކޮންމެ ނަމާދަކުންވެސް ތިބާއަށް ދާނީ ޘަވާބުލިބެމުންނެވެ. އަދި އެހެން މީހަކަށް ނަމަވެސް ދަސްކޮށްދީފިނަ އެކަމުން ޘަވާބު ލިބެމުންދާނެއެވެ.
އަލްޙަމްދު ކިޔަވާއިރު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަން އެބަހުއްޓެވެ. މިޘާލަކަށް 6ވަނަ އާޔަތް ނިންމައިލެވޭ ގޮތެވެ. اهْدِنَا الصِّرَاطَ الْمُسْتَقِيمَ ކިޔަވާއިރު އާޔަތް މީމަކަށް ނިމިފައި އޮތް ނަމަވެސް އެކަމަށް ސަމާލުކަން ނުދިނުމުން ނޫނެއްގެ އަޑުން ބައެއް މީހުންނަށް ނިންމައިލެވެއެވެ. މިފަދަ ކަންކަމަމީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންކަމެވެ. ނަމާދު ޞައްޙަވުން ވަނީ އަލްޙަމްދު ފުރިހަމަކޮށްގެންނެވެ. ވީމާ އެކަމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ވީމާ ކުރެވޭ މިފަދަ ކުށްތައް އިޞްލާޙްކުރާށެވެ!
ތިމާއަށް ކިޔޭ މިފަދަ ކުށެއް ފާހަގަކުރެވިގެން މީހަކު ބުނެދީފިނަމަ އުފާކުރާށެވެ! ޝުކުރުވެރިކަމާއިއެކު އެކަން ބަލައިގަންނާށެވެ! އަދި އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ!
މިޒަމާނުގައި އަލްޙަމްދުވިޔަސް އަދި އެހެން ސޫރަތެއްވިޔަސް ތަޖުވީދުމަގުން ކިޔަން ދަސްކޮށްލުމަކީ ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ކޮށްލަްނޖެހޭނެ ކަމަކީ ރިވެތިކޮށް ކިޔަވާ ޤާރީއެއްގެ އަޑުއަހައިލުމެވެ. އެއީ ފޯނުންވެސް ކުރެވެން އޮތް ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން