ފާފަތައް ފުއްސަވައިދެއްވަވަން އެދޭނަމަ ފުރަތަމަ ކަމަކަށް ތިބާގެ ކިބައިން އެކަން ފެންނަންވާނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ފާފަތައް ފުއްސަވައިދެއްވަވަން އެދޭނަމަ ފުރަތަމަ ކަމަކަށް ތިބާގެ ކިބައިން އެކަން ފެންނަންވާނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

މީސްތަކުންނޭވެ! އަހަރެމެން ކޮންމެ މީހަކީވެސް ފާފަތަކުން ފުރި ފޯވެގެންހުރި މީހެކެވެ. ބައެއް މީހުންނަކީ ފާފައިގެ މައްޗަށް ފާފަކުރެވެމުންދާ މީހުންނެވެ. ނަމާދުއަޅާ މީހުންނެވެ. ބަނގުރަލާއި އެހެނިހެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. ފާހިޝް އަމަލުތައްކުރާ މީހުންނެވެ. ޒިނޭކުރާ މީހުންނެވެ. ފަރުޟުތައް އަދާނުކުރެވޭ ހާލުގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ވެސް ކުރަމުން ގެންދާ މީހެކެވެ.

މިހުރިހައި ކަންކަމާއިއެކުވެސް ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހާއަށް ކުރެވުނު ހުރިހާ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވައި ދެއްވެވުމެވެ. ފާފަ ކުރަނީ އަމިއްލައަށް ނަމަވެސް ފާފަތަކުގެ ސަބަބުން އެންމެ ފަޅި ސިކުންތަކަށް ނަމަވެސް ނަރަކައަށް ވަންނަން ބޭނުންވާނެ ހަމައެކަކުވެސް ނެތެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން މިގޮތަށް މިކަން މެދުވެރިވުމަށް އެދޭ މީހާއަށް ބަލައިލަމާ ހެއްޔެވެ؟

އޭނާއަށްޓަކައި އިންތިހާއަށް ބުރައުފުލައި އޭނާ މީހަކަށް ހަދަން އިންތިހާއަށް ޤުރްބާންވި މައިންބަފައިން ނަމަވެސް، ހުރިހައި ޚިދުމަތްތަކެއް ކޮށްދޭ އަނބިމީހާ ނުވަތަ ފިރިމީހާ ނަމަވެސް އަދި ރަޙިމުގެ ގުޅުން އޮތް އަޚުންނާއި އުޚުތުން ނަމަވެސް އެއިން އެއްވެސް މީހަކަށް އޮޅުމަކުން ނަމަވެސް ކުރެވޭ ކުޑަކުޑަކުޑަ ކުށަކަށް ވިއަސް މާފުކުރާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ބަދަލުހިފާށެވެ! ދެރަކޮށް ރޮއްވާށެވެ! އަދި ކުރިން ހަދިޔާކޮށްފައި ހުރި ތަކެތިވެސް އަތުލއި ބަދަލުހިފާށެވެ!

އެގޮތަށް އެމީހާ ހުރެމެ ﷲ ތަޢާލާގެ ޙަޟްރަތުން މިއެދެނީ ހުރިހާ ފާފަތަކަށް ޢަފޫކޮށްދެއްވެވުމަށެވެ. ނިކަން ބުނެބަލާށެވެ. މިއީ ބުއްދިއަށް ޤަބޫލުކުރަން ހެޔޮވެދާނެ ފޯމިޔުލާއެއް ހެއްޔެވެ؟

މީސްތަކުންނޭވެ! ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭނަމަ ފުރަތަމަ އެމީހަކީ އެހެން މީހުންނަށް މާފުކުރާ މީހކަށްވާށެވެ! އެހެން މީހުންނަށް މާފުކުރާ މީހަކަށްވެ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނާށެވެ! އިން ޝާ ﷲ އެއިރުން އެމީހާގެ ހުރިހާ ފާފަތަކަށް ﷲ ތަޢާލާ ޢަފޫކޮށްދެއްވަވާނެތެވެ! އެހެނީ އެހެން މީހުންނަށް މާފުކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތަކުގެތެރޭގައި ހިމެނިގެންވާ ޢަމަލެކެވެ.

--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން