ކައިވެނިކޮށް ދަރިން ލިބުމަށްފަހުގައިވެސް ކައިވެނި ރޫޅައިލަން ބޭނުންވާ ބައެއް މީހުން އެކަން ކުރަނީ ބައިވެރިޔާގެ ކިބައިގަރަނގަޅު ބައިވަރު ސިފަތައް ހުރިނަމަވެސް އުނިވާ ބައެއް މަދުސިފަތަކާއި ގުޅިގެންނެވެ. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މާނައަކީ ޢަމަލުކުރަން ރަނގަޅު ގޮތެއް ނޫނެވެ.
ކޮންމެ މީހެއްގެ ކިބައިގައިވެސް އުނިވާ ކަންތައްތަކެއް ހުންނާނެއެވެ. އުނިކަމެއް ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ އަބަދުވެސް ބަލަންޖެހޭނީ ހުރި އުނިސަފަތަކާއި ރަނގަޅު ސިފަތަކުގެ ޢަދަދަށެވެ. އަދި އެކަމުން ދެމަފިރިންގެ ގުޅުމަށް އަސަރުކުރާ މިންވަރަށެވެ.
މިޘާލަކަށް ފިރިމީހާ އަދާކުރަންޖެހޭ ވާޖިބްތައް އަދާކުރެއެވެ. ޢާއިލީ ޒިންމާ އުފުލައެވެ. ނަމަވެސް މަދުން ނަމަވެސް ބައެއް ކުދިކުދި ކަންކަމުގައި އިހްމާލްވެއެވެ. މިޙާލަތުގައި އޮތީ ވަކިވުމެއް ނޫނެވެ. ފިރިމީހާއަށްޓަކައި ހެޔޮދުޢާކުރުމެވެ.
ހަމައެގޮތަށް އަނބިމީހާ އޭނާގެ ޒިންމާތައް އަދާކުރެއެވެ. ވަފާތެރިއެވެ. ލޯބިވެސްދެއެވެ. ނަމަވެސް ބައެއް ކަންކަމުގައި ފަރުވާކުޑަކުރެއެވެ. ނުވަތަ ބައެއް ފަހަރު ބޭކާރު ވާހަކަތައް ދެއްކުން ގިނަވީމާ ބޮލަށް އުނދަގޫވަނީއެވެ. މިފަދަ ޙާލަތުގައިވެސް އޮތީ ވަރިކުރުމެއް ނޫނެވެ. އަނބިމިހާއަށްޓަކައި ހެޔޮދުޢާކުރުމެވެ.
ހުންނަ މިބާވަތުގެ މައްސަލަތަކާއިއެކުގައިވެސް ދެމަފިރިން އެކުގައި އުޅެން މަސައްކަތްކުރާނަމަ އެދެމަފިރިއަކަށް މާތް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން