ދާދިފަހުން ހޯމަ ދުވަހަކު އަޅުގަނޑު ރޯދަ ވީއްލީ ހުޅުމާލޭގައި އެންމެ ގިނަ މީހުން ނަމާދަށްއަރާ އެއް މިސްކިތުގައެވެ. މަޣްރިބް ނަމާދަށް ބަންގިގޮވިއިރު 50 ވަރަކަށް މީހުން މިސްކިތުގައި ތިއްބެވެ. ނަމަވެސް ރޯދަވީއްލީ އެންމެ 3 މީހުންނެވެ. އެހެންވީމާ އެއޮތީ ރޯދަހިފިމީހުންގެ ޢަދަދު އެނގިފައެވެ.
ވީމާ ސުންނަތް ރޯދަ ހިފުން ފަދަ ކަންކަން ކުރިއަށް ގެންދަން ހިތްވަރުދޭން ނުވިސްނަވަންތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެކަންކަމަސް ހިތްވަރުދީ ވީހައި ގިނައިން ލިޔަން މަސައްކަތް ކުރަމުއެވެ. މަހަކު 2،3 ފަހަރު ނުލިޔެވޭ މަހެއް ހަމަނުދާނެއެވެ. އިން ޝާ ﷲ އަދިވެސް ލިޔަމުން ގެންދާނަމެވެ.
އަބޫހުރައިރާ ރަޟިޔަالله ޢަންހު ވިދާޅުވި. "ތިމަންކަލޭގެފާނުގެ ޚަލީލު ތިންކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިންދުވަހު ރޯދަހިފުމަށާއި، ކޮންމެ ދުވަހަކު ޟުޙާގެ ދެރަކްޢަތް ކުރުމަށާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ." (އަލްބުޚާރީ އަދި މުސްލިމް.)
މި ވަޞިއްޔަތްފުޅުގައި މިވަނީ 3 ކަމެކެވެ. 1. ކޮންމެ މަހަކު ތިންދުވަހު ރޯދަހިފުން. 2. ކޮންމެ ދުވަހަކު ޟުޙާގެ ދެރަކްޢަތް ކުރުން. އަދި 3 ވަނަކަމަށް ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ.
ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފާމީހުން އަންނަ ބުރާސްފަތިދުވަހުން ފެށިގެން ސުންނަތް ރޯދަތައް ހިފަން ފަށަމާ ހިނގާށެވެ. ޞުޙާ ނަމާދުކުރުމާއި ވިތުރިކުރުންމަތީގައި ދެމިތިބެމާ ހިނގާށެވެ.
"ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަހިފާ މީހަކަށް މަހުގެ 3 ދުވަހު ރޯދަ ހިފުމުގެ ސުންނަތްވެސް ޙާޞިލްކުރެވޭނެއެވެ. އެހެންކަމާއިއެކުވެސް ސުންނަތް ރޯދަހިފުން ހިފުން ގިނަކުރުމުގެ ގޮތުން 13،14،15 ދުވަހުވެސް ރޯދަހިފަންވީއެވެ.": ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް